"ރީތި ކުޅުމެއް ނޫން އަބަދު މުހިއްމީ. ބައެއް ފަހަރު ޖެހޭނެ މޮޅުވާން ކޮންމެވެސް އެހެން ގޮތެއް ހޯދަން،" ގެރެތު ސައުތުގޭޓް ޕެނަލްޓީގައި ސްވިޒަލޭންޑް ބަލިކޮށް ބުންޏެވެ.
އިންގްލެންޑަށް ޔޫރޯ 2024 ފެށުމުގެ ކުރިންވެސް ފާޑު ކިޔުން އަމާޒުވިއެވެ. އެ ފާޑު ކިޔުން އަމާޒުވީ އިންގްލެންޑަކީ ފެވަރިޓުން ކަމަށް އެންމެން ބުނުމަށްވެސް ފަހުއެވެ. ޔޫރޯ ފެށުމުގެ ކުރިން ސުޕަ ކޮމްޕިއުޓަރުތަކާއި އެނަލިސްޓުންތައްވެސް އެންމެ ބޮޑު ފެވަރިޓަކީ އިންގްލެންޑް ކަމަށް ނިއްމިއެވެ. އެއީ އިންގްލެންޑަށް ލިބުނު ފަސޭހައެއް ނޫނެވެ. އެއީ އެތައް ސަޕޯޓަރުންތަކެއްގެ އުންމީދު މައްޗަށް ދިޔަ އެއް ސަބަބެވެ. އެ އުންމީދުތަކާ އެކު ޓީމުން ސަޕޯޓަރުން ދެކެން ބޭނުންވީ ގޯހެއް ނުހަދައި ކުޅޭ ހަލުވި، އަވަސް އެޓޭކިން ހިތްގައިމު ފުޓުބޯޅައެކެވެ. ޕެޕް ގާޑިއޯލާގެ ބާސެލޯނާއިން ކުޅުނު ފުޓުބޯޅައެވެ. ނޫނީ މެންޗެސްޓާ ސިޓީގެ ފެންވަރެވެ.
އެ އުންމީދުތަކުގައި ތިއްބައި، ޔޫރޯ ފަށަން ކުޅުނު ވާމް އަޕް މެޗެއްގައި އައިސްލޭންޑް އަތް ދަށުވިއެވެ. އެހިސާބުން "ޑްރާމާ" ފެށުނީއެވެ. އެ މެޗުގެ ހަބަރުތައް ފަލަ ސުރުހީތަކަށް އަރައި، ފާޑު ކިޔުން އަމާޒުވިއެވެ. އެ މެޗުން ބަލިވި ކަމަށް ޖަހައި، މެޗުގައި އިރުކޮޅަކު ކުޅުނު ބުކަޔޯ ސަކާގެ ފޮޓޯ ހަޑިކޮށްލަންވެސް ބައެއް މިޑިއާތައް މަސައްކަތް ކުރިއެވެ. އެހިސާބުން ހިޔާލު ތަފާތުތައް އައިސް، އިނގިރޭސި މީޑިއާވެސް ދެކަފިވިއެވެ. އެހިސާބުން ނެގި ސްކޮޑަށް ފާޑުވެސް ކިޔަން ފެށިއެވެ.
އެ ފާޑު ކިޔުމާ އެކު ޔޫރޯއަށް އިންގްލެންޑް ނުކުތް އިރު، އެޓީމުގެ ކޮންމެ ކުޅުންތެރިއެއްގެ ސިކުނޑީގައި އޮތީ ޕްރެޝަރެވެ. ހަމަޖެހިލަން ފުރުސަތެއް މީޑިއަކުން ނުވެސް ދެއެވެ. ގްރޫޕް ސްޓޭޖުގެ ނަތީޖާތަކަށް ފާޑު ކިޔުން ބޮޑުވެ، އެ ހުރިހާ ކަމަކާ ސައުތުގޭޓް "ޑީލް" ކުރަން ޖެހުނެވެ. ސައުތުގޭޓަށް "ރިސްކް" ނަގަން ނުކެރޭ ކަމަށް ބުނެ އެތައް ޖޯކެއް ޖެހިއެވެ. އެތައް މީމްއެއް އޭނާއަށް ހެދިއެވެ.
އެ ޕްރެޝަރު ކަނޑުވާލަން ސައުތުގޭޓް މަސައްކަތް ކުރިގޮތް ރަނގަޅެވެ. ކިރިޔަ ކިރިޔާ ގްރޫޕް ސްޓޭޖުން ސަލާމަތްވި ނަމަވެސް، ނޮކްއައުޓާ ހަމައިން އިންގްލެންޑަށް ކުޑަ ހަމަޖެހުމެއް ލިބިއްޖެއެވެ. މެޗަކުން މެޗަކަށް ދިޔައީ ޕްރެޝަރު ކުޑަކުރަމުންނެވެ. އެ މަސައްކަތް މާ "ހަރުކަށި ނުވެ،" މާ ބޮޑަށް "މަޑު ގިންޏަށްވެސް ނުލައި،" ވިސްނުންތެރިކަމާ އެކު ކުރީ ސައުތުގޭޓެވެ.
ޔޫރޯ 2024 ގެ "ގްރޫޕު ސީ" ގައި ޑެންމާކް އަތުން 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައި އިންގްލެންޑުން ދެއްކި ކުޅުމަށް ފާޑުކިޔައި، އިނގިރޭސި ފުޓުބޯޅަ ލެޖެންޑް އަދި ފުޓުބޯޅަ އެނަލިސްޓް ގޭރީ ލިނެކާ އޭނާގެ ޕޮޑްކާސްޓުގައި ދެއްކި ވާހަކަތަކަށް އިންގްލެންޑް ކެޕްޓަން ހެރީ ކޭން އަދި މިޑްފީލްޑަރު ޑެކްލައިން ރައިސް ވަނީ ރައްދު ދީފައެވެ. އެހެން ނަމަވެސް ފުރަތަމަ 11 އާއި އެހެން ކަންކަމަށް ފާޑު ކިޔައި، ލިޔެކާ ދެއްކި ވާހަކައަށް ސައުތުގޭޓް ޖަވާބެއް ނުދެއެވެ. އޭނާ ބޭނުންވީ ބޭރުތެރެއަށް ސަމާލުކަން ކުޑަ ކުރާށެވެ.
ސައުތުގޭޓް ބުނީ ބޭރުތެރެއިން ދައްކާ ވާހަކަތަކަށް ރައްދުދީގެން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށާއި އަބަދުވެސް އެފަދަ ވާހަކަތައް ދައްކާނެ ކަމަށެވެ. އަދި އެފަދަ ވާހަކަތަކުން އެއްވެސް އަސަރެއް ޓީމަށް ކޮށްގެން ނުވާނެ ކަމަށް ވެސް ސައުތުގޭޓް ބުންޏެވެ. އެއީ ސައުތުގޭޓް ޕްރެޝަރާ ޑީލް ކުރަން ގެންގުޅޭ އެންމެ ރަނގަޅު ޓެކްޓިކްސްއެވެ. ރައްދު ދޭކަށް ބޭނުމެއް ނުވާނެއެވެ. މައްސަލައެއް އިތުރަށް ހޫނެއް ނުކުރާނެއެވެ.
"އަހަރެންނަށް މުހިންމީ ކުޅުންތެރިން ގޮވައިގެން މުބާރާތުގައި ކުރިއަށްދިއުން. އަހަރެމެންނަކީ ބޮޑެތި އުންމީދުތަކެއް ކުރާ، މަގުސަދު އެނގޭ ވަރުގަދަ ޓީމެއް. ބޭރު ތެރެއިން ދައްކާ ވާހަކައަށް ސަމާލުކަން ދޭން އަހަރެން ބޭނުމެއް ނޫން. އަދި ކުޅުންތެރިން ވެސް އެ ގޮތުގައި ތިބެން އަހަރެން ބޭނުމީ،" އޭނާ ބުންޏެވެ.
ސައުތުގޭޓަށް ފުރަތަމަ ފާޑު ކިޔުން އަމާޒުވީ 1-0 އިން ސާބިއާ ކައިރިން މޮޅުވި ނަމަވެސް، ދަށްކޮށް ކުޅެގެންނެވެ. އަދި އޭގެފަހުން ދަށް ކުޅުމަކާއެކު ޑެންމާކާ އެއްވަރުވުމުންނެވެ.
ސާބިއާ މެ ޗަށްފަހު އެންމެ ގިނަ މީޑިއާތަކަކުން ފާޑުކީ އެއް މަގާމަކީ ލިވަޕޫލްގެ ޑިފެންޑަރު ޓްރެންޓް އެލެކްސެންޑާ-އާނޯލްޑް ކުޅުނު މަގާމެވެ. ސައުތުގޭޓް އާނޯލްޑް ބޭނުން ކުރަމުންދަނީ ހޯލްޑިން މިޑްފީލްޑަރަކަށެވެ. އެއީ ޑެކްލަން ރައިސްއާ އެކުގައެވެ. ރައިސް، އާސެނަލާ އެކު ވަރުގަދަ ސީޒަނެއް ނިންމައި ޔޫރޯއަށް ނުކުތް ނަމަވެސް މިޑްފީލްޑް ޕާޓްނަރު، އާނޯލްޑާ އެކު އަދި މިހާތަނަށް އެންމެ ރަނގަޅަށް ކުޅެވުނުތަނެއް ނުފެނެއެވެ. އާނޯލްޑް މުޅި ސީޒަނުގައި އަރިމަތިން ފަހަތަށް ކުޅުމަށްފަހު އިންގްލެންޑް މެދަށް ނެރުމުން، އޭނާއަށްވެސް އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ.
ސާބިއާ މެޗަށްފަހު ސައުތުގޭޓް ބުނީ، އެއީ އެކްސްޕެރިމެންޓެއް ކަމަށާއި އެ އެކްސްޕެރިމެންޓް އަދި ކާމިޔާބު ނޫން ކަމަށް ގަބޫލުކުރާ ކަމަށެވެ. ސައުތުގޭޓް ސްކޮޑަށް ކުޅުންތެރިން ނެގި އިރު، އެ މަގާމަށް ދެން ނެގީ ޗެލްސީގެ ކޯނޯ ގަލެގާއެވެ. ގަލެގާ ރޭވެސް ދެވަނަ ހާފުގެ ކުރީކޮޅުގައި އާނޯލްޑްގެ ބަދަލުގައި ކުޅެން ނުކުތް ނަމަވެސް، މާ ބޮޑު ތަފާތެއް ނުދެއްކުނެވެ. ދެން ގިނަ މީޑިއާތަކުން ފާހަގަ ކުރީ ތަޖުރިބާކާރު މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ސްކޮޑަށް ނެގި ނަމަ، އެ މަގާމު ފޫބެއްދޭނެ ކަމަށް ދެއްކި ވާހަކަައެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ޕްރެޝަރުގައި ހުރި ސައުތުގޭޓް، އެ މަގާމަށް ހައްލު ހޯދަން އުނދަގޫ ކަމަށް ބުންޏެވެ. އެހެން ނަމަވެސް ނޮކްއައުޓަށް އެންމެ ބޭނުންވީ ކޯބީ މައިނޫ އެރުވިއެވެ. އެ ބަދަލު ރަނގަޅުވެސް ރަނގަޅެވެ.
ދެން އަނެއް ކަމަކަށް ސައުތުގޭޓް ބަދަލުކުރި ކަމަކީ ކޯލް ޕާމާއަށް ބެންޗުން އަރަން ނަމަވެސް ފުރުސަތު ދިނުމެވެ. އަދި އެންމެފަހުން ރޭ ކެޕްޓަން ހެރީ ކޭންވެސް ބޭލިއެވެ. އެއީ ސައުތުގޭޓްގެ "ގަޓް" ކަން މީޑިއާއަށް ފެނުނު ބަދަލެކެވެ. ބަދަލަކަށް ނުކުތީ އޮލޭ ވޮޓްކިންސްއެވެ. ނެދަލޭންޑްސް ބަލިކުރީ އޭނާ ޖެހި ގޯލުންނެވެ. އެހެންކަމުން އެހެން ބައެއް ބޯހަރު ކޯޗުންނަށް ވުރެ ސައުތުގޭޓްގެ "ގޯސް ގަބޫލުކުރާ" ސިފަ ރަނގަޅު ކަމަށް ގިނަ މީޑިއާތަކެއްގައި ބުނެފައިވެއެވެ.
"ސައުތުގޭޓަށް މިރޭގެ މޮޅު ހައްގު. އެތައް ޕްރެޝަރަކާއެކުވެސް ސައުތުގޭޓް ނަތީޖާ ނެރެދިނީ. އޭނާއަށް ކްރެޑިޓް ހައްގު،" އެލެން ޝިއެރާ ޓީވީގައި ބުންޏެވެ.
އެއީވެސް ސައުތުގޭޓަށް އިންތިހާއަށް ފާޑުކީ ކުރީގެ ކުޅުންތެރިއެއް ނަމަވެސް، ރޭގެ މެޗަށް ހައްގު ކްރެޑިޓް ދިނެވެ.
އަބަދުވެސް ސައުތުގޭޓް ބުނަމުންދާ ވާހަކައެކެވެ. ޕްރެޝަރު ނަގާނީ އޭނާއެވެ. ކުޅުންތެރިންނަށް ބޫ ކޮށްގެން ނުވާނެއެވެ. ފާޑު ކިޔާނީވެސް އޭނާއަށެވެ. ފާޑު ކިޔުން އަމާޒުކުރަން ވީ ވެސް އޭނާއަށެވެ. އެއީ ސައުތުގޭޓްގެ އުކުޅެކެވެ. އިންގްލެންޑްގައި އޮތް މީޑިއާއިން ފާޑުކިޔުމުގެ ސަގާފަތް އޭނާ އަނބުރާލީ ސީދާ އޭނާއަށެވެ. އެހެން އަނބުރާލުމުން ކުޅުންތެރިންނަށް ކުރިމަތިވާ ޕްރެޝަރު ކުޑަވެއެވެ. ސައުތުގޭޓަކީ ގުރުބާން ކުރާ ކަންބަޅިއެއް ނަމަވެސް، އޭނާގެ ވިސްނުން ތޫނެވެ. އެ ވިސްނުމުން ނަތީޖާވެސް އެބަ ނެރޭތާއެވެ.
- 2018 ވޯލްޑް ކަޕް - ސެމީ ފައިނަލް
- 2019 ނޭޝަންސް ލީގު - ސެމީ ފައިނަލް
- 2020 ޔޫރޯ - ފައިނަލް
- 2022 ވޯލްޑް ކަޕް - ކުއާޓާ ފައިނަލް
އެއީ މީގެ ކުރިން އިންގްލެންޑަށް އެހާ އާންމު ކަންކަމެއް ނޫނެވެ. 1966 ވަނަ އަހަރު ވޯލްޑް ކަޕް ތަށި ނެގި ފަހުން އަދި މިހާތަނަށް ބޮޑު މުބާރާތެއްގެ ފައިނަލަށް ފުރަތަމަ ނުކުތީ ސައުތުގޭޓާ އެކު ޔޫރޯ 2020 ގައެވެ. ދެން މި ނުކުންނަނީ މިފަހަރުއެވެ. އޭގެ ކުރިން އޮތް ރަން އެތައް ޖީލަކަށް ނުވި ކަމަކެވެ. އެ ޖީލުތަކަށް ޔޫރޯ ފައިނަލެއް ނުވެސް ހޯދެއެވެ. ސައުތުގޭޓް ވަނީ ދެ ފައިނަލަށް ޖެހިޖެހިގެން ޓީމު ގެންގޮސްފައެވެ. އޭނާއަކީ ދެ ޔޫރޯ ފައިނަލަށް ޓީމެއް ގޮވައިގެން ނުކުތުމުގެ ޝަރަފު ހޯދާ ތިންވަނަ ކޯޗެވެ. މީގެ ކުރިން އެޝަރަފު ހޯދީ ޖަރުމަނުގެ ހެލްމުޓް ޝޯން އާއި އެގައުމުގެ ބާޓީ ވޮޓްސްއެވެ.
އޭގެ އިތުރުން ސައުތުގޭޓަކީ އިންގްލެންޑް ގޮވައިގެން، އެގައުމުން ބޭރުގައި ފައިނަލް މެޗަކަށް ނުކުންނަ ފުރަތަމަ ކޯޗުވެސް މެއެވެ. 1966 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލާއި ޔޫރޯ 2020 ގެ ފައިނަލަށް އިންގްލެންޑް ނުކުތީ އަމިއްލަ ފަސްގަނޑުގައެވެ. އޭގެފަހުން ކުޅޭ ފައިނަލަކީ ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ސްޕެއިނާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.
ގިނަ ބައެއްގެ ނަޒަރުގައި ސައުތުގޭޓްގެ ދެ ބަދަލުން ރޭ ގޯލު ޖަހުމާއި ޕްރެޝަރަށް ޒިންމާ ނެގުމުގެ ހުނަރުން އޭނާއަށް ތައުރީފް ހައްގެވެ. ޕްރެޝަރު ބޮޑުކޮށް އޮތް ޓީމެއްގެ ރޫހު ދަމަހައްޓައި އޭނާ އިންގްލެންޑަށް ތާރީހީ ފައިނަލަކަށް ގެންގޮސްދިނީ ނޭނގި ނޫން ކަމަށްވެސް މިހާރު ޔަގީން ވެއްޖެއެވެ. ސައުތުގޭޓާ އެކު އިންގްލެންޑުން ޔޫރޯ ކާމިޔާބުކޮށްފިނަމަ، އިނގިރޭސި ރަސްގެފާނު އޭނާއަށް ނައިޓްހޫޑްގެ ޝަރަފު އަރުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އޭރުން މުހާތަބު ކުރަން ޖެހޭނީ ސާ ގެރެތު ސައުތުގޭޓްގެ ނަމުންނެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024