ނެދަލޭންޑްސްއިން މިރޭ އިންގްލެންޑާ ދެކޮޅަށް ކުޅެން އޮތް ޔޫރޯ 2024 ގެ ސެމީ ފައިނަލްގެ ކުރިން، ދަތުރުފަތުރުގެ ދަތިތަކަކާ ކުރިމަތިވެއްޖެއެވެ.

ނެދަލޭންޑްސްއިން 20 އަހަރަށްފަހު ޔޫރޯ ސެމީގައި ވާދަކުރަން ތައްޔާރުވާ އިރު، އެޓީމުން މިފަހަރު ޔޫރޯއަށް ކޭމްޕް ކޮށްފައި ވަނީ ވުލްވްސްބާގުގައެވެ. ވުލްވްސްބާގުން ނެދަލޭންޑްސް ޓީމު، ސެމީ ފައިނަލަށް މެޗަށް ޑޯޓްމުންޑަށް ދާން ޖެހުނު އިރު، އެޓީމުން ފުރަތަމަ ރޭވި ރޭލުގައި އިއްޔެ ޑޯޓްމުންޑަށް ދާށެވެ. އެހެން ނަމަވެސް ރޭލު ދާން އޮތް ރޫޓަށް ދިމާވި މައްސަލައެއްގެ ސަބަބުން އެޓީމުން އިއްޔެ ހަވީރު ޑޯޓްމުންޑަށް ގޮސްފައި ވަނީ ފްލައިޓްގައެވެ. އެއީ ނެދަލޭންޑްސްއިން ޕްލޭން ކޮށްފައި އޮތް ގޮތެއް ނޫނެވެ.

"އެއީ މައްސަލައެއް ނޫން. އަހަރެމެންނަށް ރަނގަޅު ރެސްޓެއް ލިބިއްޖެ. އަހަރެމެން ފްލައިޓްގައި ތިބެން ޖެހުނީ އެންމެ 30 މިނެޓް ވަންދެން. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހޮޓަލަށް ދެވިއްޖެ. އަދި ރެސްޓް ކުރަން ލިބުނު ފުދޭވަރަކަށް ވަގުތު،" ކޫމަން ޔޫއެފާއަށް ބުންޏެވެ.

ކޫމަންގެ ޕްރި މެޗު ޕްރެސްވެސް ވަނީ އިއްޔެ ކެންސަލް ކޮށްފައެވެ. އެއީ ޓީމަށް އޭރު ޑޯޓްމުންޑްގެ ދަނޑަށް ނާދެވި އޮތުމުންނެވެ. ޕްރެސް ކެންސަލްވުމުން މިރޭ އިންގްލެންޑާ ގުޅޭގޮތުން ކޫމަން ވާހަކަ ދެއްކީ ހޮޓަލުގައި ހުރު، ޔޫއެފާއަށެވެ.

އިންގްލެންޑާއި ނެދަލޭންޑްސް މީގެ ކުރިން ބޮޑެތި މުބާރާތްތަކުގައި ތިން މެޗެއް ކުޅެފައިވެއެވެ. އޭގެ ތެރެއިން އެއް މެޗުން އިންގްލެންޑް މޮޅުވި އިރު، އަނެއް މެޗުން މޮޅުވީ ނެދަލޭންޑްސްއެވެ. އަދި އެހެން މެޗުތަކަށް ބަލާއިރު އިންގްލެންޑަށް ނެދަލޭންޑްސް ބަލިކުރުން ވެފައި އޮތީ އުނދަގޫ ކަމަކަށެވެ. މިދިޔަ ނުވަ މެޗުގެ ތެރެއިން އިންގްލެންޑަށް ނެދަލޭންޑްސް ބަލިކުރެވިފައި އޮތީ އެންމެ ފަހަރަކުއެވެ.

"އަހަރެމެންނަށް އެނގޭ ދެ ޓީމުގެ ދެމެދުގައި މާ ބޮޑު ފަރަގެއް ނެތްކަން. އަހަރެންގެ ނަޒަރުގައި މެޗަކީ 50-50 މެޗެއް. އަހަރެމެން ޖެހޭނެ ފުރިހަމަ މެޗެއް ކުޅެން. ނޫންނަމަ އިންގްލެންޑް ބައްޔެއް ނުކުރެވޭނެ. އިންގްލެންޑްގެ ވަކިވަކި ކުޅުންތެރިންގެ ހުނަރު ތަފާތު މޮޅު. އަދި އެޓީމުގެ ރޫހު ވަރަށް ރަނގަޅުކޮށް އަބަދުވެސް ފެންނަނީ،" ކޫމަން ބުންޏެވެ.

އިންގްލެންޑާއި ނެދަލޭންޑްސް ވާދަކުރާ ސެމީ މެޗު އޮންނާނީ މިރޭ 12:00 ގައެވެ.