އެޗްޑީސީގެ މެނޭޖަރުކަމުން ވަކިކުރި އަހުމަދު އިސްމާއީލަށް ގަތުމުގެ ފުރުސަތު ލިބިފައިވާ ފްލެޓާ ގުޅޭ ގޮތުން އެއްވެސް ކަމެއް ނުކުރުމާއި އޭނާ އަދާކުރަމުންދިޔަ ވަޒީފާގެ ސަބަބުން ލިބިފައި އޮތް އަދި ލިބެމުންދިޔަ އިނާޔަތްތަކާއި ފުރުސަތުތައް އިޔާދަ ކުރުމަށް ހުރަސްއެޅި ގާނޫނީ ބާރުވެރިކަން ގެއްލިދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.

މި މައްސަލައަކީ މއ. ހިންނަވަރު/ އަހުމަދު އިސްމާއީލް، އެޗްޑީސީގެ މެނޭޖަރެއްގެ މަގާމުން ވަކިކުރުމާއި ގުޅިގެން 22 ޖެނުވަރީ 2024 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ނިމެންދެން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި އަހުމަދު އިސްމާއީލް ޓްރައިބިއުނަލްގައި އެދިފައިވަނ،ީ އޭނާ ވަޒީފާ އިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި، ސާބިތުނުހިފޭ ތުހުމަތުތަކެއްގެ މައްޗަށް ކަމަށާއި އޭނާ ވަޒީފާ އިން ވަކިކުރުމަށް ތަހުގީގު ހިންގާފައިވަނީ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނާއި ހެއްކާބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ.

އަދި ތަހުގީގު ހިންގާފައިވަނީ އަދުލު އިންސާފުގެ ހަމަތަކާ ހިލާފަށް ކަމަށާއި އެއީ ކުރިއާލައި ވަކިގޮތެއް ނިންމައިގެން ތިބެ، ވަކި ފަރާތަކަށް ބުރަވެގެން ހިންގާފައިވާ ތަހުގީގެއް ކަމަށާއި އެ ތަހުގީގު ހިންގި ކޮމިޓީއަށް ނުބެލެވޭނެ ނުވަތަ 'ލިމިޓޭޝަން ޕީރިއެޑް' ހަމަވެފައިވާ ތުހުމަތުތަކެއް ބަލާފައިވާ ކަމަށްވެސް ކަނޑައަޅައި ދިނުމަށްވެސް އޭނާގެ ފަރާތުން އެދުނެވެ.

އޭނާގެ އިތުރަށް ވަނީ ވަޒީފާ އިން ވަކިކޮށްފައިވަނީ މައުލޫއީ އިންސާފު ގާއިމުކުރުމެއް ނެތި ކަމަށާއި އިޖުރާއީ އިންސާފު ގާއިމުނުކޮށް ގާނޫނުއަސާސީއާއި ގާނޫނުތަކާއި އެކަމާ ގުޅޭ ގޮތުން ކޯޓުތަކުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި 20 ނޮވެންބަރު 2023 އިން ފެށިގެން އޭނާއަށް މުސާރަ ދީފައިނުވަނީ ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށްވެސް އެދިފައެވެ.

އޭގެ އިތުރުން އަހުމަދު އިސްމާއީލަކީ އެޗްޑީސީގެ މެނޭޖަރުކަމުން ވަކިވެފައިވާ ފަރާތެއް ނޫން ކަމަށް ކަނޑައެޅުމަށާއި އަދާކުރަމުންދިޔަ ވަޒީފާގެ ސަބަބުން ގަތުމުގެ ފުރުސަތު އޭނާއަށް ލިބުނު އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ 'ކްރީކް ރެސިޑެންސް'ގެ ފްލެޓް ގަތުމުގެ ފުރުސަތުގެ އިތުރުން ލިބެމުންދިޔަ އިނާޔަތްތަކާއެކު އޭނާ ހުރި މަގާމަށް ރުޖޫއަކުރުމަށާއި އިންސާފުވެރި ބަދަލެއްގެ ގޮތުގައި ވަޒީފާ އިޔާދަކުރާ ތާރީހާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދޭންޖެހޭ ކަމަށާއި ސަބަބެއް އަދި އަސާސެއް ނެތި މުސާރަ ހިފެހެއްޓުމުން އޭނާގެ އަސާސީ ހައްގަކަށް އަރައިގަނެފައިވާތީ 'އެގްރަވޭޓެޑް' އަދި 'ޕިއުނިޓިވް' ޑެމޭޖަސް ނަގައިދެއްވައ،ި މައްސަލަ ނިންމައިދިނުމަށާއި ވަޒީފާ އިޔާދަކޮށް ނުދޭނަމަ، އަދުލުވެރި ބަދަލެއް މިންކޮށް، އެ ބަދަލުދިނުމަށް ކަނޑައަޅައ،ި އޭނާގެ މުސާރަ ހިފެހެއްޓުމުން އަސާސީ ހައްގަކަށް އަރައިގަނެފައިވާތީ 'އެގްރަވޭޓެޑް' އަދި 'ޕިއުނިޓިވް' ޑެމޭޖަސް ނަގައިދެއްވައި މައްސަލަ ނިންމައި ދިނުމަށްވެސް އޭނާ ވަނީ ކޯޓުގައި އެދިފައެވެ.

މި މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ ހުށަހެޅުންތަކަށް ބެލުމަށްފަހު ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، މި މައްސަލައިގެ މައުލޫގައި ނިންމުމެއް ނިންމުމާ ހަމައަށް ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކި ގޮތެއް އަންގަންދެން އަހުމަދު އިސްމާއީލަށް ގަތުމުގެ ފުރުސަތު ލިބިފައިވާ ފްލެޓް އިތުރު ފަރާތަކަށް ދިނުން ނުވަތަ ވިއްކުން ނުވަތަ ވިއްކުމަށް ހުށަހެޅުން ނުވަތަ އައްޔަންކުރުން ނުވަތަ ކުއްޔަށް ދިނުންފަދަ އެއްވެސް ކަމެއް ނުކުރުމަށާއި އޭނާ އަދާކުރަމުންދިޔަ ވަޒީފާގެ ސަބަބުން ލިބިފައި އޮތް އަދި ލިބެމުންދިޔަ އިނާޔަތްތަކާއި ފުރުސަތުތައް އިޔާދަކުރުމަށް ހުރަސްއެޅި އެފަދަ ނިންމުމެއްގެ ގާނޫނީ ބާރުވެރިކަން ގެއްލިދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް އެޗްޑީސީއަށް އަންގައި އަމުރުކުރާ ކަމަށެވެ.