ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު އިވެންޓް، ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރު މާޗު މަހު ޕާކިސްތާނުގައި ބާއްވަން ތާވަލުކޮށްފިއެވެ.

ދެކުނު އޭޝިއާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސައުތު އޭޝިއަން ގޭމްސް ޕާކިސްތާނުގައި ބާއްވަން މިފަހަރު ތާވަލުކޮށްފައިވަނީ 2027 ވަނަ އަހަރު މާޗު 23 އިން 31 އަށް ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ޖެނުއަރީ 26 ވަނަ ދުވަހު އުޒްބެކިސްތާނުގެ ޓަޝްކެންޓްގައި ކުރިއަށްދިޔަ އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ 46 ވަނަ އާންމު ބައްދަލުވުމުގެ ހަވާސާއިގެ ތެރެއިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ކަމަށްވެސް ނޫސްތައް ބުނެއެވެ.

އެ ބައްދަލުވުމުގައި ދެކުނު އޭޝިއާގެ ހަތް ގައުމުންވެސް ބައިވެރިވެފައިވާ ކަމަށް ނޫސްތައް ބުނެއެވެ. އެއީ ރާއްޖެވެސް ހިމެނޭ ހެންނެވެ. އަދި ބައްދަލުވުން ޗެއާ ކޮށްފައިވަނީ އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ދެކުނު އޭޝިއާގެ ނައިބު ރައީސް ޕްރިން ޖިގްޔެލް ޔޫގްޔެން ވަންގްޗަކް ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

ޕާކިސްތާނުގައި ބާއްވަން އޮތް ސައުތު އޭޝިއަން ގޭމްސް އެންމެ ފުރަތަމަ ތާވަލުކުރީ 2023 ވަނަ އަހަރަށެވެ. އެއީ ލާހޯރާއި އިސްލާމްއާބާދާއި ފައިސަލްއާބާދުގައި ހޯސްޓް ކުރާ ގޮތަށެވެ. އެހެން ނަމަވެސް، އޭގެ ފަހުން އެކި ސަބަބުތަކާ ހެދި ގޭމްސް ވަނީ ތަކުރާރުކޮށް ފަސްކޮށްފައެވެ.

އެންމެފަހުން ގޭމްސް ބާއްވަން މަސައްކަތް ކުރީ މިއަހަރު ޖެނުއަރީ 23 އިން 31 އަށެވެ. އެކަމަށް ޕާކިސްތާނުން ވަނީ ހާއްސަ ޕާކިސްތާންގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި އޮލިމްޕިކް ކޮމިޓީގެ ރައީސް، ރާނާ މަޝްއޫދު އަހުމަދު ހާން ކޮމިޓީއެއް އެކުލަވާލައި ސަރުކާރާވެސް މަޝްވަރާކޮށްފައެވެ. ގޭމްސްއަށް އެކުލަވާލި ކޮމިޓީގައި ޕާކިސްތާން ސަރުކާރުގެ އިސް އޮފިޝަލުންނާއި އޮލިމްޕިކް ކޮމިޓީގެ ރައީސް، ރާނާ މަޝްއޫދު އަހުމަދު ހާން ހިމެނެއެވެ.

އެ ކޮމިޓީން ބަޖެޓް ހަމަޖެއްސުމަށްވެސް މަސައްކަތް ކުރި ކަމަށް ނޫސްތައް ބުނެފައިވާ އިރު، ގޭމްސް ފަސްކުރަން ހުށަހެޅީ ސަރުކާރުން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ސައުތު އޭޝިއަން ގޭމްސް އެންމެފަހުން ބޭއްވީ 2019 ވަނަ އަހަރު ނޭޕާލްގެ ޕޮކާރާގައެވެ. އެއަށްފަހު 2021 ވަނަ އަހަރު ގޭމްސް ބާއްވަން ކުރި މަސައްކަތް ނާކާމިޔާބުވީ ކޮވިޑާ ގުޅިގެންނެވެ. ޕާކިސްތާނުގައި ގޭމްސް ބާއްވަން ކުރާ މަސައްކަތަށް އިންޑިއާއާއި އެ ގައުމުގެ ހަނގުރާމައިގެ އަސަރުވެސް ކުރަމުންދާ އިރު، އިންޑިއާއިން ގޭމްސްއަށް ދާނެކަން ޔަގީންވާނީ އެގައުމުގެ ސަރުކާރުން ވަކި އެއްޗެއް ނިންމުމުން ކަމަށް މީޑިއާތައް ރިޕޯޓު ކޮށްފައިވެއެވެ.

މީގެ ކުރިން 1989 ވަނަ އަހަރާއި 2004 ވަނަ އަހަރު ސައުތު އޭޝިއަން ގޭމްސް ޕާކިސްތާނުގައި ބާއްވާފައިވެއެވެ. މިފަހަރުގެ ގޭމްސްގެ ކުޅިވަރުތަކަށް ގައުމުތަކުން މަޝްވަރާކޮށް، 27 ކުޅިވަރެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.