ޗައިނާގައި ބުރިޖެއް ވެއްޓި 12 މީހަކު މަރުވެއްޖެއެވެ.

ޗައިނާގެ އުތުރުން އޮންނަ ޝަންޒީ ޕްރޮވިންސުގައި ހުންނަ ބުރިޖު ވެއްޓުނު ހާދިސާގައި 12 މީހުން މަރުވެފައިވާއިރު 31 މީހަކު ގެއްލިގެން ހޯދަމުން އަންނަކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.

ބުރިޖުން ބައެއް ވެއްޓިފައިވަނީ ޗައިނާގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެއެވެ. ރެސްކިއު އޮފިޝަލުން ވަނީ މިހާތަނަށް 17 ކާރާއި 8 ޓްރަކު ބުރިޖު ހިމެނޭ ކޯރަށް ވެއްޓިފައިވާކަމަށް ބުނެފައެވެެ.

ޗައިނާގެ ނެޝަނަލް ފަޔާ އެންޑް ރެސްކިއު އޮތޯރިޓީން ވަނީ ރެސްކިއު ހަރަކާތްތުގައި 900 އަށްވުރެ ގިނަމީހުން ބައިވެރިވާކަމަށާއި 90 ވެހިކަލާއި 20 ބޯޓުގެ އިތުރުން 41 ޑްރޯން އެ ހަރަކާތުގައި ބޭނުންކުރަމުން އަންނަކަމަށް ބުނެފައެވެ.

ޗައިނާއަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ.