ތައިލެންޑަށް ދަތުރުކުރާ ދިވެހީންނަށް ވިސާއާ ނުލައި 60 ދުވަހު އެ ގައުމުގައި ތިބެވޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިފި އެވެ.

މީގެ ކުރީން ތައިލެންޑަށް ދާ ދިވެހީންނަށް ލިބެނީ 30 ދުވަހުގެ އޮން އެރައިވަލް ވިސާއެކެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 15 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް އިތުރު ލުއިފަސޭހަތަކެއް އެ ގައުމުގެ ސަރުކާރުން ދީފައިވާ ކަމަށެވެ.

އެގޮތުން، 60 ދުވަހުގެ ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ތައިލެންޑް އިމިގްރޭޝަން ޑިޕާޓްމަންޓަށް އެކަން ހުށަހެޅުމުން އިތުރު 30 ދުވަހަށް ވިސާގެ މުއްދަތު އިތުރުކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ބަޔާނުގައި ފޮރިން މިނިސްޓްރީން ވަނީ ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ދިވެހީން ދަތުރަށް ފެށުމުގެ ކުރިން ޓްރެވެލް އިންޝުއަރެންސެއް ހޯދުމާއި އެ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސް ކޮށްފަ އެވެ.

ތައިލެންޑަކީ އެކިއެކި ބޭނުންތަކަށް ދިވެހީން ވަރަށް ގިނައިން އައިސް ގޮސްވާ ގައުމެކެވެ.