ބަންގްލަދޭޝްގައި ކާފިއު އިއުލާންކޮށް ބަޑި ޖެހުމުގެ ހުއްދަ ދީފިއެވެ.

ބަންގްލަދޭޝްގައި އެ ގައުމުގެ ދަރިވަރުން ކުރަމުންގެންދާ ބޮޑު މުޒާހަރާތައް ހޫނުވެ އެ ގައުމުގެ މަޝްރަހު ގޯސްވެފައިވާއިރު ސަރުކާރުން ވަނީ މުޅި ގައުމުގައި ކާފިއު އިއުލާންކޮށްފައެވެ.

މުޒާހަރާތަކުގައި ހިނގާ ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 100 އަށްވުރެނ ގިނަ މީހުން މަރުވެފައިވާކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ބަންގްލަދޭޝްގައި ކާފިއު އިއުލާންކޮށްފައިވާއިރު އެ ގައުމުގެ ސަރުކާރުން ވަނީ ފުލުހުންނަށް "ޝޫޓް އޮން ސައިޓް''ގެ ހުއްދަ ދީފައެވެ. އެ ހުއްދައާއި އެކު ކާފިއު ވަގުތުތަކުގައި ފުލުހުންނަށް ބަޑިޖެހުމުގެ ބާރު ލިބޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ކާފިއު ވަގުތީ ގޮތުން ހޮނިހިރު ދުވަހު ނަގާފައިވާއިރު އެވަގުތު ތެރޭގައި އަސާސީ ކަންކަމަށް އާންމުން މަގުމައްޗަށް ނިކުތުމުގެ ހުއްދަ ދީފައިވެއެވެ. ނަމަވެސް މުޒާހަރާކުރުން ވަނީ މަނާކޮށްފައެވެ.

ގައުމުގައި ހަމަޖެހުން ގާއިމުކުރުމަށް ކަމަށްބުނެ ސަރުކާރުން ވަނީ ބުރާސްފަތި ދުވަހުން ފެށިގެން އިންޓަނެޓާއި ސޯޝަލް މީޑިއާގެ ހިދުމަތް ބްލޮކްކޮށްފައެވެ.

މުޒާހަރާތަކުގައި އަނިޔާވާ އަދި މަރުވާ މީހުންގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައި ނުވި ނަމަވެސް ނޫސްތަކުން ވަނީ މިހާތަނަށް 115 މީހުން މަރުވެ 1000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާކަމަށް ބުނެފައެވެ.