ރެއާލް މެޑްރިޑްގެ ލެޖެންޑަރީ މިޑްފީލްޑަރު ލޫކާ މޮޑްރިޗް، އިތުރު އެއް އަހަރު ދުވަހަށް ކްލަބުގައި މަޑުކުރަން އެއްބަސްވުން އާކޮށްފިއެވެ.
އުމުރުން 38 އަހަރުގެ މޮޑްރިޗް، ރެއާލާއެކު 26 ތަށި މިހާތަނަށް ހޯދާފައިވެއެވެ. އޭގެ ތެރޭގައި ހަ ޗެމްޕިއަންސް ލީގާއި، ހަތަރު ލީގު ތަށިވެސް ހިމެނެއެވެ. އޭނާ ޓޮޓެންހަމްއިން ރެއާލަށް ބަދަލުވީ 2012 ވަނަ އަހަރުއެވެ. މޮޑްރިޗް، ރެއާލަށް 534 މެޗު ކުޅެފައިވާ އިރު، އެ ކްލަބުގައި އޭނާއަށް ހޯދުނު އެންމެ ބޮޑު އިންޑިވިޖުއަލް ކާމިޔާބީއަކީ 2018 ވަނަ އަހަރުގެ ބެލޮންޑިއޯ ހޯދުމެވެ.
މޮޑްރިޗް ރެއާލާއެކު ހަދާފައިވާ އެއްބަސްވުން، މިދިޔަ ޖޫން މަހުގެ ނިޔަލަށް ހަމަވާން އޮތް އިރު، އެއްބަސްވުން ވަނީ އޭގެ ކުރިން އާކޮށްފައެވެ. އެހެން ނަމަވެސް އިއުލާނުކުރީ އިއްޔެއެވެ.
މިދިޔަ ސީޒަނުގެ 46 މެޗެއްގައި މޮޑްރިޗް ފެނިގެން ދިޔަ ނަމަވެސް، އޭނާ ފުރަތަމަ 11 ގައި ހިމެނިފައި ވަނީ 23 މެޗެއްގައެވެ. އޭގެފަހުން ޔޫރޯއަށް ގޮސް މޮޑްރިޗް، ކްރޮއޭޝިއާއިން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައިވެސް ކުޅެފައިވެއެވެ.
މޮޑްރިޗް މިހާރު ތައްޔާރުވަމުން ދަނީ އޭނާ ރެއާލާއެކު ކުޅޭނެ 13 ވަނަ ސީޒަނަށެވެ. ރެއާލުން މިހާތަނަށް ކިލިއަން އެމްބާޕޭގެ ސޮއި ހޯދައި، އޭނާ އިއުލާނުވެސް ކޮށްފައިވާ އިރު، އަންނަ ސީޒަނުގައި ބްރެޒިލްގެ ތަރި އެންޑްރިކްވެސް ރެއާލުން ފެންނާނެއެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް