ޕާކިސްތާނުގައި ބާއްވަން ތައްޔާރުވަމުންދާ ސައުތު އޭޝިއަން ގޭމްސް، އަންނަ އަހަރު ފެބްރުއަރީ މަހު ބާއްވަން ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ)ގެ މެމްބަރު ގައުމުތަކުން ތާއީދު ކޮށްފިއެވެ.
ޕާކިސްތާނުގައި ބާއްވަން ނިންމާފައިވާ 14 ވަނަ ސައުތު އޭޝިއަން ގޭމްސް އެކިއެކި ފަހަރުމަތިން މިހާރު ވަނީ ފަސްކޮށްފައެވެ. އެ ގޭމްސްއަކީ ފުރަތަމަ 2021 ވަނަ އަހަރު ބާއްވަން މަސައްކަތް ކުރި ގޭމްސްއެކެވެ. ކޮވިޑާ ގުޅިގެން އެފަހަރު ގޭމްސް ކެންސަލްކޮށް، މިފަހުން ޕާކިސްތާނުގެ އޮލިމްޕިކް އެސޯސިއޭޝަނުން މަސައްކަތް ކުރީ މިއަހަރު މާޗު މަހު ގޭމްސް ބޭއްވުމަށެވެ، އެހެން ނަމަވެސް، މުބާރާތުގެ ކުޅިވަރު އިވެންޓްތައް ބާއްވާ ވެނޫ ތަކާއި މުބާރާތް ބާއްވާނެ ތާރީހު ފައިނަލް ނުކުރެވި މުބާރާތް އަނެއްކާ ލަސްކުރިއެވެ.
ޕާކިސްތާނުގެ ސަރުކާރާއި އެގައުމުގެ އޮލިޕިކް އެސޯސިއޭޝަނަށް ފައިނަލް ނުކުރެވިފައި ވަނީ ހަރަދުކުރާނެ ގޮތާއި ގޭމްސް ބާއްވަން ހޭދަވާނެ ފައިސާގެ ތަފްސީލުތަކެވެ. އަދި ގޭމްސްގެ ސަބަބުން ދިމާވެދާނެ ސަލާމަތީ ކަންތައްތަކަކަށް ވެސް ޕާކިސްތާނުން ބަލާ ކަމަށް ނޫސްތައް ބުނެއެވެ. އެހާލަތުގައި ގޭމްސް ނުބޭއްވި ދިގުލައިގެން ދިޔުމުގެ ސަބަބުން އެސްއޭއޯސީގެ މެމްބަރު ގައުމުތައް ޕާކިސްތާނަށް ޕްރެޝަރުކޮށް، ހޯސްޓް ބަދަލުކުރަން ޖެހިދާނެ ކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން ގޭމްސް އަވަހަށް ނުބޭއްވިއްޖެނަމަ، ސްރީ ލަންކާއަށް ހޯސްޓިން ދޭން ނިންމާނެ ކަމަށްވެސް އެސްއޭއޯސީ ގައުމުތަކުން ބުނެފައިވެއެވެ.
ޕާކިސްތާނުގެ އޮލިމްޕިކްސް އެސޯސިއޭޝަނުން މިހާރު ގޭމްސްއަށް ސީދާ ތާރީހެއް ކަނޑައަޅަން މަސައްކަތް ކުރަމުންދާ އިރު، ގޭމްސް ފަށަން ނިންމާފައި ވަނީ ފެބްރުއަރީ މަހުގެ އެކެއް، ނޫނީ ދެވަނަ ދުވަހުއެވެ. ގޭމްސްގެ މައި ދެ ސެންޓަރުގެ ގޮތުގައި ހަރަކާތްތައް ރާވާފައި ވަނީ ލާހޯރާއި އިސްލާމްއާބާދުގައެވެ.
ލާހޯރުގައި 18 އިވެންޓެއް ރާވާފައިވާ އިރު، އިސްލާމްއާބާދާއި ރަވަލްޕިންޑީގައި މައި އިވެންޓްތައް ކުރިއަށް ދާނެއެވެ. އަދި ހޭންޑްބޯޅަ މުބާރާތް އޮންނާނީ ފައިސަލްއާބާދުގައެވެ.
ސަރުކާރުން މިހާރު ފޮރިން އޮފީހާ މަޝްވަރާކޮށް، ގޭމްސްއިން ޕާކިސްތާނަށް ލިބޭ ފައިދާތަކުގެ މަޝްވަރާކޮށްފައިވާ އިރު، ގޭމްސްއަށް މިހާރު ކަނޑައަޅާފައިވަނީ ހަތް ބިލިއަން ރުޕީސްގެ ބަޖެޓެކެވެ. އެއީ ކުރިން ކަނޑައެޅި ނުވަ ބިލިއަން ރުޕީސްގެ ބަޖެޓް އަދަދު ދަށްކޮށްފައެވެ.
އޭގެ ތެރެއިން ތިން ބިލިއަން ރުޕީސް ހަރަދު ކުރަނީ އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމަށެވެ. އަދި ހަތަރު ބިލިއަން ހަރަދުކުރަނީ ހޯސްޓިންގެ ކަންކަމަށެވެ. އޭގެ ތެރޭގައި 5،000 އެތުލީޓުންނާއި އޮފިޝަލުންގެ ހުރުމާއި ކެޔުމުގެ އިތުރުން ހޯސްޓިން އެހެން ކަންކަން ހިމެނެއެވެ.
ސައުތު އޭޝިއަން ގޭމްސް
ސައުތު އޭޝިއަން ގޭމްސް
ސައުތު އޭޝިއަން ގޭމްސް
ސައުތު އޭޝިއަން ގޭމްސް