ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުންގެ ތެރޭގައި ހިމެނޭ އިންޑިއާގެ މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރިފުޅު އާނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓުގެ ކައިވެނީގެ ހަފުލާގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންފިއެވެ.

ނަޝީދު އެ ހަފުލާއަށް ވަޑައިގެންނެވީ އަމްބާނީ އާއިލާގެ ދައުވަތަކަށެވެ.

އެ ހަފުލާގައި ނަޝީދު ނެންގެވި ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ އިރު، ނަޝީދު އެ ހަފުލާއަށް ވަޑައިގެންނެވީ އަމްބާނީ އާއިލާގެ ދައުވަތަކަށްކަން އެނގިފައިވެއެވެ.

ރައީސް ނަޝީދަކީ ޒަމާނުއްސުރެ އިންޑިއާއާ ބަދަހި ގުޅުމެއް ބާއްވަމުން ގެންދަވާ ބޭފުޅެކެވެ.

ނަޝީދުގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ލީޑަރުންވެސް އެ ހަފުލާއަށް ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އާއި ބޮރިސް ޖޯންސަންސްވެސް ހިމެނިވަޑައިގެންނަވައެވެ.

އާނަންތު އާއި ރާދިކާ ކައިވެނިކުރީ ރޭ މުމްބާއީގެ ޖިއޯ ވޯލްޑް ސެންޓަރުގައި ބޭއްވި ކުލަގަދަ ހަފުލާގައެވެ.