މި ޔޫރޯގެ އެންމެ މަގުބޫލު ތަރިއަކަށްވީ ބާސެލޯނާއަށް ކުޅެމުންދާ ވިންގް ލެމީން ޔަމާލެވެ. އެކަމަކާ ދެބަސްވާނެ މާގިނަ ބަޔަކު ނުތިބޭނެއެވެ. ޔޫރޯގެ ތާރީހުގައި ކުޅުނު، އެސިސްޓް ކުރި އަދި ގޯލެއް ޖެހި އެންމެ ޒުވާން ކުޅުންތެރިޔަކީވެސް މިހާރު އޭނާއެވެ. ފައިނަލެއްގައި ކުޅެ، ތަށި ހޯދި އެންމެ ޒުވާން ކުޅުންތެރިޔަކަށްވެސް ރޭ އޭނާ ވެއްޖެއެވެ. ރެކޯޑުތައް ބަރިބަރިއަށް މުގުރަމުން ގޮސް، ފުޓުބޯޅައިގެ އެންމެ މަތީ ފަންތިއަށް ޔަމާލް ތައާރަފުވެފައިވާއިރު، އޭނާގެ ނަން ހަނދާނުން ފޮހެލައިގެން ނުވާނެއެވެ. އޭނާ މުބާރާތަށް ދިޔައީ އެންމެ 16 އަހަރުގައެވެ. ރޭގެ ފައިނަލް ނިމުނުއިރު، އުމުރުން 17 އަހަރެވެ. މި މަހުގެ 13 ވަނަ ދުވަހު އުފަން ދުވަސް ފާހަގަކުރި ޔަމާލަށް ރޭގެ ފައިނަލަށްފަހު ލިބުނީ އުފަން ދުވަހުގެ ހަދިޔާއެވެ.

ޔަމާލް ޔޫރޯގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ރޭ ހޯދި އިރު، އޭނާ ޔޫރޯއަށް ދިޔައީ ފޮތް ދަބަސް ހިފައިގެންނެވެ. ސްޕެއިންގެ ތައުލީމީ އޮނިގަނޑު އޮންނަ ގޮތުން، ކޮމްޕަލްސަރީ ހަތަރު އަހަރެއްގެ ތައުލީމު، ހައި ސްކޫލް ކުދިން ފުރިހަމަ ކުރަންޖެހެއެވެ. ޔަމާލް ޔޫރޯއަށް ދިޔައީ ހަތަރުވަނަ އަހަރު (އީއެސްއޯ)ގެ ކިޔެވުން ނުނިމެނީހެވެ.

ޔަމާލް މި ހޫނު މޫސުމުގައި ކްލާސްތަކަށް ދާންޖެހޭ ގޮތަށް ފުރަތަމަ އޮތް ނަމަވެސް، ތައުލީމީ އިދާރާތަކާ ވާހަކަ ދައްކައިގެން އޮންލައިންކޮށް ކްލާސްތައް ނެގޭނެ ގޮތަށް ހަމަޖެއްސިއެވެ. އަދި ޔޫރޯ ތެރެއިން ޔަމާލަށް ޓެސްޓުތަކާވެސް ކުރިމަތިލާން ޖެހުނެވެ. އެ ޓެސްޓުތަކުން އޭނާ ފާސްވެސް ވިއެވެ. ޔަމާލް، ޓީމު ކޭމްޕް ތެރެއިން ކިޔަވަމުންދާ ދިއުން، ސްޕެއިންގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވެސް ވެއެވެ.

އެ އުމުރުގައި ގޮސް ދުނިޔެ ސިހުން ގެނުވާނެ ތަފާތު ކުޅުމެއް ދެއްކުމަށްފަހު ރޭ އުފަލުން ފޮޅިފައި އިނދެ ޔަމާލް ބުނެފައިވަނީ ލިބުނީ އެންމެ މޮޅު އުފަން ދުވަހުގެ ހަދިޔާ ކަމަށެވެ.

"އަހަރެން މި ހުރީ ވަރަށް އުފާވެފައި. މިއީ ހުވަފެނެއް ހަގީގަތަކަށްވުން. އަހަރެން މި އުންމީދު ކުރަނީ ތައްޓާއެކު ސްޕެއިނަށް ގޮސް އުފާ ފާޅުކުރަން. ހުރިހާ ސަޕޯޓަރުންނާއެކު އުފާ ފާޅުކުރަން ބޭނުންވަނީ. މިއީ އަހަންނަށް ލިބުނު އެންމެ ފުރިހަމަ އުފަން ދުވަހުގެ ހަދިޔާ. އިންގްލެންޑުން ގޯލު ޖެހުމުން އުނދަގޫވި ނަމަވެސް، އަހަރެމެން ޓީމުން ހިތްވަރު ގެއްލުވާ ނުލައި، މަސައްކަތް ކުރި،" ޔަމާލް ބުންޏެވެ.

ޔަމާލްގެ ބައްޕައަކީ މޮރޮކޯއަށް އުފަން މުނީރް ނަސްރޫއީއެވެ. މަންމައަކީ އެކުއެޓޯރިއަލް ގީނީއަށް ނިސްބަތްވާ ޝީލާ އެބާނާއެވެ. ޔަމާލް އުޅެ ބޮޑުވީ ބާސެލޯނާގެ ކަޓަލޫނިއާއަށް ނިސްބަތްވާ ރޮކާފޮންޑާގައެވެ. އޭނާގެ ފުޓްބޯޅަ ކެރިއަރު ބާސެލޯނާގެ ލަ މަސިއާއާ ގުޅިފައިވާ އިރު، އާ ތަރިއެއް އުފަންވެއްޖެއެވެ. އެންމެ އުހަށް ދާނެ ކަމަށް އުންމީދު ކުރެވޭނެ ހުނަރުން ފުރިގެންވާ ތަރިއެކެވެ.