ދާދިފަހުން އުމުރުން 33 އަހަރުގައި ފުޓުބޯޅައިން ރިޓަޔާކުރި ތިއާގޯ އަލްކަންޓާރާ، ބާސެލޯނާގެ އާ ކޯޗު، ހާންސީ ފްލިކާއެކު ކޯޗިން މަސައްކަތަށް ނުކުމެއްޖެއެވެ.

ކުރިން ބާސެލޯނާ، ބަޔާން މިއުނިކް އަދި ލިވަޕޫލަށްވެސް ކުޅުނު ތިއާގޯ ފުޓުބޯޅަ ހުއްޓާލާނެ ކަމަށް އިއުލާނުކުރީ މިމަހު ކުރީކޮޅުގައެވެ. ސްޕެއިންގެ ގައުމީ ޓީމަށް 46 މެޗު ކުޅެދީފައިވާ ތިއާގޯ ކެރިއަރު ފެށީ 2008 ވަނަ އަހަރުއެވެ. އެއީ ބާސެލޯނާގެ ބީ ޓީމުންނެވެ. ތިއާގޯގެ އާއިލާއަކީ ބްރެޒިލްގެ އާއިލާއެއް ނަމަވެސް، އޭނާގެ ޅަ އުމުރުގައި ބާސެލޯނާގެ ލަ މާސިއާ އެކަޑެމީއާ ގުޅިފައިވެއެވެ.

އެ ކްލަބުގެ އެކަޑެމީ ތެރެއިން ސީނިއާ ޓީމަށް ތިއާގޯ ނުކުމެފައި ވަނީ 2009 ވަނަ އަހަރުއެވެ. އޭގެފަހުން 2013 ވަނަ އަހަރާއި ހަމައަށް ބާސާއަށް ކުޅުމަށްފަހު ތިއާގޯ ވަނީ ޖަރުމަނުގެ ވަރުގަދަ ބަޔާން މިއުނިކަށް ބަދަލުވެފައެވެ. އެ ކްލަބަށް ހަތް އަހަރު ކުޅުމަށްފަހު ތިއާގޯ އެންމެފަހުން ބަދަލުވީ ލިވަޕޫލަށެވެ. އެ ކްލަބާއެކު ފުރަތަމަ ކޮޅުގައި މޮޅަށް ކުޅުނު ނަމަވެސް، މިދިޔަ ސީޒަނުގައި އޭނާއަށް ވަނީ އަނިޔާގެ ބޮޑެތި މައްސަލަތަކާ ދިމާވެފައެވެ.

ތިއާގޯ 98 މެޗު ލިވަޕޫލަށް ކުޅެފައިވާ ނަމަވެސް، މިދިޔަ ސީޒަނުގައި އޭނާއަށް ވާދަވެރި މެޗެއްގައި ކުޅެވުނީ އެންމެ ފަސް މިނެޓުގެ ކުޅުމެވެ. އެއީ ފަލަމަސްގަނޑުގެ އަނިޔާގެ ސަބަބުންނެވެ.

ތިއާގޯ ބާސާގެ އާ ކޯޗު ފްލިކާއެކު މިހާރު މަސައްކަތް ފަށާފައިވާ އިރު، ބާސާގެ ޕްރި ސީޒަން ޓުއާގައިވެސް އޭނާ ބައިވެރިވާނެއެވެ. އެގޮތުން ބާސާއިން ޕްރި ސީޒަނުގައި އެމެރިކާއަށް ދާއިރުވެސް ފްލިކްގެ އެސިސްޓެންޓެއްގެ ގޮތުގައި ތިއާގޯ ދާނެ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

ތިއާގޯ ކުޅުންތެރިއެއްގެ ގޮތުގައި ވަނީ ބާސާއާއެކު ހަތަރު ފަހަރަށް ލަލީގާ ހޯދައި، އެ ކްލަބާއެކު ޗެމްޕިއަންސް ލީގާއި ސުޕަ ކަޕް، ފީފާ ކްލަބު ވޯލްޑް ކަޕް އަދި ކޮޕާ ޑެލް ރޭވެސް ހޯދައިފައެވެ.