މިދިޔަ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު މާފަންނު ކްރާސާ ފިހާރަ ތެރޭގައި ވަޅި ހަރައި ސ. ހިތަދޫ/ އިޒުމީރު، މުހައްމަދު އަހުމަދުދީދީ (ނައުއްޓެ) މަރާލި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިން ސިއްރުކޮށް އެމީހުންނަށް ރައްކާތެރިކަން ދިނުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ނައުއްޓެ މަރައިލި މައްސަލައިގައި ދައުވާކޮށްފައި ވަނީ ސ. މަރަދޫފޭދޫ/ ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމާއި ތ. ގާދިއްފުށި/ ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށްވެސް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ މަރުގެ އަދަބެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ބާއްވައިފައެވެ.
އެ މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހެކިންގެ ގޮތުގައި ހަތް މީހެއްގެ ނަން ދައުލަތުން ވަނީ ކޯޓަށް ހުށަހަޅައިފައެވެ.
އެމީހުންގެ ހެކިބަސް ކުރިއަށްގެންދަން ދައުލަތުން އެދިފައިވަނީ، ކާކުކަން ނޭނގޭ ގޮތަށް އޮންލައިންކޮށް ޝަރީއަތުގެ މަޖިލިސް ނޫން ތަނެއްގައި ބައިތިއްބައިގެންނެވެ. މީގެ އިތުރުން ފުލުހުންގެ ތަހުގީގު ރިޕޯޓް ދިފާއަށް ދޫކުރާ އިރު އެ ރިޕޯޓުންވެސް، އެ ހަތް ހެކިވެރިންގެ ބަޔާންތައް އުނިކުރުމަށް ވެސް ދައުލަތުން އެދުނެވެ.
އެ ހުށަހެޅުންތަކާ ގުޅިގެން ދައުލަތުން އެދޭގޮތަށް ހެކި ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ވަނީ ނެރެފައެވެ.
އެގޮތަށް އަމުރު ނެރުއްވި ސަބަބެއް ކަމަށް މި މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ ގާޒީ އައިޝަތު ނުޒުހާ ވިދާޅުވީ، ހެކިވެރިންނަށް ބިރު ދެއްކުމާއި ޖިސްމާނީ އަނިޔާއެއް ދިނުމުގެ އިހުތިމާލު އޮތް ކަމަށް ޝަރީއަތަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު