އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންގެ ނަތީޖާ ނުކުތް ގޮތާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މާލޭގެ ތިން ދާއިރާއެއް ހިމެނޭހެން އިއްޔެ ބޭއްވި ހަ ދާއިރާގެ ބައި އިލެކްޝަންގެ ތެރެއިން، ޕީއެންސީން ވަނީ ފަސް ދާއިރާއެއްގެ ގޮނޑި ކާމިޔާބުކޮށްފައެވެ. އިދިކޮޅު މައި ޕާޓީގެ ގޮތުގައި މި ވަގުތު އޮތް އެމްޑީޕީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުކުރެވުނެވެ.

ބައި އިލެކްޝަންތަކުގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓުން ކުރި ހިތްވަރާއި މަސައްކަތަށް ޝުކުރު އަދާކުރައްވައި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާ ނުކުތް ގޮތަކާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށެވެ.

"ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މިހާރު މި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ޕާޓީއަށް ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް،" ފައްޔާޒު ވިދާޅުވެފައިވެއެވެ.

ފައްޔާޒު ވިދާޅުވި ގޮތަށް އިއްޔެ އިންތިހާބުގައި ވޯޓުލާން ނުކުތީ ވަރަށް މަދު ބައެކެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނާ ގޮތުން ހަ ދާއިރާއެއްގެ ބައި-އިލެކްޝަންގައި 13،112 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވީ ނަމަވެސް ވޯޓުލާން ނުކުތީ 3،528 މީހުންނެވެ. އެއީ 27 ޕަސެންޓު މީހުންނެވެ.

ހާއްސަކޮށް މާލޭގެ ދާއިރާތަކަށް ވޯޓުލާން ނުކުތް މީހުން ވަރަށް މަދެވެ.