މޭޔަރުންނާއި ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ނުވަތަ އޮފިޝަލް ޕާސްޕޯޓް ދިނުމަށް މަޝްވަރާކޮށްފިއެވެ.
އެކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ މިއަދު ބޭއްވި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ ހަވަނަ ބައްދަލުވުމުގައެވެ.
އެކަމާ ގުޅޭގޮތުން ސިޓީސް، ލޯކަލް ގަވަނެންސް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި މެމްބަރުންނަށް ޑިޕްލޮމެޓިކް ނުވަތަ އޮފިޝަލް ޕާސްޕޯޓު ލިބޭނެ ގޮތްތައް ހެދުމަށް އިމިގްރޭޝަނާ ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފައިވަނީ އެ ބައްދަލުވުމުގައި ކަމަށެވެ.
"މިއަދު ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްގެ ރައީސާއި މެންބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ނުވަތަ އޮފިޝަލް ޕާސްޕޯޓް ދިނުމާ މެދު ގޮތެއް ހޯދުމަށް އިމިގްރޭޝަނާ އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވުނު،" އާދަމް ޝަރީފު ވިދާޅުވިއެވެ.
މޭޔަރުންނަށް އަދި ކައުންސިލް މެންބަރުންނަށް ޑިޕްލޮމެޓިކް ނުވަތަ އޮފިޝަލް ޕާސްޕޯޓް ދޫކުރުމާ ގުޅޭ މައްސަލަ އެލްޖީއޭއަށް ހުށަހެޅީ ތިނަދޫ ސިޓީ ކައުންސިލުންނެވެ.
ދައުލަތުން ދޫކުރާ އެންމެ މަތީ ހައިސިއްޔަތުގެ ޕާސްޕޯޓު، ޑިޕްލޮމެޓިކް ޕާސްޕޯޓް މިހާރު ލިބެނީ ދައުލަތުގެ ތިން ބާރުގެ ވެރިންނާއި ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ އިސް ފަނޑިޔާރުންގެ އިތުރުން ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނަށެވެ.
އަދި އެ ފެންވަރުގެ މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިންނާއި އެ ބޭފުޅުންގެ އަނބިންނަށް ވެސް ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު