ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

"ނާރެސް ޕޯޓަލް" އާއި ކުރަނގި ފޭސް 2 އިފްތިތާހުކުރަން ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ކުރަނގި އޮޕަރޭޝަނުގެ ދެވަނަ ފިޔަވަހި ފެށިގެންދާއިރު ކައުންސިލްތަކުން ރަށްރަށުގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަޕްރިންޓް ނަގާނެ ކަމަށެވެ. އަދި ކުރަނގި އޮޕަރޭޝަނުގެ ސަބަބުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ކަށަވަރުކޮށް، އެ ފަރާތްތައް ދެނެގަނެ، އެމީހުންނާ ދޭތެރޭ އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު ދެނެގަތުމަށް ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތަކީ އެއް އަހަރު ދުވަސް ކަމަށެވެ.

"ޖެހިގެން އަންނަ ދެވަނަ އަހަރާއި ތިން ވަނަ އަހަރަކީ މިގޮތުން ދެނެގަނެވޭ މީހުން ގާނޫނީ އިމުގެ ތެރެއަށް ގެނައުމުގެ މަސައްކަތް ކުރާނެ ދެ އަހަރު ދުވަސް. ﷲގެ އިރާދަފުޅާ އެކު ރައީސްގެ އިރުޝާދާ އެކު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ތިން އަހަރު ތެރޭގައި ރާއްޖޭގައި މިއޮތް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އެއްކޮށް ދާއިމީ ހައްލެއް ގެނައުން،" އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރަނގި ފޭސް އެކެއްގައި ކުރި މަސައްކަތަކީ ސިޔާސަތުތައް އެކުލަވައިލުމާއި ބައެއް ރަށްރަށުގައި އެކަން އޮތް ހާލަތު ދެނެގަނެ އެޕްލިކޭޝަން ޑިވެލޮޕްކުރުމެވެ. ފޭސް ދޭއްގައި ކުރާނެ ކަމަކީ އެޕްލިކޭޝަންތަކުގެ އެކްސެސް ކައުންސިލްތަކަށް ދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ އެޕްލިކޭޝަން މެދުވެރިކޮށް، ކައުންސިލަރުންނަށް ޝައްކުވާ ބިދޭސީއެއްގެ ފޮޓޯ ނެގުމުން، އެ ބިދޭސީ މީހާގެ ނަމާއި ހުރިހާ ހުރިހާ ވަނަވަރެއް ކައުންސިލްތަކަށް އެނގިގެންދާނެ ކަމަށެވެ. އެއީ ކޮން ކުންފުންޏަކުން އެތެރެވި މީހެއް ކަމަށާއި އެންމެ ފަހުން ވިސާ އާ ކުރީ ކޮން ތާރީހެއްގައި ކަން ފަދަ މުހިންމު މައުލޫމާތުތައް ވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް ބެލޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމުގައި ކައުންސިލްތަކަށް ބާރުވެރިކަން ދިނުމުން އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ފުރަތަމަ ބައި ނިމުނީ ކަމަށެވެ.