މަތީ ތައުލީމު ހޯދުމުގެ ބުރަ މަސައްކަތް ކުރަމުންދާއިރު ބައެއް ފަހަރު އެކި ކަންކަމުގައި ކާމިޔާބު ނުވެދާނެ ކަމަށާއި އެއީ ދެރައެއް ކަމަށް ނުބަލައި ލިބޭ ތަޖުރިބާއެއްގެ ގޮތުގައި ދެކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ދަރިވަރުންނަށް އިލްތިމާސް ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިފާއި ހައި އެޗީވާސް ސްކޮލާޝިޕް ހަވާލުކުރުމަށް ހުރަވީ ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދަރިވަރުން އަނެއްކާވެސް ކުރިމަތިލުމަށް ތައްޔާރުވަމުން މިދަނީ ބުރަ އަދި މުޅިންއާ މަރުހަލާއަކާ ކަމަށެވެ. ވޭތުވެދިޔަ ދުވަސްވަރު ކިޔެވުމަށް ކުރި މަސައްކަތުން ހިތްވަރު ލިބިގަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ކިޔެވުމުގެ މަރުހަލާ ކުރިއަށްދާއިރު ދަރިވަރުން އެންމެ ބޮޑަށް ވިސްނަންވީ ދިރިއުޅުމުގައި ވެސް، ކިޔެވުމުގައި ވެސް ކާމިޔާބީއާއި ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެކަން ކަމަށް ރައީސް ވިދާޅުވި އެވެ. ނާކާމިޔާބުވާއިރު އާ އަޒުމެއްގައި އަލުން ހިތްވަރާއެކު މަސައްކަތް ފަށައިގަންނަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ގޯސްކޮށް ވެސް ކަންކަން ކުރެވޭނެ. އެއީ ކަންކުރަން ނުކުމެ އުޅޭތީ. އެއީ ދެރައެއް ނޫން. އެއީ ތަޖުރިބާއެއް. ކަންކުރަން ހިތްވަރާއެކު ނުކުތުން، އަމަލީ ގޮތުން މަސައްކަތްތަކުގައި ހިދުމަތުގައި އުޅުން އެންމެ މުހިންމު ކަމަކީ. އެއީ ހަގީގީ ދިރިއުޅުމަކީ، ހަގީގީ ކާމިޔާބީއަކީ" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން ބޭރަށް ތައުލީމު އުނގެނުމަށް ދާ ކުދީން އަބަދުވެސް ވިސްނުމުގައި ހަރުލައްވަންވީ ތިއީ މުސްލިމުންކަން ކަމަށެވެ. ރައީސް ވިދާޅުވީ މުސްލިމެއްކަން ގަބޫލުކޮށްގެން އެކަން ހަނދާނުގައި ބަހައްޓައިގެން ކުރިއަށްދާނަމަ، ކޮންމެ ގައުމަކަށް ކިޔަވަން ދިޔަކަމުގައިވީ ނަމަވެސް ހުރިހާ ކަމެއް ދާނީ ރަނގަޅަށް ކަމަށެވެ.
"ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށް ކޮންމެ ތަނަކު ކޮންމެ ގައުމަކު ހުއްޓަސް ކޮންމެ ކުއްޖަކު ވެސް އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭނެ. އިސްކަން ދޭން ޖެހޭނެ. ބޭރު ގައުމެއްގައި ކިޔަވަން ހުންނައިރު ތިޔަކުދީންނަށް ކިޔެވުމުގައި އަދި މުޅި ދިރިއުޅުމުގައި އެންމެ އެހީތެރިކަން ދިން މައިންބަފައިންނާއި ބެލެނިވެރިން މަތިން އަބަދު ވެސް ހަނދާންކުރަން ޖެހޭނެ." ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔެވުމަށްފަހު ދަރިވަރުން އަނބުރާ ރާއްޖެ އައިސް ގައުމަށް ހިދުމަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ އެފަދަ ދަރިވަރުންނަށް އެކަށީގެންވާ ފުރުސަތާއި އެކަށީގެންވާ މުސާރަ ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު