މި ސަރުކާރުގެ އަމާޒަކީ، މިހާރު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ނުކުރެވި ހުރި ހުރިހާ ރަށެއްގައި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ ނިޒާމު ގާއިމްކޮށް ނިންމައި ހިދުމަތް ދިނުން ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި، ފެނާއި ނަރުދަމާގެ ނިޒާމުގެ ހިދުމަތް ރައްޔިތުންނަށް ދީ ނިމޭނެ ޓާގެޓެއް ނުވަތަ ޓައިމްލައިނެއް އެކުލަވާލާފައިވޭތޯ، މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.
މިނިސްޓަރު ވިދާޅުވީ، ހުރިހާ ރަށަތަކަށް އެ ހިދުމަތްތައް ފޯރުކޮށްދޭންޖެހޭ މުއްދަތެއް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށްދާ ގޮތުން ގާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"ގާނޫނުގައި ބަޔާންކޮށްފައި އެބަ އޮތް ހުރިހާ ރަށަކަށް އެ ހިދުމަތްތައް ފޯރުކޮށްދޭންޖެހޭ މުއްދަތެއް، އަޅުގަނޑު ހަނދާންވަނީ އަންނަ އަހަރުގެ މެދުތެރޭގެ ތާރީހެކޭ ގާނޫނުގައި ބަޔާންކޮށްފައި އޮތީ، އެހެން ނަމަވެސް ތިބޭފުޅުނަށް އެނގިވަޑައިގަންނަވާނެ އެކަންދާ ގޮތް ބައެއް ރަށްރަށުގައި ސުންޕަސެންޓްގައިވެސް އެބަހުރި މަސައްކަތް، އެހެންވީމާ ގާނޫނަށް އަލުގަނޑުމެން ބަދަލުތަކެއް ގެންނަން ޖެހޭނެ ކޮންމެ ގޮތެއް ވިޔަސް،"
އެހެންކަމުން މިނިސްޓަރު ވިދާޅުވީ ޓާގެޓަކީ މިއަހަރުން ފެށިގެން ދެ އަހަރު ތެރޭގައި މަސައްކަތް ނިންމައި ރައްޔިތުންނަށް ހިދުމަތްފޯރުކޮށްދިނުން ކަމަށެވެ. ނަމަވެސް އެއީ ބިން ހިއްކި ރަށްތަކުގެ ހިއްކި ބައި ނުހިމަނައި ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު