މިފަހަރުގެ ޔޫރޯ ކުރިން ސްޕެއިން ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭގެ ނަން ފުޓުބޯޅައިގައި މާ ބޮޑަކަށް ހިނގާފައެއް ނުވެއެވެ. ފާޑަކަށް އާ މޫނެކެވެ. އެހާ ބޮޑު ފަސްމަންޒަރެއްވެސް ނެތެވެ. ތަޖުރިބާއެއްވެސް ނެތެވެ. ޑެ ލަ ފުއެންޓޭ ކޯޗަކަށް ނެރުމުން ސްޕެއިން ފެޑަރޭޝަނުން ކީއްކުރަންތޯ، މުބާރާތުގެ ކުރިން ބަޔަކު ސުވާލުވެސް އުފެއްދިއެވެ. އެސޯސިއޭޝަން ނާޒަކު ހާލަތެއްގައި އޮތް އޮތުމުން ޓީމަށް އޮތް ޕްރެޝަރު ޑެ ލަ ފުއެންޓޭއަށް ހޭންޑްލް ނުކުރެވޭނެ ކަމަށްވެސް ގިނަ ބަޔަކު ދެކުނެވެ. އެ ވާހަކަތަކަށް ޑެ ލަ ފުއެންޓޭ ރައްދު ދިނީ 2008، 2010 އަދި 2012 ގައި ސްޕެއިންގައި އޮތް ތާރީހީ ރަން ޖީލުގެ ހަނދާންތައް އާކޮށްލަދިން ޓީމެއް ދައްކުވާލަ ދީގެންނެވެ.

މިހާތަނަށް މިފަހަރު ޔޫރޯގައި ސްޕެއިނުން ކުޅުނު ހަ މެޗުންވެސް އެޓީމު އޮތީ މޮޅުވެފައެވެ. މިސްރާބު ހުރީ ތާރީހީ ހަތަރު ވަނަ ތަށި ނަގައި ޔޫރޯ ތާރީހުގައި އެ މުބާރާތް އެންމެ ގިނައިން ކާމިޔާބު ކުރި ގައުމަށް ވުމަށެވެ. މިހާތަނަށް އެ ރެކޯޑު އޮތީ ސްޕެއިނާއި ޖަރުމަނު އަތުގައެވެ. އެއިން ކޮންމެ ގައުމެއްވެސް ވަނީ ތިން ތަށި ހޯދައިފައެވެ. ސްޕެއިނަށް އޮތް ޗެލެންޖަށް އުމުރުން 62 އަހަރުގެ ޑެ ލަ ފުއެންޓޭ ނުކުތީ ހަލަބޮލިކަމުގެ ތެރެއިންނެވެ.

ކޯޗިން ކެރިއަރު 1997 ވަނަ އަހަރު ފެށި ލުއިސް ޑެ ލަ ފުއެންޓޭ އަކީ މާބޮޑަށް ފާހަގަކޮށްލެވޭ ކޯޗެއް ނޫނެވެ. ވޯލްޑް ކަޕް 2022 ގެ ނާކާމިޔާބީއާއެކު ލުއިސް އެންރީކޭ މަގާމުން އިސްތިއުފާދިނުމަށްފަހު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޓީމާ ހަވާލުވި ޑެ ލާ ފުއެންޓޭ ވަނީ މިދިޔަ އަހަރު ސްޕެއިނަށް ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްދީފައެވެ. އެ ކާމިޔާބީއާއެކު ޑެ ލަ ފުއެންޓޭއަށް ހަމަޖެހުމެއް ލިބުނު ނަމަވެސް، އެގައުމުގެ ފުޓުބޯޅަ އިދާރާއަށް އައި ކޮންމެ ރޯޅިއެއްގައި އޭނާގެ އަރިއަރިއަށް ކެހިގެން ދިޔައެވެ. ޕްރެޝަރާވެސް ކުރިމަތިލާން ޖެހުނެވެ.

ޑެ ލަ ފުއެންޓޭއަކީ ކުޅުނު ޒަމާނުގައި އަރިމަތިން ފަހަތަށް ކުޅުނު ޑިފެންޑަރެކެވެ. މަތިމަހެއްގައި މެޗުތަކަށް ނުކުންނަ ޑެ ލަ ފުއެންޓޭ އެތުލެޓިކޯ ބިލްބާއޯއާއި ސެވިއްޔާގެ އިތުރުން އަލާވޭސްއަށް ކުޅުނެވެ. ގައުމީ ޓީމުގެ ޒުވާން ޓީމުތަކަށް ކުޅެލަން ފުރުސަތު ލިބިފައި ދެން ކުޅެލަން ލިބުނީ އޮލިމްޕިކްސް މެޗެވެ. އިތުރު ފުރުސަތެއް ކުޅޭކަށް ނުލިބުނެވެ. ކޯޗިން ކެރިއަރުގައިވެސް ސްޕެއިނާ ހަވާލުވުމުގެ ކުރިން ސީނިއާ ޓީމެއްގައި ހޯދީ މަދު ތަޖުރިބާއެކެވެ. 2011 ވަނަ އަހަރު އަލޭވޭސްގެ 11 މެޗަށް ކޯޗުކަން ކޮށްދިނުން ފިޔަވައި އެހެން ކަމެއް ސީނިއާ ޓީމަކާއެކު މީގެ ކުރިން އޭނާ ނުކުރެއެވެ.

ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ހާލަތު ގޯސްވެ، އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން އާރުއެފްއީއެފްގެ ކަންކަން ބަލަހައްޓައި، ފުޓްބޯޅަ ކޮންޓްރޯލް ކުރަން ސްޕެއިން ސަރުކާރުން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފައިވާ އިރު، ކުރީގެ ރައީސް ލުއިސް ރުބިއަލެސްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަން މިހާރު ހުރީ ހައްޔަރު ކޮށްފައެވެ. އޭގެ އިތުރުން ރުބެލިއަސްގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއްވެސް އަންނަނީ އިދާރާތަކުން ބަލަމުންނެވެ. އެއީ މިދިޔަ ހޫނު މޫސުމުގެ އަންހެން ވޯލްޑް ކަޕް ފައިނަލަށްފަހު، ސްޕެއިންގެ ޖެނީ ހާމޯސޯއަށް ބޮސްދިން މައްސަލައެއްގައެވެ.

އެ މައްސަލައިގައި ފީފާއިން ރުބެލިއަސް ފުޓުބޯޅައިން ސަސްޕެންޑް ކޮށްފައިވެސް ވެއެވެ. އޭރު ޑެ ލަ ފުއެންޓޭ ގައުމީ ސީނިއާ ފިރިހެން ޓީމުގެ ކޯޗުގެ މަގާމުގައި ހުރެ އެފްއޭ ރައީސް ދިފާއުކުރުމަށް ދެއްކި ވާހަކައަކުން އޭނާ ހޫނުފެނަށްވެސް ވެއްޓުނެވެ. ބޮސްދިން މައްސަލައިގައި، އިސްތިއުފާ ނުދޭން ގަދަ ހަދާލައި ރުބެލިއަސް ދެއްކި ވާހަކައަށް ޑެ ލަ ފުއެންޓޭ ތާއީދުކަމަށް ބުނުމުން، މީޑިއާއިން އޭނާއާ ޖައްސާލިއެވެ.

ޑެ ލަ ފުއެންޓޭއަށް ސީނިއާ ޓީމުތަކުގެ ޕްރެޝަރު އިހުސާސްކުރެވުނީ އެހިސާބުންނެވެ. ސަމާލުކަމަށް އަންނާނެލެއް އަވަސްކަން އެވާހަކައިން އެނގި، ފަހުން މައާފަށްވެސް އެދުނެވެ.

ޑެ ލަ ފުއެންޓޭގެ ދިރިއުޅުންވެސް ސާދާ ސީދާވެފައި ލުޔެވެ. އެއީ އޭނާއަށް ޕްރެޝަރުގެ އިހުސާސް ފުރަތަމަ ކުރަން ޖެހުމުން އުނދުގޫވި ސަބަބެވެ. ސްޕެއިނާ ހަވާލުގެ ފުރަތަމަ ހައެއްކަ މަސް ދުވަހުގައި ޑެ ލަ ފުއެންޓޭއަށް މީޑިއާއާ ވަރުގަދައަށް ކުރިމަތިލާން ޖެހުނެވެ. އެހެން ނަމަވެސް، އޭނާ އެ ނަފުރަތު، ގާތްގުޅުމަކަށް މިހާރު ބަދަލުކޮށްލައިފިއެވެ.

ފުޓުބޯޅަ ކެރިއަރު ނިންމާލައި، ކޯޗިންނަށް ނުކުތުމުގެ ކުރިން ޑެ ލަ ފުއެންޓޭ އުފަން އަވަށް ހާރޯގައި އުޅުނީ މަންމައާއި ދައްތަގެ ހެދުން ވިއްކާ ފިހާރައިގެ މަސައްކަތްތަކުގައެވެ. ލަ ރިއޯޖީ ޕްރޮވިންސްގެ ހާރޯއަކީ 11،000 މީހުންގެ އާބާދީއެއް އޮންނަ ކުޑަކުޑަ އަވަށެކެވެ. އެ އަވަށުގެ އެންމެންނާ ޑެ ލަ ފުއެންޓޭގެ ގުޅުން ބޮޑެވެ. އެ އަވަށުގެ އެތައް ބަޔަކު ޑެ ލަ ފުއެންޓޭއަށް ޓަކައި ސްޕެއިން މެޗުތައް ބެލުމަށް މިހާރުވެސް ދެއެވެ.

ސްޕެއިންގެ 19 އަހަރުން ދަށާއި، 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ނެގި ޑެ ލަ ފުއެންޓޭ ނުދަންނަ ކުޅުންތެރިޔަކު މިހާރުގެ ފުރަތަމަ ޓީމުގައި މަދުވާނެއެވެ. އެއީ ޖޫނިއާ ރޭންކްތަކުގައި އޭނާ ބޮޑަށް ހަރަކާތްތެރިވުމުންނެވެ. އެ ކުޅުންތެރިން ގާތުން އެނގުމުން ޑެ ލަ ފުއެންޓޭއަށް ލިބުނު އެންމެ ބޮޑު ފައިދާއަކީ އާއިލީ ގުޅުމެއް އޮންނަ ޓީމެއް ބިނާކުރުމަށް ފަސޭހަވުމެވެ.

"އަހަރެންގެ މި ވަޒީފާ ވަރަށް އަވަހަށް ގެއްލޭނެކަމަށް ހީކުރީ،" ޑެ ލަ ފުއެންޓޭ ޕްރެޝަރުގައި ކުރިން ބުންޏެވެ.

އެހެންނަމަވެސް އޭނާ ފަހުން ބުނި ވާހަކަ ވަރަށް ހިތްވަރުގައެވެ.

"އެހެންނަމެވެސް އަހަންނަށް މިގައުމުގެ ފުޓުބޯޅައިގެ އެތެރޭގައި އޮތް ހުނަރު އެނގޭ. އަހަރެން އެ ހުރިހާ ކުޅުންތެރިންނާއެކު 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފިން. އެހެންވީމަ އަހަންނަށް ޓީމު ވަރަށް ރަނގަޅަށް،" ޑެ ލަ ފުއެންޓޭ ބުންޏެވެ.

ތެދެކެވެ. ސްޕެއިންގެ އެންމެ ހުނަރުވެރި، އެންމެ ވަރުގަދަ ކުޅުންތެރިންތެއް މި ފަހަކަށް އައިސް ސީނިއާ ޓީމަށް ނުކުތީ ޑެ ލަ ފުއެންޓޭއަށް އެނގިގެންނެވެ. އޭނާ ކޯޗުކަން ކޮށްދީގެންނެވެ. ރޮޑްރީއާއި އުނައި ސިމޮން އަދި މިކޭލް މެރީނޯ، ޑެ ލަ ފުއެންޓޭއާއެކު ޔޫރޯ 19 އަހަރުން ދަށުގެ ތަށި 2015 ވަނަ އަހަރު އުފުލާލިއެވެ. ދެންމެ ފާހަގަކުރި ކުޅުންތެރިންނަކީ އޭރުގެ ޓީމުގެ ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިންނެވެ.

އޭގެފަހުން 21 އަހަރުން ދަށުގެ ޔޫރޯ، ޑެ ލަ ފުއެންޓޭ ސްޕެއިނާއެކު އުފުލާލި އިރު، އެޓީމުގައި ފަބިއަން ރުއީޒާއި ޑެނީ އޮލްމޯ، މިކޭލް އޮޔަރުޒަބާލް ހިމެނެއެވެ. އޭގެ އިތުރުން ފެރޭން ޓޮރެސްއާއި ޕެޑްރީ، މާކް ކުކުރޭލާވެސް މީގެ ކުރިން 21 އަހަރުން ދަށުގެ ޓީމުގައި ޑެ ލަ ފުއެންޓޭއާ އެކު ކުޅެފައިވެއެވެ. އޭގެ އިތުރުން ސްކޮޑުގައި ހިމެނޭ 38 އަހަރުގެ ޖީސަސް ނަވާޒަށް، ސެވިއްޔާ ބީ ޓީމުގައި ޑެ ލަ ފުއެންޓޭ ކޯޗުކަން ކޮށްދިނެވެ.

އާންމުންގެ މެދުގައި ޑެ ލަ ފުއެންޓޭގެ މަގާމު މަގުބޫލު ނޫންނަމަވެސް، ކުޅުންތެރިންނަށް އޭނާ ހާއްސައެވެ. ކުޅުންތެރިން އޭނާއަށް މުހާތަބު ކުރަނީވެސް "ޕްރޮފެސަރު"ގެ ނަމުންނެވެ. އެއީ އޭނާ ބައެއް ފުޓުބޯޅަ ކޯޗިން ކްލާސްތައް ނަގައިދޭތީއެވެ.

"އަހަންނަށް ހީވީ ޓީމު ތެރޭގައި އަލުން ޒުވާން ދުވަސްވަރު އައިހެން،" ރޮޑްރީ ޑެ ލަ ފުއެންޓޭއާ ގުޅިގެން ބުންޏެވެ.

ގިނަ ކުޅުންތެރިންގެ ނަޒަރުގައި ޑެ ލަ ފުއެންޓޭއަށް ޓީމު ހިތުދަހެވެ. އޭނާ ބިނާކުރީ އާއިލާއެކެވެ. މާ ގިނަ ކަންތައްތަކެއް ހާސިލުވެ، ފޮނިބޮޑުވެފައި ހުރި، ސްޓައިލެއްގެ ވެރި ކޯޗެއް ނޫނެވެ. ބައްޕައެއް ފަދަ ދައުރެއް އަދާކުރާ ކޯޗެކެވެ. ކުޅުންތެރީންނަށް ގިނަ ވަގުތު ޕްރެސެންޓޭޝަން ދީ މާ ބޮޑަށް ބަންދުކޮށްގެން ނުގެންގުޅެއެެވެ. ބަލަނީ ރާޒުވާ ކަހަލަ ކުޅިވަރުތަކުން ހަމަޖެއްސުމަށެވެ. މެޗުތައް ނިންމުމަށްފަހު ޑެ ލަ ފުއެންޓޭ އޭނާގެ ކޯޗިން ސްޓާފުންނާއެކު ވަގުތު ހޭދަކޮށް، ރަނގަޅު ހަދިޔާވެސް ދީފައިވެއެވެ. އެއީ ޑެ ލަ ފުއެންޓޭގެ ނަޒަރުގައި ވަރަށް މުހިއްމުވެސް ކަމެކެވެ.

ދޫދީ، ހަމަޖެހިލައިގެން އުޅޭ ޑެ ލަ ފުއެންޓޭގެވެސް ވަރުގަދަ ފަޅިއެއް އެބައޮތެވެ. ސްކޮޑުން ކުޅުންތެރިން ބޭރުކުރަން، އެސޯސިއޭޝަނުން ޕްރެޝަރުކުރިޔަސް ގޮތެއް ދުލެއް ނުކުރެއެވެ. ރެއާލް މެޑްރިޑާއި ބާސެލޯނާއަށް ސްޕެއިން ބަރޯސާ ވެފައި އޮތް އޮތުންވެސް ނިންމައިފިއެވެ. މިފަހަރު ޔޫރޯއަށް ދިޔަ 26 ކުޅުންތެރިންގެ ތެރެއިން ބާސާއާއި ރެއާލަށް ނިސްބަތްވާ ތިބީ އެންމެ 8 ކުޅުންތެރިންނެވެ. އޭގެ ތެރެއިންވެސް މިރޭ އިންގްލެންޑާ ދެކޮޅަށް ފަށާނެ ކަމަށް ބެލެވެނީ ލެމީން ޔަމާލް އަދި ޑެނީ ކަވަހާލެވެ. އޭގެ އިތުރުން އެހެން ލީގުތަކަށް ކުޅުނު ނަމަވެސް ޑެ ލަ ފުއެންޓޭއަށް ތަފާތެއް ނެތެވެ.

އެމްރިކް ލަޕޯޓް ސައުދީ ލީގުގައި ކުޅޭ އިރު ސްކޮޑަށް ނެގުމުން އެކަމަށް ފާޑު ކީ ނަމަވެސް، ޑެ ލަ ފުއެންޓޭ އޭނާ ލައްވައި ޖަވާބު ދީފިއެވެ. އެއީ ސްޕެއިނަށް އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. ނަސްލުގެ ގޮތުންވެސް ޑައިވާސް ސްޕެއިން ޓީމަކާއެކު ޑެ ލަ ފުއެންޓޭ އުފަލުގައި ހުރި އިރު، އޭނާ ގެނައި އެންމެ ބޮޑު އަނެއް ބަދަލަކީ ޓެކްޓިކަލް ބަދަލެވެ.

ޑެ ލަ ފުއެންޓޭގެ ޓީމަކީ ސީދާ ސްޕެއިންގެ ސްޓައިލުގައި ކުޅޭ ޓީމެއް ނޫނެވެ. ސްޕެއިނުގައި އޮތް އަބަދު އެއްގޮތަކަށް ކުޅޭ ފިލޯސަފީ ޑެ ލަ ފުއެންޓޭ ދޫކޮށްލައި، ބަދަލުތަކެއް ސްޓައިލަށް ގެނެސްފިއެވެ. މެދުތެރެއިން ސްޕެއިންގެ ޕާސިން ޓެކްޓިކްސްގެ ވިންދު މަޑުމަޑުން ޖަހާ ނަމަވެސް، އެޓޭކް ކުރުމަށް ދަނޑު ފުޅާކުރަން ވިސްނައިފިއެވެ.

'ޓިކީ-ޓަކާ" ގެ ބަލިފައި ކަމަށްވާ އަރިމަތީ އެޓޭކްތައް މިފަހަރު ގެނެސްދީއެވެ. ޑެ ލަ ފުއެންޓޭ އެކަމަށް ބޭނުންކުރާ ހަތިޔާރަކީ ޔަމާލް އަދި ނެކޯ ވިލިއަމްސް އެވެ. ލުއިސް އެންރީކޭގެ ސިސްޓަމުގައި ޖެހި މެދު ތެރޭގައި ދިގު ބޯޅަތައް މަދުވެ، މިހާރު ޓީމުން ދަނޑު ވަރަށް ބޮޑަށް ބޭރަށް ދަމާލައިގެން އެޓޭކް ކުރަމުންނެވެ. ކޮންމެހެން ބޯޅަ ހިފެހެއްޓުން މުހިއްމު ނޫންކަންވެސް ފެނިގެން ހިނގައްޖެއެވެ.

ސްޕެއިނުން ކްރޮއޭޝިއާ ކައިރިން 3-0 އިން މޮޅުވި މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅުނީ ކްރޮއޭޝިއާއިންނެވެ. އެއީ މިދިޔަ 20 އަހަރުގައިވެސް ސްޕެއިން އަތުން މޮޅުވި މެޗެއްގެ ބޯލް ޕޮސެޝަން އެހާ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އެޔަކަށް ފަރުވާލެއް ނެތްތާއެވެ. ސްޕެއިންގެ ދެ ވިންގުން ދައްކާ ހުނަރާއެކު އެޓީމުން އޮތީ ތަށީގެ މިސްރާބުގައެވެ.