ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތަށް 54 ކާރާއި ހަތަރު ވޭން ހަދިޔާކޮށްފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިޔާތެއްގައި ފުލުހުންގެ ފަރާތުން އެ އުޅަނދުތަކާ ހަވާލުވެެލެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ސުޖާއުއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން އެ ތަކެތި ހަވާލުކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ.

ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތަށް ދެމުންދާ އެހީތެރިކަން ފާހަގަކޮށް ރަސްމިއްޔާތުގައި ސުޖާއު ވިދާޅުވީ މުޖުތަމައުގައި ކުށްކުރުން އިތުރުވަމުންދާއިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް އިތުރުކުރަން ޖެހިފައިވާ ކަަމަށެވެ. އެކަން ކުރެވޭނީ ރަނގަޅު ވަސީލަތްތައް ފުލުހުންގެ ހިދުމަތުގައި ގާއިމުކޮށްގެން ކަމަށާއި ޖަޕާން ސަރުކާރުން ހަދިޔާކުރި އުޅަނދުތަކާއެކު ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ފުލުހުންގެ ގާބިލިއްޔަތު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ

ރަސްމިއްޔާތުގައި ޖަޕާން ސަފީރު ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތަށް ހަދިޔާކުރި ވެހިކަލްތަކަކީ ޖަޕާން ސަރުކާރުން ގާނޫނު ތަންފީޒުކުރުމަށް ހިތްވަރުދޭ ކަމުގެ ހެއްކެއް ކަމަށާއި އެކަމުގެ ސަބަބުން ފުލުހުންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން ފަސޭހަވާނެ ކަމަށެވެ. އަދި ހާއްސަކޮށް ފުލުހުން ހިންގާ ޓްރެފިކް އޮޕަރޭޝަންތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ސަފީރު ވަނީ ކުރިއަށް އޮތްތަނުގައި އެހެނިހެން ވަސީލަތްތައްވެސް ޖަޕާން ސަރުކާރުން ފުލުހުންނަށް ފޯރުކޮށްދޭނެ ކަމަށާއި އެގޮތުން މެޓަލް ޑިޓެކްޓަރު، ޕެސެންޖަރު ކްރާފްޓް އަދި ރަބަރު ބޯޓު ފަދަ ތަކެތި ހަދިޔާކުރާނެ ކަމަށް ވިދާޅުވެފައެވެ.