ޔޫރޯ 2024 ގެ ފައިނަލާ ހަމައަށް ފްރާންސަށް ނުދެވުނު ނަމަވެސް ކޯޗު ޑިޑިއޭ ޑިޝޭމްޕްސް މަގާމުގައި މަޑުކުރާނެ ކަމަށް ފްރާންސް ފުޓުބޯޅަ ފެޑެރޭޝަނުގެ ރައީސް ފިލިޕް ޑިއާލޯ ވިދާޅުވެއްޖެއެވެ.

ފްރާންސުން 2000 ވަނަ އަހަރަށްފަހު ޔޫރޯ ތަށްޓެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި މިފަހަރު ފެއިލްވީ ސެމީ ފައިނަލާ ހަމައިންނެވެ. ފްރާންސުން ސެމީގައި ސްޕެއިނާ ދެކޮޅަށް ކުޅެ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ސެމީ މެޗުގައި ފްރާންސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް، އޭގެ ކުރިން އެޓީމަށް އޯޕަން ޕްލޭއެއްގައި ގޯލެއްވެސް ޖެހިފައެއް ނުވެއެވެ. ގްރޫޕް ސްޓޭޖުގައި ހޯދީ އެންމެ މޮޅެކެވެ. އެއީ އޮސްޓްރިއާ ކައިރިން ހޯދި މޮޅެކެވެ.

ޑިޝޭމްޕްސް 2012 ވަނަ އަހަރުން ފެށިގެން ފްރާންސަށް ކޯޗުކަން ކޮށްދެމުން އަންނަ އިރު، އެފްއޭ ރައީސް ޑިއާލޯ ވަނީ އޭނާގެ މަސައްކަތަށް ތައުރީފު ކުރައްވައިފައެވެ. ޑިއާލޯ ވިދާޅުވީ ޑިޝޭމްޕްސް ކޯޗުކަމާ ހަވާލުވެ ކާމިޔާބީތަކެއް ހޯދި ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބުކޮށްދިނުމުގެ އިތުރުން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލަށް ފްރާންސް ގެންދިޔުން ޑިއާލޯ ފާހަގަކުރެއްވިއެވެ.

ޑިއާލޯ ވިދާޅުވީ 2026 ވަނަ އަހަރާ ހަމައަށް ޑިޝޭމްޕްސް ކޯޗުކަމުގައި މަޑުކުރުމަށް ކަމަށެވެ. އެއީ އެ އަހަރު ބާއްވާ ވޯލްޑް ކަޕަށް ޓީމު ތައްޔާރު ކުރުމުގެ މަސައްކަތަށެވެ. އެހެން ނަމަވެސް ވޯލްޑް ކަޕާ ހަމައަށް އެއްބަސްވުން އިތުރު ކުރާނެތޯ ނުވަތަ ނޫންތޯ، އެ ސުވާލަށް ޑިއާލޯ ޖަވާބެއް ނުދެއްވައެވެ.

ޑިއާލޯ އިތުރަށް ވިދާޅުވީ ފްރާންސްގެ ކޯޗުކަމަށް ޑިޝޭމްޕްސް ގެންގޮސް، ހަވާލުކުރި ކަންކަން ބަރާބަރަށް ހާސިލްކޮށްފައިވާ ކަމަށާއި އެއްބަސްވުމާ މެދު އެއްވެސް ވަރަކަށް ސުވާލު އުފައްދަންވެސް ޖާގަ ނެތް ކަމަށެވެ. ސްޕެއިނަކީ މިހާތަނަށް މުބާރާތުގައި އޮތް އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ޑިއާލޯ ސިފަކުރައްވާފައިވާ އިރު، އޭނާ ވިދާޅުވީ ސްޕެއިން ކައިރީ ފްރާންސަށް ހިފަހައްޓާލެވުން އެއީ ޓީމުގެ ވަރުގަދަކަން ފެނުން ކަމަށެވެ.