ޔޫރޯ 2024 ގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ނެދަލޭންޑްސް ބަލިކޮށް، އިންގްލެންޑުން ޖެހިޖެހިގެން ދެވަނަ ޔޫރޯ ފައިނަލަކަށް ދަތުރުކޮށްފިއެވެ.

މިރޭ ޑޯޓްމުންޑް ދަނޑުގައި ކުޅުނު މެޗުގައި އިންގްލެންޑުން ނެދަލޭންޑްސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި އިންގްލެންޑް މޮޅުވި ގޯލު، ފަހު މިނެޓުގައި ޖެހީ އޮލޭ ވޮޓްކިންސްއެވެ.

އިންގްލެންޑުން ސެމީއަށް ނުކުތީ ގަދަ 16 ގައި ސްލޮވޭކިއާ ކައިރިން ހަނި ގޮތަކަށް ސަލާމަތްވެ، ކުއާޓާ ފައިނަލުގައި ސްވިޒަލޭންޑް ކައިރިން ޕެނަލްޓީގައި މޮޅުވެފައި އޮވެގެންނެވެ. އަނެއްކޮޅުން ނުކުތް ނެދަލޭންޑްސް ވަނީ ގަދަ 16 ގައި ރުމޭނިއާ ބަލިކޮށް، ކުއާޓާ ފައިނަލުގައި ތުރުކީ ކަޓުވާލައިފައެވެ.

ނެދަލޭންޑްސްއަށް މިއީ އިންތިޒާރަކަށްފަހު ޔޫރޯ ފައިނަލަށް ދާން ލިބުނު ފުރުސަތެކެވެ. އެޓީމުން 1988 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި ފަހުން އަދި ޔޫރޯ ފައިނަލަށް ގޮސްފައެއް ނުވެއެވެ. މިރޭގެ ސެމީ ފައިނަލަށް ނުކުތީ އެ ތަށި ހޯދި ތާރީހު ތަކުރާރުކުރުމަށެވެ. އޭރުގެ ޓީމުގެ މުހިއްމު ކުޅުންތެރިޔާ ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުންނެވެ. އަނެއްކޮޅުން ނުކުތް އިންގްލެންޑުން ޔޫރޯ 2020 ގެ ފައިނަލުގައި ކުޅެ ބަލިވީ އިޓަލީ ކައިރިން ޕެނަލްޓީގައެވެ. ޖެހިޖެހިގެން ދެ ފައިނަލަށް ދިޔުމުގެ ޝަރަފާއި، އަލަށް ގައުމުން ބޭރުގެ ފައިނަލަކަށް އިންތިޒާރުކޮށްގެން އިންގްލެންޑުން މިރޭ ނުކުތް އިރު، ދަނޑު ބޭރުން ޕްރެޝަރު ބޮޑީ އަދިވެސް އެޓީމަށެވެ.

އިންގްލެންޑަށް ކުރަމުންދިޔަ އުންމީދު ބޮޑުކޮށް އޮތް އިރު، މިރޭގެ މެޗުގައި ވާނެ ގޮތެއް ބުނެދޭން ގިނަ ބަޔަކަށް އޮތީ އުނދަގޫވެފައެވެ. އެއީ ހަމަހަމަ ދެ ސްކޮޑެއްގެ ކުރިމަތިލުމަކަށްވީމައެވެ. ދެ ޓީމުންވެސް ފުރަތަމަ 11 އަށް ބަދަލުތަކަކާއެކު ނުކުމެފައިވާ އިރު، ނެދަލެންޑްސް އިން ވަނީ ސްޓީވަން ބާގްވައިންގެ ބަދަލުގައި ޑޮންޔެލް މާލެން ފުރަތަމަ 11 އަށް ނެރެފައެވެ. މާލެންއަކީ ގަދަ 16 ގައި ރުމޭނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ފަހު ދިހަ މިނެޓުގެ ތެރޭގައި ނެދަލެންޑްސްއަށް ދެ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިއެކެވެ. އިންގްލެންޑުން ފާހަގަކޮށްލެވޭ ބަދަލަކީ ކުއާޓާ ފައިނަލް މެޗަށް ސަސްޕެންޝަނުގައި ހުރި ޑިފެންޑަރު މާކް ގުއޭއަށް ފުރަތަމަ 11 އިން އަލުން ފުރުސަތު ދިނުމެވެ.

ފެށުން ރަނގަޅުކުރީ ނެދަލޭންޑްސްއިންނެވެ. އެޓީމުން ވަނީ ހަތްވަނަ މިނެޓުގައި ގޯލު ޖަހައި، އިންގްލެންޑް ހޭލައްވާލައިފައެވެ. ޑެކްލަން ރައިސް އަތުން ބޯޅަ އަތުލައިގެން ކުރިއަށް ޖެހި، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް ގޯލު ކާމިޔާބުކޮށްދިނީ ޒަވީ ސިމޮންސްއެވެ. ދުރުން ފޮނުވާލި ބާރު ހަމަލާގައި ސިމޮންސް ޖަހައިދިނީ ހިތްގައިމު ގޯލެކެވެ.

އެ ގޯލުން ނެދަލޭންޑްސް ލީޑު ނެގި ނަމަވެސް، އިންގްލެންޑުން އެޓީމަށް ފަސޭހައިން ސަލާމަތްވިޔަ ދީފައެއް ނުވެއެވެ. އެ ގޯލަށްފަހު އިންގްލެންޑުން އެޓޭކް ވަރުގަދަކޮށް، ކުރިއަށް ޖެހުނެވެ. މެޗުގެ 11 ވަނަ މިނެޓުގައި ބުކަޔޯ ސަކާ ފޮނުވާލި ހަމަލާއެއް ނެދަލެންޑްސްގެ ޑިފެންސުން ބްލޮކްކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ހުސްކޮށް ހުރެ ކެޕްޓަން ހެރީ ކޭން ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ގޯލާ އަމާޒުވެފައި ނުވާ އިރު، އޭގެ އިރުކޮޅެއްފަހުން މެޗުގެ ރެފްރީ ފެލިކްސް ޒްވޯޔާ އިންގްލެންޑަށް ޕެނަލްޓީއެއް ދިނެވެ.

މެޗުގެ ކުރިންވެސް ރެފްރީއަށް ބޮޑު ސަމާލުކަމެއް ހުއްޓިފައި އޮތް އިރު، އިންގްލެންޑަށް ޕެނަލްޓީ ދިނީ ކޭން ބޯޅަ ފޮނުވާލަން އުޅެނިކޮށް، އެ ބޯޅަ ބްލޮކް ކުރަން ޑެންޒެލް ޑަމްފްރީސް ހުރަސް އަޅަން އުޅެނިކޮށް ފައިގައި ޖެހުނު ކަމަށް ބުނެއެވެ. އެ ޕެނަލްޓީ ރެފްރީ ދިނީ ވީއޭއާރް ބަލައިފައެވެ. ނެދަލޭންޑްސްއިން ޝަކުވާ ކުރަމުންދަނިކޮށް ދިން އެ ޕަނަލްޓީގައި އިންގްލެންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ހެރީ ކޭންއެވެ.

އޭގެފަހުންވެސް ފުރަތަމަ ހާފުގައި އިންގްލެންޑް ނުރައްކާ ކުރިއެވެ. ކޮބީ މައިނޫ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފިލް ފޮޑެން ފޮނުވާލި ހަމަލާ، ގޯލު ލައިންމަތިން ނެދަލެންޑްސް ޑިފެންޑަރު ޑެންޒެލް ޑަމްފްރީސް ވަނީ ދިފާއުކޮށްފައިވާ އިރު، އޭރިއާ ބޭރުން ފޮޑެން ފޮނުވާލި ހަމަލާ އަމާޒުވީ ނެދަލެންޑްސް ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި އޭގެފަހުންވެސް ފޮޑެން ބާރު ހަމަލާއެއް ފޮނުވާލި ނަމަވެސް، އެ ހަމަލާ ނެދަލެންޑްސްގެ ކީޕަރު ބާޓް ވާބްރުގެން ވަނީ މަތަކޮށްފައެވެ.

ނެދަލޭންޑްސްއިން ފުރަތަމަ ހާފުގައި އުފެއްދި އިތުރު ހަމަލާއަކީ ކޯނަރެއްގައި ޑަމްފްރީސްއެވެ. ސިމޮންސް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޑަމްފްރީސް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ އިންގްލެންޑް ގޯލުގެ ހުރަސް ދަނޑިއަށެވެ.

ދެވަނަ ހާފަށް އިންގްލެންޑް އަދި ނެދަލެންޑްސްއިންވެސް ނުކުތީ ބަދަލަކާއެކުގައެވެ. އިންގްލެންޑުން ކީރެން ޓްރިޕިއާގެ ބަދަލުގައި ކުޅެން ނުކުތީ ލޫކް ޝޯއެވެ. އަދި ނެދަލެންޑްސް އިން ޑޮންޔެލް މާލެންގެ ބަދަލުގައި ކުޅެން ނެރުނީ ވޯޓް ވެގޯސްޓެވެ. އެ ބަދަލާއެކު ނެދަލޭންޑްސްގެ ކުޅުމުގެ ސްޓައިލަށް ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން އެޓީމުން ބޮޑަށް މަސައްކަތް ކުރަމުން ދިޔައީ ވެގޯސްޓަށް ގިނަ ބޯޅަތަކެއް ކުރިއަށް ލައިގެން އެޓޭކް ކުރުމަށެވެ.

ނެދަލޭންޑްސްއިން އެ ޓެކްޓިކްސްގައި ދެވަނަ ހާފުގެ ކުރީކޮޅުގައި ނުރައްކާކުރިއެވެ. ހާފުގެ ކުރީކޮޅުގައި ޖޯއީ ވާމަން ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކެޕްޓަން ވާޖިލް ވެން ޑައިކް ފޮނުވާލި ހަމަލާ، އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑް ހުޝިޔާރުކަމާއެކު މަތަކޮށްފައިވާ އިރު، ސިމޮންސް ފޮނުވާލި ހަމަލާ އަމާޒުވީ އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑްއާ ދިމާއަށެވެ.

ދެވަނަ ހާފުގައި އިންގްލެންޑަށް އެޓޭކް އުފައްދަން އުނދަގޫވިއެވެ. ނެދަލޭންޑްސްއިން މެޗުގެ ކޮންޓްރޯލް ހޯދުމާއެކު، އެޓީމުން ވަނީ ދެ ބަދަލެއް ގެނެސް، އެޓޭކް ރަނގަޅުކުރުމަށް މަސައްކަތް ކޮށްފައެވެ. ކެޕްޓަން ހެރީ ކޭން އާއި ފިލް ފޮޑެންގެ ބަދަލުގައި ކުޅެން ނުކުތީ އޮލީ ވޮޓްކިންސް އަދި ކޯލް ޕާމާއެވެ. މިއީ ކޯޗު ސައުތުގޭޓް، މިފަހަރު ޔޫރޯ މެޗެއްގައި ކެޕްޓަން ކޭން ބަދަލުކުރި ފުރަތަމަ ފަހަރެވެ.

އެ ބަދަލުގެ ތަފާތު ވޮޓްކިންސް ދެއްކިއެވެ. މެޗުގެ 90 ވަނަ މިނެޓުގައި ކޯލް ޕާމާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް ވޮޓްކިންސް ގޯލު ޖެހީ ހިތްގައިމު ނިންމާލުމަކާއެކުގައެވެ.