ހ. ހުދުފިނިފެންމާގޭ މައްސަަލަ މާލެ ސިޓީ ކައުންސިލަށް ހުށަހެޅިތާ 27 އަހަރު ވެފައިވާ ކަމަށާއި އެ 27 އަހަރުގެ ތެރޭގައި ވަރަށް ގިނަ ހިންގުންތަކާއި ވަރަށް ގިނަ މުއާމަލާތްތައް ހިންގާފައި ހުރި ކަމަށް ސިޓީ ކައުންސިލުން ހޯދި ހޯދުންތަކުން އެނގިފައިވާ ކަމަށް އެ ކައުންސިލުގެ ލީގަލް އެގްޒެކެޓިވް އަބަދުﷲ އަބްދުލް ހަކީމް ވިދާލުވެއްޖެއެވެ.
މާލޭގެ ގެއެއްގެ ތެރޭގައި ކުޑަކުދިން ހިމެނޭހެން އާއިލާއެއް ތިއްބައި، ވަދެނުކުމެވޭނެ ގޮތެއް ނެތް ގޮތަށް ފާރެއް ރާނައި ބަންދުކުރި މައްސަލަ ފެންމަތިވީ މި މަހުގެ 11 ވަނަ ދުވަހުގައެވެ. އެ މައްސަލަ ވަކި ގޮތަކަށް ހައްލުނުވެ އޮތް ކަމަށް ސިޓީ ކައުންސިލުން ކުރި ދިރާސާތަކުން ދައްކާ ކަމަށާއި އެ ގޭގެ މިހާރުގެ ރަޖިސްޓްރީއަކީ ގޭގެ ވެރިފަރާތަށްވެސް ނޭނގި ހައްދާފައިވާ އެއްޗެއް ކަމަށް ވެސް ހަކީމް ވިދާޅުވިއެވެ. އަދި އެކަމުގައި ސިޓީ ކައުންސިލު ބަދުނާމުވާ ގޮތަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން ހަކީމް ވިދާޅުވީ އެއީ މިހާރުގެ މޭޔަރު އާދަމް އާޒިމަށް އެނގިގެން ކުރިއަށް ގެންގޮސްފައިވާ ކަމެއް ނޫން ކަމަށެވެ.
"މި މައްސަލައާ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް އައުމާ ގުޅުވާ، ހުދުފިނިފެންމާގެ މައްސަަލަ ހުށަހެޅުމާ ގުޅިގެން. މޭޔަރު ބޭނުންވީ މި މައްސަލައަށް ގާނޫނީ ގޮތުން ފުށު ނާރާގޮތަށް ގާނޫނާއި ގަވައިދާ އެއްގޮތްވާގޮތުގެ މަތިން ހައްލެއް ހޯދަން،" އެ މައްސަލައާ ގުޅޭގޮތުން ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަކީމް ވިދާޅިވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މިހާރު ހ. ހުދުފިނިފެންމާގެ ރަޖިސްޓްރީ ކޮށްފައި އޮންނަނީ ދެ މީހެއްގެ ނަން މައްޗަށެވެ. ނަމަވެސް އެއީ ގޭގެ އަސްލު ވެރިފަރާތުން އެ މިހާ ދުނިޔޭގައި ހުރި އިރު، އޭނާގެ ދަރި ހައްވާ އިބްރާހީމަށް ފަތް ލިޔެދީފައި އޮތް ތަނެކެވެ. ނަމަވެސް ހައްވަގެ ބައްޕަ ނިޔާވުމުން ވާރިސުންގެ ތެރެއިން ކަމަށްބުނެ ހައްވަގެ ބައްޕަ ގެއިން އެއްބައި ހަސަން ޝާކިރު އަދި ހައްވާ އިބްރާހީމަށް ވަނީ ރަޖިސްޓްރީ ކޮށްދީފައެވެ.
އެ ގޭގެ ބޮޑުމިނަކީ 3970 އަކަފޫޓެވެ. އެ ގޯތި ބަހާލުމަށް އުތުރުން ދެކުނަށް ހަމައަށް ދަމާލި ރޮގުން ކޮންމެ ބަޔަކަށް 1985 އަކަފޫޓު ވަނީ ލިބިފައެވެ. އެ ދެބައި ބައިކުރުމުން ކޮންމެ ބަޔަކަށް ލިބުން ހ. ހުދުފިނިފެންމާގެ އާގެ އަށް ފޫޓު ހަމަވަނީ ބެދިފައި އޮންނަ ގޯޅީގެ އެއްބައި ހިމަނައިގެންނެވެ.
އަދި އެގޭގެ ދެ ބަޔަކަށް ބަހުމަށްފަހު 2020 ވަނަ އަހަރު އިބްރާހިމް ޝާކިރު ވަނީ ސިޓީ ކައުންސިލުން ވަކި ރަޖިސްޓްރީއެއްވެސް ހައްދައިފައެވެ. ނަމަވެސް މިއީ ހައްވައަށް އެނގިގެން ކޮށްފައިވާ ކަމަކަށް ނުވެއެވެ. އިބްރާހިމް ޝާކިރަކީ "ވަން" އިނގިފައިވާ ގޮތުގައި 2007 އިން 2014 އަށް މާލެ ސިޓީކައުންސިލުގެ މަތީ މަގާމެއްގައި ހުރި މީހެކެވެ.
އޭނާ ވަނީ ނުގަވައިދުން ސިޓީ ކައުންސިލުން ވަކި ރަޖިސްޓްރީއެއް ހައްދާފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ. ހުދުފިނިފެންމާގެ ދެބަޔަށް ބަހާލި އިރު، އެ ދެބަޔަށްވެސް ވަންނަ ދޮރު ކަނޑާފައިވަނީ ހަދީބީމަގުންނެވެ.
"ހައްވާ އިބްރާހިމްއަށް ނުވަދެވޭގޮތަށް ވަކި ރަޖިސްޓްރީއެެއް ހަދާފައި އޮތީ. ހުދުފިނިފެންމާގޭ ހަސަން ޝާކިރަށް. އަސްލު ހަގީގަތުގައި މާލެ ސިޓީ ކައުންސިލުގެ ގަވައިދު ބުނާގޮތުގައި ގޯއްޗެއް ދެބައިކޮށްފައި އެ ގޯތި ބަހާއިރުގައި މި ގޯތިން ޖެހޭނެ މަގަށް ނުކުމެވޭ ގޮތަށް ގޯޅިއެއް ނަގަން. އެހެންވީމަ އެ ގޯޅިގެ އިމުންވާ ބައި ނުބަހާ ހަސަން ޝާކިރުގެ ނަމުގައި ވަކި ރަޖިސްޓްރީއެއް ހަދާފައި އޮތީ" ހަކީމް ވިދާޅުވިއެވެ.
ހަކީމް އިތުރަށް ވިދާޅުވީ ޝާކިރުގެ ނަންމަތީގައި ހުދުފިނިފެންމާގެ ރަޖިސްޓްރީ ހައްދާފައި އޮތީ އިމާރާތްކުރުމުގެ ރަޖިސްޓްރީގެ ދަށުން ކަމަށެވެ. އަދި މައްސަލަ ހޫނުވެގެން ދިޔައީ ހުދުފިނިފެންމާގެ އާގޭގެ އިންފާރު ރޭނުމުން ކަމަށާއި އަދި ހަސަން ޝާކިރުގެ ބައިން ހައްވާ މުހައްމަދުގެ ބަޔަށް ވަންނަން ދޮރެއް ކެނޑުމަށް ހުއްދަ ނުލިބުމުން ހައްވަ ދޮރު ކަނޑާފައިވަނީ ހުދުފިނިފެންމާގެ އާގެ އަށް ވަންނަން އޮންނަ ގޯޅީގެ ތެރެއަށް ކަމަށެވެ.
"ވަން" އަށް މައުލޫމާތުދެމުން ފާރު ރޭނި ފަރާތުގެ އާއިލީ މީހެއް ބުނި ގޮތުގައި، ހުދުފިނިފެންމާގެއަށް ވަދެނުކުމެވާ ދޮރާ ދިމާލުގައި ފާރު ރޭނީ މާލެ ސިޓީ ކައުންސިލުން ދިން ހުއްދައަކުން ކަމަށެވެ.
"މިވާ ގޮތަކީ ހުދުފިނިފެންމާގެ އަސްލު މިއޮތީ މީހަކު ފޭރިގެންފައި. އެ ގޭގެ އަސްލު ވެރިފަރާތަށް މި އޮންނަނީ ކުޑަ ގޮޅިއެއް ދީފައި. މި ބުނާ ވެރިކުރި ފަރާތުން، އެ ގޭގެ މަގަތު ގޯޅިވެސް ބަންދުކޮށް، މަގުގެ ދޮރު ހުންނަ ޖެހޭ ތަނުގައި މިހުރީ ވޯކްޝޮޕެއް ހަދާފައި. އެހެންވެ، މީގެ ކުރިންވެސް އެ މީހުން ވަދެ ނުކުމެ އުޅުނީ އަހަރެމެން ގޭތެރެއިން،" އޭނާ ބުންޏެވެ.
އެ ދޮރަކީ ކުރެހުމުގައި އޮންނަ ގޮތުން ނަމަ ވައި ގޮޅިއަކަށް ބޭނުންކުރުމަށް ކުރެހުމުން ދައްކާފައިވާ ތަނެއް ކަމަށާއި އެގޮތަށް ކުރެހުމާ ހިލާފަށް ބެދިފައި އޮންނަ ގޯޅިއެއް ތެރޭގައި ދޮރު ކެނޑުމަކީ މަނާކަމެއް ކަމަށް އޭނާ ބުންޏެވެ.
"ހައްވާ އިބްރާހީމަށް ސިޓީ ފޮނުވިން ހުދުފިނިފެންމާގެ އާގެ ތެރެއަށް ވަދެ ނުކުތުން ހުއްޓާލުމަށް ނުވަތަ ވަދެ ނިކުމެވާކަމަށް ވަނީވިއްޔާ ހުދުފިނިފެންމާގެ އާގެ މީހުންގެ އިޒުނަ ލިބިގެންނޭ އެގޭގެ ތެރެއަށް ވަދެ ނުކުމެ ހެދޭނީ. މީހެއްގެ އިންފާރު ރޭނުން މަނައެއް ނުކުރެވޭނެ. ފާރު ރާނަން ހުއްދަ ދިނީމަ ހުދުފިނިފެންމާގެ އާގެ ފަރާތްތަކުން ޕޮލިހުންނާ މަޝްވަރާކޮށްފައި އެމީހުން ދެއްވި މުހުލަތުތަކެއް. ގާތްގަނޑަކަށް ހަތަރު ހަފުތާއެއްހާ މުހުލަތު ދެއްވި އެގޭގެ މީހުން ނުކުންނާނެ ގޮތެއް ހަަމޖެއްސުމަށްޓަކައި،" ހަކީމް ވިދާޅުވިއެވެ.
ސިޓީ ކައުންސިލަށް އެނގުނީ ހިއުމަން ރައިޓްސް ކޮމިޝަނުންނާއި ޖެންޑާއިންނާއި ފުލުހުންގެ ފަރާތުން މީހުންތަކެއް ބަންދުވެފައި ތިބި މައްސަލަ ބެލުމަށް އެދުމުން ކަމަށެވެ. އެ މައްސަލަ އެގޮތަށް ދިމާވާން މެދުވެރިވި ސަބަބަކީ މާލެ ސިޓީ ކައުންސިލުން އެ މައްސަލައަށް ހައްލު ހޯދަން މަސައްކަތް ނުކުރުމުން ކަމަށްވެސް ހަކީމް ވިދާޅުވިއެވެ.
އެ ގޭގައި އަށް މީހުން ދިރިއުޅޭ އިރު، މިވަގުތުވެސް އެ ގޭތެރޭގައި ދިހަ މަހުގެ އަންހެން ކުއްޖަކާއި އެއް އަހަރުގެ އަންހެން ކުއްޖަކާއި ދިހަ އަހަރުގެ އަންހެން ކުއްޖަކާއި 65 އަހަރުގެ އަންހެނެއްގެ އިތުރުން އިތުރު އަންހެނެއްވެސް އަންނަނީ ދިރިއުޅެމުންނެވެ.
ހަކީމް އިތުރަށް ވިދާޅުވީ ގޯޅިތަކަށް ވާގޮތަށް ހުންނަ ގެތަކުގެ މައްސަލަތަކުގައި ދިގު މުއްދަތެއް ހޭދަވާ ކަމަށާއި އަދި ހުދުފިނިފެންމާގެ މައްސަލަ ހައްލުކުރުމަށް ހޭދަވާނެ މުއްދަތެއް ބުނެދޭން ނޭނގޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު