ފްލެޓް ލިބުނު ކަމަށް ބުނެ މީހެއްގެ އެކައުންޓުން ފަސް ލައްކައަަށްވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައެއް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބަލަން ފަށައިފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ، އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެ ސްކޭމް ހިންގާފައިވަނީ ފްލެޓް ލިބުނު ކަމަށް ބުނެ ނުދަންނަ ނަންބަރަކުން ވިކްޓިމްއަށް ގުޅައި، އީމެއިލް އެޑްރެސް ހޯދައި، ސިމްކާޑް އީ-ސިމަކަށް ބަދަލުކޮށް، ސިމްކާޑު ކޮމްޕްރޮމައިޒްކޮށް މޯބައިލް ބޭންކިންއަށް އެކްސެސް ހޯދައިގެން ކަމަށެވެ.
އެގޮތުން އެ މީހާގެ އެކައުންޓުން 25،000 ރުފިޔާއާއި އެ މީހާގެ ބައިވެރިވުން އޮތް ޖަމިއްޔާއެއްގެ އެކައުންޓުން 562،149 ރުފިޔާ ފޭރިގަނެފައިވާ ކަމަށް ވިދާޅުވިއެވެ.
އެ ސްކޭމްގެ ތަފުސީލު ދެއްވަމުން އެންޓި ސްކޭމް ސެންޓަރުގެ ސްކޭމް އިންވެސްޓިގޭޝަންގެ ވެރިޔާ، އިންސްޕެކްޓަރް އޮފް ޕޮލިސް ޝާމް މުހައްމަދު ވިދާޅުވީ، ސްކޭމް ހުއްޓުވުނުއިރު، ވިކްޓިމްގެ އެކައުންޓުން 41 ޕަސެންޓް ފައިސާ އަދި ވިކްޓިމްގެ ބައިވެރިވުން އޮންނަ ޖަމިއްޔާގެ އެކައުންޓުން 42 ޕަސެންޓް ފައިސާ ސަލާމަތް ކުރެވުނު ކަމަށެވެ.
އަދި ފޭރުނު ފައިސާގެ ތެރެއިން 62 ޕަސެންޓް ފައިސާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އަށް އޭޓީއެމްއަކުން ނަގާފައިވާއިރު ފައިސާގެ 19 ޕަސެންޓް ކްރިޕްޓޯ ހޭދަކޮށްފައިވަނީ ކަރަންސީއަށާއި ފަސް ވިޔަފާރިއަކުން އިލެކްޓްރޯނިކް އަގުބޮޑު މުދާ ގަތުމަށް ކަމަށްވެސް ޝާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ފޭރުނު ފައިސާގެ 18 ޕަސެންޓް އެކައުންޓުތަކުގައި ފްރީޒްކޮށްފައިވާ ކަމަށެވެ.
"ނިގުޅައިގަނެވިފައިވާ ފައިސާ ކޭޝް އައުޓްކުރުމާއި މުދާ ގަތުމުގައި ރާއްޖޭގެ އަށް އަތޮޅަކުން ޖުމުލަ 36 ރަށަކުން 150 ވުރެގިނަ މީހުން ބައިވެރިވެފައިވޭ" ޝާމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެ މައްސަލައަކީ ގިނަ ބަޔަކު ގުޅިގެން ރާވައިގެން ހިންގާފައިވާ ކަމެއް ނަމަވެސް މައްސަލައާ ގުޅިގެން އަދި ހައްޔަރުކޮށްފައިވަނީ އެންމެ މީހެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު