މިއަހަރު އޮގަސްޓް 12 އިން 18 އަށް ރާއްޖޭގައި ބާއްވަން ތައްޔާރުވެފައި އޮތް ބެޑްމިންޓަން ބައިނަލްއަގުވާމީ މުބާރާތް ކެންސަލް ކޮށްފިއެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2024 ކެންސަލް ކުރިކަން ބެޑްމިންޓަން އޭޝިއާ ސައިޓްގައި ވަނީ އިއުލާނު ކޮށްފައެވެ. ސައިޓްގައި ވަނީ ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން އެދިގެން މުބާރާތް ކެންސަލް ކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި މީގެ ކުރިން 2011 އިން 2014 އާ ހަމައަށް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތްތައް ބާއްވަމުން އައިސް، އޭގެފަހުން މެދުކެނޑުމަކަށްފަހު އަލުން މުބާރާތް ބާއްވަން ފެށީ 2019 ވަނަ އަހަރުއެވެ. އޭގެފަހުން ކޮވިޑާ ހެދި މުބާރާތްތަކަށް މެދުކެނޑުމެއް އައި ނަމަވެސް، މިދިޔަ ދެ އަހަރުވެސް ބެޑްމިންޓަން ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބާއްވާފައިވެއެވެ.
މިފަހަރުގެ މުބާރާތަށް ޖުމްލަ، 15،000 ޑޮލަރުގެ ފައިސާގެ އިނާމެއް ދޭން ނިންމާފައި އޮތް އިރު، މި މުބާރާތުގައި ބައިވެރިވުމަށް، މި މަހު 16އާ ހަމައަށް މުއްދަތު ހުޅުވާލާފައި އޮތެވެ.
ބީއޭއެމްގެ އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، މިހާރު އޮތް ދައުރުގެ މުއްދަތު ހަމަވެ، އޭގެފަހުން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ދެ ފަހަރެއްގެ މަތިން ދިން މުއްދަތު ވެސް ވަނީ ހަމަވެފައެވެ.
ބީއޭއެމްއަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންގެންދާ ތަހުގީގުގައި މިހާތަނަށް ގިނަ ކަންތައްތަކެއް ހިނގާފައިވެއެވެ. ބީއޭއެމްގެ ރައީސް މޫސާ ނާޝިދު، މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން، ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގަމުންދާ ކަމަށް ބުނެ އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ އެސޯސިއޭޝަން ހިންގުމުގައި އެތަނަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމުގައި އަމިއްލަ މަސްލަހަތު ފުށުއަރާ ފަދައިން އަމަލުކޮށް، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމާއި ހޯދައިދީފައިވާ ކަމަށް ތުހުމަތުކޮށް ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭ ހެކި ހޯދުމަށް ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ ތިން އަމުރެއް ކުރިމިނަލް ކޯޓުން އޭސީސީގެ މައްޗަށް ނެރުނެވެ.
އޭގެ ތެރެއިން ތަންތަނާއި ތަކެތި ބަލައި ފާސްކުރުމާ ގުޅޭ ދެ އަމުރު ބާތިލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެހެން ނަމަވެސް މޫސަ ހުއްޓުވައި ބަލައި ފާސްކުރުމަށް އޭސީސީގެ މައްޗަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ވަނީ ބާތިލުކޮށްފިއެވެ.
މޫސަގެ ކޮރަޕްޝަންގެ ކަންތައްތަކާ ގުޅޭގޮތުން ބެޑްމިންޓަން އެސޯސިއޭޝަންގައި މަސައްކަތް ކުރި ފަރާތަކުން ވަނީ، ރާއްޖޭގެ ކުޅިވަރުގެ ބޮޑެތި އިދާރާތަކަށް މައުލޫމާތު ހިމަނައި ސިޓީއެއް ފޮނުވައިފައެވެ. ސިޓީގައި ހިމަނާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އެސޯސިއޭޝަންގެ ރައީސް މޫސަގެ މަސްލަހަތު އޮންނަ އަސްކަނި ސްޕޯޓްސްއަށް ފައިދާވާ ގޮތަށް ބޯޅަ ގަތުންވެސް ހިމެނެއެވެ. އަސްކަނި ސްޕޯޓްސްއިން އެސޯސިއޭޝަނާ ދެމެދު މިދިޔަ އަހަރު އެކަނި ވެސް، 300،000 ރުފިޔާގެ ވިޔަފާރިކޮށްފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.
އޭގެ އިތުރުން މޫސަގެ މަސްލަހަތު އޮންނަ ގެއަކުން އެޕާޓްމަންޓް ކުއްޔަށް ނަގައި، ކުލި މޫސައަށް ލިބޭ ގޮތަށް އޮންނަ ކަމަށް ތުހުމަތު ވަނީ އަމާޒުވެފައެވެ. އޭގެ އިތުރުން އެސޯސިއޭޝަންގެ ހިންގާ ގަވާއިދާ ހިލާފަށް އެސޯސިއޭޝަނުން ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ކުދިން އަތުން ފީ ނެގުން ވެސް ހިމެނެއެވެ.
މޫސަގެ މައްޗަށް ތުހުމަތުތައް ކުރުމާއެކު އޭނާ އެސޯސިއޭޝަނުގެ އިންތިހާބު އިއުލާނުކޮށް، އާ އިންތިހާބެއް އަވަސް އަރުވާލައިގެން ބާއްވަން މަސައްކަތް ކޮށްފައިވާ އިރު، އެ އިންތިހާބު ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލާއި އޭސީސީންވެސް މިހާރު ވަނީ މަޑުޖައްސައިލަން އަންގައިފައެވެ. އަދި އަސާސީ ގަވާއިދަށް ބަދަލު ގެނެސްގެން ވެސް އިންތިހާބު ބާއްވަން އަންގާފައިވާ އިރު، އެސޯސިއޭޝަނުގެ މައްސަލަތައް ހައްލުކުރަން މިނިސްޓްރީންވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް