ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ރައީސަކަށް އަލީ ރަޝީދު (އައްޔަ) އަދި ނައިބު ރައީސަކަށް އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަދި ކުރީގެ ޓީޓީ ކުޅުންތެރިޔާ ޝިއުރީ އިބްރާހީމް އިތުރު ދައުރަކަށް އިންތިހާބު ކޮށްފިއެވެ.
ޓީޓީ އެސޯސިއޭޝަންގެ އިންތިހާބު އިއްޔެ ބާއްވާފައިވާ އިރު، މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަނޑު ހަމަވި އިރު، ކޮންމެ މަގާމަކަށްވެސް ކުރިމަތިލާފައިވަނީ އެންމެ މީހެކެވެ. އެހެންކަމުން އިއްޔެ އިންތިހާބުގައި ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ.
އައްޔަ އާއި ޝިއުރީ ރައީސާއި ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވާ އިރު، ހަޒާންދާރަކަށް ހޮވުނީ އަހުމަދު ޝާޒިލެވެ. އޭގެ އިތުރުން ދެން ހޮވިފައި ވަނީ ހިންގާ ކޮމިޓީގައި ފުރިހަމަ މެންބަރުން ތަމުސީލު ކުރާ އަންހެން މެމްބަރަކަށް އައިޝަތު ފަދުވާ ރަޝީދު، ހިންގާ ކޮމިޓީގައި ފުރިހަމަ މެންބަރުން ތަމުސީލު ކުރާ ފިރިހެން މެންބަރަކަށް އަމްޕަޔަރު، އައްޒާމް އިބްރާހިމް، ހިންގާ ކޮމިޓީގައި ކްލަބް ޖަމިއްޔާތައް ތަމުސީލު ކުރާ މެންބަރު ކަމަށް ޖާދުﷲ ހަސަން އަދި ހިންގާ ކޮމިޓީގައި އެސޯސިއޭޓް މެންބަރުން ތަމުސީލު ކުރާ މެމްބަރު ކަމަށް އިސްމާއިލް ސުޖާއުއެވެ.
މި އަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަރަކަށް ހަމަޖައްސާފައިވާ އައްޔައަކީ 2006 އިން 2008 އަށް ޓީޓީ އެސޯސިއޭޝަންގެ އިދާރީ މަސައްކަތްތައް ކުރި އިރު، 2008 ވަނަ އަހަރުން ފެށިގެން ޓީޓީގެ ނައިބު ރައީސެވެ. އެންމެ ފުރަތަމަ ރައީސަކަށް އިންތިހާބުވީ، ވާދަވެރިއަކު ނެތި، 2016 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކޮށްގެންނެވެ. އެކަމަކު އެންމެ ފަހުން، 2020 ވަނަ އަހަރު ބޭއްވި އިންތިހާބު ވާދަވެރިކޮށް ދިޔައިރު، އައްޔަ ވަނީ ދެވަނަ ދައުރަކަށް އިންތިހާބުވެފައެވެ. ދެން އައްޔަ ފުރުއްވާނީ އޭނާގެ ތިންވަނަ ދައުރެވެ.
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް