އިންގްލެންޑް ކޯޗުކަމުގެ މަގާމުން ގެރެތު ސައުތުގޭޓް އިސްތިއުފާދީފިއެވެ.

ޖެހިޖެހިގެން ދެވަނަ ޔޫރޯ ފައިނަލަށް އިންގްލެންޑް ގޮވައިގެން ގޮސް ސައުތުގޭޓް ތާރީހު ލިޔެލާފައިވީ ނަމަވެސް، އެ ދެ ފައިނަލުންވެސް އިންގްލެންޑް ވެފައި ވަނީ ބައްޔެވެ. މިއަހަރުގެ ޔޫރޯ ފައިނަލުގައި ސްޕެއިން ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ބައްޔާ އެކު އިންގްލެންޑް ވެފައި ވަނީ ޖެހިޖެހިގެން ޔޫރޯ ދެ ފައިނަލުން ބަލިވި ފުރަތަމަ ޓީމަށެވެ. 1966 ވަނަ އަހަރު ފަހުން ތަށްޓަކަށް ކުރަމުންދާ އިންތިޒާރަށް ނިމުން ގެންނަން އިންގްލެންޑުން ކުރަމުންދާ މަސައްކަތް އޮތީ ކުރިއަށެވެ.

އިންގްލެންޑަށް ކާމިޔާބީތަކެއް ހޯދައިދިނުމަށްފަހު، ސައުތުގޭޓް މަގާމު ދޫކޮށްލީ މިއަދުއެވެ. އެކަން އޭނާ މިއަދު ވަނީ ޔަގީންކޮށްދީފައެވެ. އުމުރުން 53 އަހަރުގެ ސައުތުގޭޓް އެމަގާމު ދޫކޮށްލާފައި ވަނީ އަށް އަހަރުފަހުންނެވެ. އެ އަށް އަހަރުގައި 102 މެޗުގައި ގައުމީ ޓީމަށް ކޯޗުކަން ކޮށްދީފައިވެއެވެ.

"އަހަރެން މަގާމު މި ދޫކޮށްލަނީ ފަހުރުވެރިކަމާއެކުގައި. ކުޅުންތެރިއެއްގެ ގޮތުގައި ގައުމީ ޓީމަށް ކުޅެ، އެ ޓީމަށް ކޯޗުކަން ކޮށްދިނުމަކީ ލިބުނު އެންމެ ބޮޑު ޝަރަފު. އަހަރެން އެ މަސައްކަތުގައި ދެވެން އޮތް ހުރިހާ އެެއްޗެއް ދިނިން. އެހެންވިޔަސް، މިއީ ބަދަލެއް ކުރަން ޖެހޭ ވަގުތު. އާ ސަފުހާއެއް ފަށަން ޖެހޭ ވަގުތު،" ސައުތުގޭޓް ބުންޏެވެ.

ސައުތުގޭޓް އިންގްލެންޑާއެކު ވޯލްޑް ކަޕް 2018 ގެ ސެމީއަށް ގޮސްފައިވާ އިރު، އޭގެފަހުން 2022 ގެ ވޯލްޑް ކަޕްގައި އެޓީމާއެކު ކުއާޓާ ފައިނަލަށްވެސް ޓީމު ގެންގޮސްދީފައިވެއެވެ. ތަށްޓެއް ހޯދައި ނުދެވުނަސް އޭނާއަކީ މި ފަހަކަށް އައިސް އިންގްލެންޑަށް ކޯޗުކަން ކޮށްދިން އެންމެ ކާމިޔާބު ކޯޗެވެ.