މާލޭގެ ގެސްޓްހައުސްއެއްގެ ކޮޓަރިއަކަށް ވަދެ، މީހަކު ރަހީނުކޮށްގެން ގެންގޮސް ގެއެއްގެ ތެރޭގައި ގެންގުޅެނިކޮށް ސަލާމަތްކޮށްފިއެވެ.

ފުލުހުނ،ް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އިއްޔެ ރިޕޯޓްކުރި އެ ހާދިސާގައި މާލޭ ގެއެއްގެ ތެރޭގައި ރަހީނުކޮށްގެން ގެންގުޅުނީ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އޭނާ ސަލާމަތްކުރީ ރަހީނުކުރިތާ ކިހާ ވަގުތެއް ފަހުން ކަމެއް ނުބުނެއެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި އުމުރުން 30 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއް އަދި 22 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

އެ ތިން މީހުން ބަންދުކުރަން ކޯޓުން ނެރުނު އަމުރުން އެނގޭ ގޮތުގައި، ރަހީނުކުރި މީހާ ގެއަށް ގެންދިޔައީ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގެ ތެރޭގައި އޭނާ ހުއްޓައި އެތަނުން ރަހީނުކޮށްގެންނެވެ. އަދި ރަހީނުކުރި މީހާ ސަލާމަތްކުރީ ފުލުހުންގެ ހާއްސަ އޮޕަރޭޝަނަކުން ކަމަށާއި އެތަނުން މި މައްސަލައާ ގުޅޭ ތިން މީހުންވެސް ހައްޔަރުކުރި ކަމަށްވެސް ބަންދު އަމުރުން އެނގެއެވެ.