ޔޫރޯ 2024 ގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ސްޕެއިންގެ ރޮޑްރީ އަދި އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް އެޓީމުގެ ލަމީން ޔަމާލް ހޮވިއްޖެއެވެ.

ޔޫރޯ 2024 ގެ ފައިނަލް މިރޭ ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ނިމިފައިވާ އިރު، ފައިނަލުގައި ސްޕެއިނުން އިންގްލެންޑް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ ސްޕެއިނުން ހޯދި ރެކޯޑު، ހަތަރުވަނަ ޔޫރޯ ތަށްޓެވެ. އެޓީމުން މީގެ ކުރިން ޔޫރޯ ހޯދާފައިވަނީ 1964 ގެ އިތުރުން 2008 އަދި 2012 ވަނަ އަހަރުއެވެ. މިއީ 2012 ވަނަ އަހަރު ފަހުން އެގައުމުން ކުޅުނު ފުރަތަމަ ޔޫރޯ ފައިނަލްވެސް މެއެވެ.

މިރޭގެ ފައިނަލް މެޗުގެ ފުރަތަމަ ހާފަށްފަހު ރޮޑްރީއަށް އަނިޔާވެ ބާލަން ޖެހިފައިވާ އިރު، ސްޕެއިނަށް މުބާރާތުގައި އެންމެ މުހިއްމު ކުޅުމެއް ކުޅެދީފައިވަނީ ރޮޑްރީއެވެ. ރޮޑްރީ ވަނީ ހަ މެޗުން އެއް ގޯލު ޖަހައި، 68.52 ކިލޯ މީޓަރުގެ ދުރުމިނެއް ދަނޑުގައި ކަވަރު ކޮށްފައެވެ. އެއީ މިފަހަރު ޔޫރޯގައި އެންމެ މަސައްކަތް ރަނގަޅު ކުޅުންތެރިޔާއެވެ. ޕާސިން އެކިއުރެސީ 93 ޕަސެންޓްގައި ރޮޑްރީ ހިފަހައްޓާފައިވާ އިރު، އެންމެ މުހިއްމު ދައުރެއް އޭނާ ކުޅުނީ ސްޕެއިންގެ ސްޓައިލަށް ޓީމު ބައްޓަން ކުރުމުގައެވެ.

އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބުނު، 17 އަހަރުގެ ޔަމާލަކީ އެ އުމުރުގައި ޔޫރޯ ފައިނަލެއްގައި ކުޅެ އެސިސްޓް ހެދި ފުރަތަމަ ކުޅުންތެރިޔާއެވެ. އޭގެ އިތުރުން އޭނާއަކީ ޔޫރޯ ފައިނަލުގައި ކުޅުނު އެންމެ ޒުވާންވެސް ކުޅުންތެރިޔާއެވެ. ޔަމާލް ވަނީ ސެމީ ފައިނަލުގައި ހިތްގައިމު ގޯލެއް ފްރާންސް ކޮޅަށް ޖަހައި، މިރޭ ފައިނަލްގައިވެސް އެސިސްޓެއް ހަދައިފައެވެ. ޔަމާލް މުބާރާތުގައި ޖުމުލަ ފަސް އެސިސްޓް ހެދިއެވެ.