ޔޫރޯ 2024ގެ ފައިނަލް މެޗަށް ފެވަރިޓުންނަކީ ސްޕެއިން ކަމަށާއި އިންގްލެންޑަށް މޮޅު ވެވެން އޮތީ ފުރިހަމަ މެޗެއް ކުޅެގެން ކަމަށް ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.

އިންގްލެންޑުން އެ ގައުމުގެ ތާރީހުގައި އަމިއްލަ ގައުމުން ބޭރުގައި ކުޅޭ ފުރަތަމަ ފައިނަލަށް އަންނަ އަދީއްތަ ދުވަހުގެ ރޭ ސްޕެއިނާ ދެކޮޅަށް ނުކުންނާނީ ޖަރުމަނުގެ ބާލިންގައެވެ. އިންގްލެންޑުން ނެދަލޭންޑްސް ބަލިކޮށް ފައިނަލުގެ ޖާގަ ހޯދާފައިވާއިރު، ސްޕެއިނުން ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި ފްރާންސް ބަލިކޮށްގެންނެވެ.

މިއީ އިންގްލެންޑުން ޔޫރޯ ފައިނަލް ކުޅޭ ދެވަނަ ފަހަރެވެ. އަދި މިއީ އެ ގައުމުން ޖެހިޖެހިގެން ފައިނަލް ކުޅޭ ދެވަނަ ފަހަރުވެސް މެއެވެ. އެންމެފަގުން ޔޫރޯ 2020ގެ ފައިނަލުގައި އިންގްލެންޑް ބަލިވީ އިޓަލީ ކައިރިން ޕެނަލްޓީ ޖަހައިގެންނެވެ. މި ފަހަރުގެ ފައިނަލާ ގުޅޭ ގޮތުން އިނގިރޭސި ނޫސްތަކަށް ވާހަކަދައްކަމުން ސައުތުގޭޓް ބުނީ ސްޕެއިނަކީ ފެވަރިޓުން ކަމަށާއި މިހާތަނަށް މުބާރާތުގައި އެންމެ މޮޅު ޓީމަކީ އެއީ ކަމަށެވެ.

"ސްޕެއިނަކީ ފެވަރިޓުން. އެއީ ސްޕެއިނުން މިހާތަނަށް މުބާރާތުގައި ކުޅުނު ކުޅުމަށް ބަލާފައި އެންމެންނަވެސް ފެންނާނެ އެ މަންޒަރު. އެއީ މިހާތަނަށް އައިއިރު އެންމެ މޮޅު ޓީމު،" ސައުތުގޭޓް ބުންޏެވެ.

ސައުތުގޭޓް ބުނީ ސްޕެއިނުން އިންގްލެންޑަށްވުރެ އެއް ދުވަސް ކުރިން ސެމީ ފައިނަލް މެޗު ކުޅުމުން، ރިކަވަރީއަށް އިތުރު ދުވަހެއް ލިބޭނެ ކަމަށާއި އިންގްލެންޑްގެ ކުޅުންތެރިންނަށް ރިކަވަރީ ރަނގަޅުކުރަން، ލިބޭ މަދު ވަގުތުކޮޅުގައި ރަނގަޅު މަސައްކަތެއް ކުރަން ޖެހޭނެ ކަމަށެވެ.

"ސްޕެއިނުން އެންމެފަހުން ނުކުތް ތިން ފައިނަލަށްވެސް އިތުރު ވަގުތުތަކެއް އެ ޓީމަށް ލިބުނު ރިކަވާ ވާން. އެއީ ވަރަށް ބޮޑަށް ފާހަގަކުރަންޖެހޭ ކަމެއް. އަހަރެމެން ޖެހޭނެ ރިކަވަރީގައި އަވަސް މަސައްކަތްތަކެއް ކުރަން. އަދި ޓެކްޓިކަލީވެސް ޖެހޭނެ ފުރިހަމަ މެޗެއް ކުޅެން. އެއީ ސްޕެއިނަކީ ޓެކްޓިކަލީ ފުރިހަމަ ޓީމަކަށްވީމަ،" ސައުތުގޭޓް ބުންޏެވެ.