ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންދާއިރު، ރާއްޖޭގެ ބޭންކުތަކުން ބޭނުންވާ މައުލޫމާތު ހޯދުން ވަރަށް ދަތި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވީ ބޭންކުތަކުން މައުލޫމާތު ހޯދުމަށްޓަކައި އެތައް ފަހަރަކު މަސައްކަތް ކޮށްގެންވެސް ކުރިއެރުމެއް ނުލިބޭ ކަމަށެވެ. ނަމަވެސް އެކަމުގެ ތުހުމަތު އޭނާ ކުރެއްވީ މަރުކަޒީ ބޭންކު އެމްއެމްއޭއަށެވެ.
އޭނާ ވިދާޅުވީ، އެ މައުލޫމާތުތައް ބޭންކުން ނުދެނީ ރާއްޖޭގެ ބޭންކިން ނިޒާމު، އެމްއެމްއޭ އިން ރަނގަޅަށް މޮނީޓާ ނުކުރެވޭތީ ކަމަށެވެ. އެކަމުގައި އެމްއެމްއޭ އިން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރެވެނީ އެ ބޭފުޅުންގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ހައްދަވަންޖެހޭ ގަވާއިދުތައް، ޒަމާނަށް ފެތޭ ގޮތަށް ބަދަލުކުރެވިފައިނުވާތީ ކަމަށްވެސް ވިދާޅުވިއެވެ.
ޝާމިލް ވިދާޅުވީ، އެކަމާ ގުޅިގެން ބޭންކިން ނިޒާމު އެމްއެމްއޭ އިން ބަލަަހައްޓަމުން ދަނީ އެންމެ ރަނގަޅު ގޮތުގައިތޯ ބަލަންޖެހޭ ކަމަށެވެ. އަދި ތަހުގީގީ އިދާރާތަކަށް ލިބެންޖެހޭ މައުލޫމާތު ނުލިބުމަކީ ބޮޑު މައްސަލައެއް ކަމަށާއި އެ މައްސަލަ ހައްލުވެގެން ދިއުމަކީ އޭސީސީގެ ތަހުގީގުތައް އަވަސްވެގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު