އެކި ފަހަރުމަތިން ފަސްކޮށްފައިވާ ސާދަވަނަ ސައުތު އޭޝިއަން ގޭމްސް، އަންނަ އަހަރު އޭޕްރީލް މަހު ތިނަކުން 11 އަށް ޕާކިސްތާނުގެ އިސްލާމްއާބާދާއި ލަހޯރު އަދި ޕެޝަވާގައި ބާއްވަން ނިންމައިފިއެވެ.
އެގޮތަށް ނިންމާފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު އިސްލާމްއާބާދުގައި ބޭއްވި ސައުތު އޭޝިއާ އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) ގެ ހިންގާ ކޮމިޓީ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓޫ (އެމްއޯސީ) އިން ބައިވެރިވެފައިވެއެވެ.
ސައުތު އޭޝިއާ އޮލިމްޕިކް ކައުންސިލް އަދި ޕާކިސްތާން އޮލިމްޕިކް އެސޯސިއޭޝަންގެ ރައީސް އާރިފް ސައީދު ޗެއާ ކުރެއްވި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެދެއްވީ އެމްއޯސީގެ ރައީސް މުހައްމަދު އަބްދުލް ސައްތާރާއި ސެކެރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދެވެ. އޭގެ އިތުރުން ބައްދަލުވުމުގައި ބަންގްލްދޭޝްއާއި ބޫޓާންގެ އިތުރުން އިންޑިއާ، ނޭޕާލް އަދި ޕާކިސްތާނާއި ސްރީ ލަންކާގެ އޮލިމްޕިކް ކޮމިޓީތަކުންވެސް ބައިވެރިވެފައިވެއެވެ.
ޕާކިސްތާނުގައި ބޭއްވި ބައްދަލުވުމުގައި ގޭމްސްއަށް މިހާތަނަށް ވެފައިވާ ތައްޔާރީތަކާއި ކުރިއެރުންތައް ރީޖަންގެ ގައުމުތަކާ ހިއްސާ ކޮށްފައިވެއެވެ. އަދި އިސްލާމްއާބާދުގައި ގޭމްސް ހޯސްޓް ކުރާ ތަންތަނަށް ގައުމުތަކުގެ އޮލިމްޕިކް ކޮމިޓީތަކުން ޒިޔާރަތްވެސް ކޮށްފައިވެއެވެ. އަދި ދެން ގޭމްސް ހޯޓްސް ކުރާ ދެ ސިޓީގެ އަދާހަމަވެސް ކޮމިޓީ މެމްބަރުންނާ ހިއްސާ ކޮށްފައިވެއެވެ.
މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި 28 ކުޅިވަރަކުން ޖުމުލަ، 3200 އެތުލީޓުން ބައިވެރިވާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.
ސައުތު އޭޝިއަން ގޭމްސްއަކީ ސަރަހައްދީ ކުޅިވަރަށް މުހިއްމު އިވެންޓެއް
މީގެ ކުރިން ޕާކިސްތާންގެ ގޭމްސް އެކި ފަހަރުމަތިން ފަސްކުރަން ޖެހިފައިވާ އިރު، މިހާރު ގޭމްސްގެ ތައްޔާރީތަކަށް ޕާކިސްތާނުން ކޮށްފައިވާ މަސައްކަތް ރާއްޖޭން ވަނީ ފާހަގަކޮށްފައެވެ. އެމްއޯސީން ނެރުނު ބަޔާނެއްގައި ބުނީ ޕާކިސްތާނުން މިހާރު ހޯދާފައިވާ ކުރިއެރުން ފާހަގަކުރާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ދެކުނު އޭޝިއާ އޮލިމްޕިކް ކައުންސިލާއެކު ގާތުން މަސައްކަތް ކޮށް، ގޭމްސްގެ ކަންކަމުގައި ކުރިއަށްދާނެ ކަމަށެވެ.
އެމްއޯސީން ފާހަގަކޮށްފައި ވަނީ ސައުތު އޭޝިއަން ގޭމްސްއަކީ ސަރަހައްދީ ކުޅިވަރަށް މުހިއްމު ޕްލެޓްފޯމެއް ކަމަށާއި، ގޭމްސް ވެގެންދާނީ ސަރަހައްދީ ގައުމުތަކުގެ ގުޅުން ބަދަހިވެގެން ދާނެ އިވެންޓަކަށް ކަމަށެވެ. އަދި އެއީ ރާއްޖެއާއި ސަރަހައްދީ އެހެން ގައުމުތަކުގެ އެތުލީޓުންނަށްވެސް މުހިއްމު ބައިނަލްއަގުވާމީ ތަޖުރިބާއަކަށް ކަމަށެވެ.
ސައުތު އޭޝިއަން ގޭމްސްއަކީ މީގެ ކުރިން ރާއްޖޭން ކާމިޔާބީތައް ހޯދާފައިވާ އިވެންޓެކެވެ.
މުޙައްމަދު ޝަމްޢޫން
ސައުތު އޭޝިއަން ގޭމްސް
ސައުތު އޭޝިއަން ގޭމްސް
ސައުތު އޭޝިއަން ގޭމްސް
ސައުތު އޭޝިއަން ގޭމްސް
ކޮމެންޓް