ބޮޑު ޕްރެޝަރެއްގައި ހުރި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސް މޫސާ ނާޝިދު، މަގާމުން އިސްތިއުފާ ދެއްވަން ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އަށް މިއަދު ސިޓީ ފޮނުއްވައިފިއެވެ.
މޫސަގެ އިތުރުން މިހާރު އޮތް ބީއޭއެމްގެ ހިންގާ ކޮމިޓީގެ ދައުރު މާކުރިން އޮތީ ހަމަވެފައެވެ. ބީއޭއެމްގެ އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، މިހާރު އޮތް ދައުރުގެ މުއްދަތު ހަމަވެ، އޭގެ ފަހުން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ދެ ފަހަރެއްގެ މަތިން ދިން މުއްދަތުވެސް ވަނީ ހަމަވެފައެވެ.
ބީއޭއެމްއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންގެންދާ ތަހުގީގުގައި މިހާތަނަށް ގިނަ ކަންތައްތަކެއް ހިނގާފައިވެއެވެ. ބީއޭއެމްގެ ރައީސް މޫސަ، މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން، ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގަމުންދާ ކަމަށް ބުނެ އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ އެސޯސިއޭޝަން ހިންގުމުގައި އެތަނަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމުގައި އަމިއްލަ މަސްލަހަތު ފުށުއަރާ ފަދައިން އަމަލުކޮށް، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމާއި ހޯދައިދީފައިވާ ކަމަށް ތުހުމަތުކޮށް ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅޭ ހެކި ހޯދުމަށް ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ ތިން އަމުރެއް ކްރިމިނަލް ކޯޓުން އޭސީސީގެ މައްޗަށް ނެރުނެވެ.
މޫސަގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ ގޮތުން ބެޑްމިންޓަން އެސޯސިއޭޝަންގައި މަސައްކަތް ކުރި ފަރާތަކުން ވަނީ، ރާއްޖޭގެ ކުޅިވަރުގެ ބޮޑެތި އިދާރާތަކަށް މައުލޫމާތު ހިމަނައި ސިޓީއެއް ފޮނުވައިފައެވެ. ސިޓީގައި ހިމަނާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އެސޯސިއޭޝަންގެ ރައީސް މޫސަގެ މަސްލަހަތު އޮންނަ އަސްކަނި ސްޕޯޓްސްއަށް ފައިދާވާ ގޮތަށް ބޯޅަ ގަތުންވެސް ހިމެނެއެވެ. އަސްކަނި ސްޕޯޓްސް އިން އެސޯސިއޭޝަނާ ދެމެދު މިދިޔަ އަހަރު އެކަނިވެސް 300،000 ރުފިޔާގެ ވިޔަފާރިކޮށްފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.
އޭގެ އިތުރުން މޫސަގެ މަސްލަހަތު އޮންނަ ގެއަކުން އެޕާޓްމަންޓް ކުއްޔަށް ނަގައި، އޭނާއަށް ކުލި ލިބޭ ގޮތަށް އޮންނަ ކަމަށް ތުހުމަތު ވަނީ އަމާޒުވެފައެވެ. އޭގެ އިތުރުން އެސޯސިއޭޝަންގެ ހިންގާ ގަވާއިދާ ހިލާފަށް ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ކުދިން އަތުން ފީ ނެގުންވެސް ހިމެނެއެވެ.
މޫސަގެ މައްޗަށް ތުހުމަތުތައް ކުރުމާއެކު އޭނާ ވަނީ އެސޯސިއޭޝަންގެ އިންތިހާބު އިއުލާންކޮށް، އަވަސް އަރުވާލައިގެން އާ އިންތިހާބެއް ބާއްވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލާއި އޭސީސީން ވަނީ އެ އިންތިހާބު ހުއްޓުވައިފައެވެ. އަދި އަސާސީ ގަވާއިދަށް ބަދަލު ގެނެސްގެން އިންތިހާބު ބާއްވަން އަންގާފައިވާއިރު، އެސޯސިއޭޝަނުގެ މައްސަލަތައް ހައްލުކުރަން މިނިސްޓްރީންވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ.
މޫސަ، މިއަދު ބީޑަބްލިއުއެފްއަށް ސިޓީ ފޮނުއްވާފައިވާކަން "ވަން ސްޕޯޓްސް" އިން ވަނީ ކަށަވަރުކޮށްފައެވެ. ނަމަވެސް އެފަދަ ސިޓީއެއް މޫސަގެ ފަރާތުންވެސް އަދި އެސޯސިއޭޝަންގެ ފަރާތުންވެސް ސްޕޯޓްސް ކޮމިޝަނަރަށް ފޮނުވާފައެއް ނުވެއެވެ. އެކަން ސްޕޯޓްސް ކޮމިޝަނަރު ތޮލާލް ވަނީ "ވަން ސްޕޯޓްސް" ކަށަވަރުކޮށް ދެއްވައިފައެވެ.
އިސްތިއުފާ ދިނުމާއި ގުޅިގެން "ވަން ސްޕޯޓްސް" އިން މޫސައަށް ގުޅާލުމުން ވިދާޅުވީ "ނޯ ކޮމެންޓްސް" ކަމަށެވެ. އަދި އިސްތިއުފާގެ ސިޓީއެއް ހުށަހެޅުއްވިކަން ޔަގީންކޮށްދެއްވަންވެސް އޭނާ އިންކާރު ކުރެއްވިއެވެ.
ރާއްޖޭގައި ހިންގަމުންދާ ކުޅިވަރު އެސޯސިއޭޝަނެއްގެ ރައީސަކު އިސްތިއުފާ ދެއްވާ ނަމަ، އެކަން އެސޯސިއޭޝަނުގެ އިތުރުން އެސޯސިއޭޝަނުގެ ބެލެނިވެރި ފަރާތް ކަމަށްވާ ސްޕޯޓްސް ކޮމިޝަނަރަށްވެސް އަންގަންޖެހެއެވެ. ނަމަވެސް މޫސަ އަދި އެ ޕްރޮސީޖާ ފުރިހަމަ ކުރައްވައިފައެއް ނުވެއެވެ.
މޫސަ އިސްތިއުފާއަށް ހުށަހަޅުއްވާފައި ވަނީ އޭނާއަށް އިތުރު ގޮތް ގޮތުން ޕްރެޝަރާ ކުރިމަތިވެފައި ވަނިކޮށެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުން އިންތިހާބު ކުރި ހިންގާ ބޯޑު އިންތިހާބުކުރީ 24 ފެބްރުއަރީ 2021 ގައެވެ. ހިންގާ ބޯޑު ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރީ، 11 މާޗް 2021 ގައެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް