ބަންގްލަދޭޝްގައި މުޒާހަރާކުރާތީ ލަންޑަނުގައި ހަމަނުޖެހުން ހިންގައިފިއެވެ.

ބަންގްލަދޭޝްގެ ދަރިވަރުން އެ ގައުމުގެ މަގުތަކުގައި ކުރިޔަށް ގެންދާ މުޒާހަރާތައް ހޫނުވެ ބޮޑެތި ހަމަނުޖެހުން ހިނގަމުންދާއިރު އެ މުޒާހަރާތަކާ ގުޅިގެން އިނގިރޭސިވިލާތުގެ ލަންޑަނުގައި ދިރިއުޅޭ ބަންގްލަދޭޝްގެ ބަޔަކުވެސް ވަނީ މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގަން ފަށާފައެވެ.

ލަންޑަނުގެ ފުލުހުން ވަނީ ބަންގްލަދޭޝްގެ ދެ ގުރޫޕެއްގެ ދެމެދުގައި ހިޔާލު ތަފާތުވެ މުޒާހަރާކޮށް ދެ ގުރޫޕު ދެމެދުގައި ބޮޑެތި ހަމަނުޖެހުން އުފެދިފައިވާކަމަށް ބުނެފައެވެ.

ލަންޑަންގެ ވައިޓްޗާޕެލް އަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ހިސާބެއް ކަމަށް އޮފިޝަލުން ބުނެއެވެ. އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގުމުގައި 100 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ލަންޑަނުގައި ބަންގްލަދޭޝްގެ ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި ހަމަނުޖެހުމުގައި ގިނަ އަދަދެއްގެ ކާރުތަކަށް ގެއްލުން ލިބިފައިވާއިރު ހަމަނުޖެހުން ހުއްޓުވުމުގައި ހަރަކާތްތެރިވި ދެ ފުލުހަކަށް އަނިޔާވެފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ލަންޑަނުގައި ހަމަނުޖެހުން ހިންގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.