ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓު ކޮށްފައިވާ ފަރާތްތަކާއި އެކަމުގެ މަސްލަހަތު އޮތް ފަރާތްތަކުގެ ފްލެޓުތައް ބާތިލް ނުކުރުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަޑައިނުގަތުމުން މެންބަރުން ނުރުން ފާޅު ކުރައްވައިފިއެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފެއްޓެވުމަށްފަހު، އެ ކޮމިޓީގެ މުގައްރިރު ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ވިދާޅުވީ، މިނިސްޓަރަށް ވަޑައިގެންނެވެން ނެތްކަން އަންގަވާފައިވާ ކަމަށެވެ.
މުގައްރިރު އެހެން ވިދާޅުވުމުން، ވެލިދޫ ދާއިރާގެ މެންބަރު މުހައްމައު އައްބާސް ވިދާޅުވީ، ކޮމިޓީގެ މިއަދުގެ ބައްދަލުވުމަކީ ވަރަށް މާތް މަގުސަދެއްގައި ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އަދި އެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިގަތުމަށް މިނިސްޓަރަށް ދެންނެވީ އެކަށީގެންވާ ވަގުތު ދެއްވުމަށްފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.
"ސުންގަޑި ސުންމިނެޓަށްވީމަ ހާޒިރުވެވެން ނެތް ކަމަށް ބުނުން އެއީ ވަރަށް އިހުތިރާމް ކުޑަ ކުރުން ކަމުގައި އަޅުގަނޑު ދެކެނީ،"
އޭނާ ވިދާޅުވީ، ރައްޔިތުންގެ ބޯހިޔާވަހިކަމާ ގުޅުންހުރި މައްސަލައެއްގައި މިނިސްޓަރު ހާޒިރު ނުވުމަކީ ކުށްވެރިކުރައްވާ ކަމެއް ކަމަށެވެ. އެކަމަށްޓަކައި ވަޑައިނުގެންނެވުނު ސަބަބު ބަޔާންކުރައްވައި، މާފަންއެދިވަޑައިގެން ކަންހިގާފައިވާގޮތުގެ ލިއުއްވުމެއް މިނިސްޓަރު މަޖިލީހަށް ފޮނުއްވުމަށް ދެންނެވުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ، ރައްޔިތުންނާ ގުޅުންހުރި މުހިއްމު ހައްސާސީ މައްސަލައެއްގައި މިނިސްޓަރު ކޮމިޓީއަށް ހާޒިރުވުމަކީ މުހިއްމު ކަމެއް ކަމަށެވެ. ނަމަވެސް އެންމެ ފަހުވަގުތު ވަޑައިނުގެންނެވޭނެކަން އެންގެވުމަކީ ގަބޫލުކުރަންދަތި ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. ހާއްސަކޮށް ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮތް ކޮމިޓީއަކަށް ރައްޔިތުންނާ ގުޅުން ހުރި ކަމެއްގައި ކޮމިޓީއަށް ވަޑައިނުގެންނެވުމަށް ވަޒީރަށް ދެއްކޭނެ އުޒުރެއް، ބަހަނާއެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ވިދާލުވީ، އެކަމުގައި ވަޒީރު އަމަލުކުރެއްވީ ރަނގަޅަށް ނޫން ކަމަށެވެ. އެހެންކަމުން އެ މައްސަލަ އެހާ ފަސޭހައިން ދޫނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެކޮމިޓީގައި އިންނެވި ހަމައެކަނި އިދިކޮޅު އެމްޑީޕީގެ މެންބަރު ވައިކަރަދު ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވީ، ހައުސިން މިނިސްޓަރަކީ އަބަދުވެސް އެގޮތަށް ކަންތަައް ކުރައްވާ ބޭފުޅެއް ކަމަށެވެ. މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެކަން ތަޖުރިބާ ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޮމިޓީއަށް މިނިސްޓަރު ވަޑައިނުގެންނެވުމަކީ މަޖިލިސް މެންބަރުންނަށް އިހުތިރާމް ނުކުރެއްވުން ކަމަށެވެ. ނަމަވެސް މަޖިލިސް މެންބަރުންނަކީ މިނިސްޓަރުން ފަދައިން އައްޔަންކުރާ ބައެއް ނޫން ކަމަށާއި ރައްއިތުންގެ އިންތިހާބުކުރާ މެންބަރުން ކަމަށެވެ. އެހެންކަމުން އެގޮތަށް ރައްޔިތުންގެ މަންދޫބުންގެ އަގު ވައްޓާލައި އެމީހުންނަށް އިހުތިރާމް ކުޑަ ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ،
ޚަބަރު
ޚަބަރު
ޚަބަރު