ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ނުދައްކާ ހުރި ފައިސާގެ ތެރެއިން 74 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު ވިދާޅުވީ، މިދިޔަ ޖޫންމަހުގެ ހަތަރެއްގެ ނިޔަލަށް ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި އަދި އެ ފީއާ ގުޅިގެން ދައްކަންޖެހޭ ޖޫރިމަނާތައް ހިމެނޭ ގޮތަށް ދައުލަތަށް 1.7 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށެވެ.

"އެ ފައިސާގެ ތެރެއިން ވޭތުވެދިޔަ މުއްދަތުގައި 74 މިލިއަން ރުފިޔާ ވަނީ ލިބިފައި،" މަޖީދު ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީން މި މަހުގެ ހަތަރުވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނީ، 102،807 ބިދޭސީ މަސައްކަތްތެރިންގެ ފީ ދައުލަތަށް ލިބިފައިނުވާ ކަމަށެވެ.