އިންގްލެންޑްގެ ކޯޗުކަމުގައި މަޑުކުރުމާ މެދު ވަކި ގޮތެއް ނިންމައި އެކަމަށް ވާހަކަ ދައްކަން މިއީ އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށް ގެރެތު ސައުތުގޭޓް ބުނެފިއެވެ.

ޖެހިޖެހިގެން ދެވަނަ ޔޫރޯ ފައިނަލަށް އިންގްލެންޑް ގޮވައިގެން ގޮސް ސައުތުގޭޓް ތާރީހު ލިޔެލާފައިވީ ނަމަވެސް، އެ ދެ ފައިނަލުންވެސް އިންގްލެންޑް ވެފައި ވަނީ ބައްޔެވެ. މިއަހަރުގެ ޔޫރޯ ފައިނަލުގައި ރޭ ސްޕެއިން ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ބައްޔާ އެކު އިންގްލެންޑް ވެފައި ވަނީ ޖެހިޖެހިގެން ޔޫރޯ ދެ ފައިނަލުން ބަލިވި ފުރަތަމަ ޓީމަށެވެ. 1966 ވަނަ އަހަރު ފަހުން ތަށްޓަކަށް ކުރަމުންދާ އިންތިޒާރަށް ނިމުން ގެންނަން އިންގްލެންޑުން ކުރަމުންދާ މަސައްކަތް އޮތީ ކުރިއަށެވެ.

"އަހަރެން ގަބޫލެއް ނުކުރަން މިއީ ނިންމުމެއް ނިންމަން އެންމެ ރަނގަޅު ވަގުތު ކަމަކަށް. އިންގްލެންޑާ އެކު އިތުރަށް ކުރިއަށް ދާ ނަމަވެސް، ނުވަތަ ނުދާ ނަމަވެސް އެ ނިންމުން ނިންމަން ޖެހޭނީ އެކަމާ ގުޅުން ހުރި މީހުންނާ ވާހަަ ދައްކާފައި. އެކަމަކު އެއީ މި ވަގުތަކު ނޫން،" ސައުތުގޭޓް ރޭގެ ފައިނަލަށްފަހު ބުންޏެވެ.

ސައުތުގޭޓް ރޭގެ މެޗަށްފަހު ބުނީ ރޭގެ މެޗުން މޮޅުވީ މުބާރާތުގައި ފެނުނު އެންމެ މޮޅު ޓީމު ކަމަށާއި ރޭގެ މެޗުގައިވެސް އިންގްލެންޑަށްވުރެ ސަޕެއިން މޮޅު ކަމަށެވެ.

"ސްޕެއިނަކީ މުބާރާތަށް ނުކުތް އެންމެ މޮޅު ޓީމު. އެޓީމު ރޭގެ މެޗުގައިވެސް އިންގްލެންޑަށް ވުރެ މޮޅު. އަހަރެމެންނަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ލިބުނު ބޯޅަތައް ރަނގަޅަށް ބޭނުން ނުކުރެވުމުގެ މައްސަލަ. އަހަރެމެން ވަރަށް ރަނގަޅަށް ޑިފެންޑް ކުރި، ހާއްސަކޮށް ފުރަތަމަ ހާފުގައި. އެހެންވިޔަސް، އަހަރެމެންނަށް ބޯޅަ ލިބުމުން ސްޕެއިންގެ ކައުންޓާ ޕްރެސިންއިން ސަލާމަތެއް ނުވެވުނު،" ސައުތުގޭޓް މެޗަށްފަހު ބުންޏެވެ.

ސައުތުގޭޓް ބުނީ މިދިޔަ އަށް ވަރަކަށް އަހަރު ދުވަހުން ދެ ފައިނަލަށް ގޮސް، ސެމީ ފައިނަލެއްގައިވެސް ކުޅެވިއްޖެ ކަމަށާއި އިންގްލެންޑްގައި މިހާރު ތިބި ޒުވާން ކުޅުންތެރިންނަށް ތަށްޓެއް ހޯދަން އަދި ހިތްވަރު ލެވިދާނެ ކަމަށެވެ. އެހެންކަމުން އަދިވެސް އިންގްލެންޑުން އުންމީދު ގެއްލުވާނުލައި، ތަށްޓަކަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންވެސް ސައުތުގޭޓް ދިނެވެ.