މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އަންގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕީއެންސީގެ މެންބަރު ވިލިމާލެ ދާއިރާގެ މެންބަރު މުަހައްމަދު އިސްމާއީލަށް އިންޒާރު ދެއްވައިފިއެވެ.
މަޖިލިސް ރައީސް މެންބަރު މުހައްމަދު އިސްމާއީލަށް އިންޒާރު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ، މިނިސްޓަރާ ސުވާލު ކުރުމުގެ ވަގުތުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ސުވާލު ކުރެއްވުމުގައި އަމަލު ކުރެއްވި ގޮތުންނެވެ.
މިނިސްޓަރާ ސުވާލު ކުރެއްވުމަށް ދެއްވި ފުރުސަތުގައި މެންބަރު ވިދާޅުވީ، ދެތިން ސުވާލެއް މިނިސްޓަރާ ކުރައްވަން އެބަ އޮތް ކަމަށެވެ.
ސުވާލު ފައްޓަވަމުން މެންބަރު ވިދާޅުވީ ސަރުކާރުތައް ބަދަލުވެގެން، އާ ސަރުކާރުތައް ފެށިގެން އަންނަ ކޮންމެ ފަހަރަކު ވިލިމާލެ ކިޔައިގެން ވާހަކަތައް ދައްކާ އިރު، ވޯޓަށް ބޭނުންވެގެން ނޫނީ ވިލިމާލެ ރައްޔިތުން އެއްވެސް ސަރުކާރަކަށް ފެންނަމުން ނުދާކަން ފާހަގަވާ ކަމަށެވެ.
އޭގެ އިތުރުން ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ އިރު، ވިލިމާލެ ރައްޔިތުންނަށް ލިބެމުންދާ އުނދަގޫތަކާއި ކަންބޮޑުވުންތައް އަދިވެސް އޮތީ ހަމަ އެގޮތުގައި ކަމަށްވެސް މެންބަރު ފާހަގަ ކުރެއްވިއެވެ.
"މިއަދު ބްރިޖެއް އަޅަން ބަޔަކާ ހަވާލު ކުރެވިގެން ދިޔަ އިރު އެ ބްރިޖް ކޮންޓްރެކްޓްގައި އެބައިން ފަޅު ހިއްކައިގެން މަގެއް ހަދައިގެން ބްރިޖުގައި މަސައްކަތް ކުރާނެ ވާހަކަ. އެހެންނަމަވެސް އެރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު އުނދަގުލަކާއި ތަކުލީފެއް މިއަދުވެސް ދިމާވަމުންދާ މައްސަލައެއް އެއީ މިއަދުވެސް ވިލިމާލޭގައި އޮތް މަގު ބޭނުންކޮށްގެން އެމަގު ހަލާކުވެ ފުނޑުފުނޑުވަމުންދާ މައްސަލައިގައި ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުން އެބައޮތް. ކިރިޔާ ވިއްސާރަކޮޅެއް ވެހިލާއިރަށް އެތާ ފެންބޮޑުވެފައި އެ އޮންނަނީ،" ވަރަށް އަޑު ގަދަކޮށް ހިތްހަމަނުޖެހިފައި ހުންނަވައިގެން މެންބަރު ވިދާޅުވިއެވެ.
މެންބަރު މުހައްމަދު އިސްމާއީލްގެ ސުވާލުގެ ވާހަކަ އެހިސާބުން ރިޔާސަތުން ހުއްޓުވިއެވެ.
ވާހަކަ ހުއްޓުވުމާ ގުޅިގެން އިތުރަށް ރުޅި ގަދަވެ މައިކާ ނުލައި މެންބަރު އަޑުގަދަކުރައްވަން ފެއްޓެވިއެވެ.
އެކަމާ ގުޅިގެން، މަޖިލިސް ތަޅުމުގައި ބޭނުންގޮތަކަށް އަޑުގަދަކުރައްވަން ޖާގަ ނުދެއްވާނެކަމަށް ވިދާޅުވެ މަޖިލިސް ރައީސް މެންބަރުގެ ވާހަކަ ހުއްޓުވިއެވެ. އަދި މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް މެންބަރަށް އިންޒާރު ދެއްވިއެވެ. އަދި މެންބަރު އިށީނދެ ވަޑައިގެންނެވުމަށް އަންގަވައި، މަޖިލިސް ރައީސް ވިދާޅުވީ މެންބަރު މުހައްމަދު އިސްމާއީލް އަމަލު ކުރައްވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ތަކުރާތުކޮށް މެންބަރަށް އިންޒާރު ދެއްވިއެވެ.
އެއަށްފަހު މަޖިލިސް ރައީސް ވިދާޅުވީ، މެންބަރުން ސުވާލު ކުރައްވަން ވަޒީރުން މަޖިލިސް ތަޅުމަށް ގެންނަވައިފައި، އެދުވަހު ވަޒީރާ ކުރެއްވޭ ސުވާލާ އެއްގޮތަކަށްވެސް ދިމާނުވާ ހިސާބުން މަޖިލީހުގެ ފުރުސަތު ނަންގަވައިގެން ބޭނުންވާ ވާހަކައެއް ދައްކަވަން ރިޔާސަތުން މެންބަރުންނަށް ފުރުސަރު ނުދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު