މިފަހަރުގެ އިންގްލެންޑް ޓީމަށް ބޭރު ތެރޭގައި ދެކެވުނު ވާހަކަތަކާއި މީހުން ކުރި އުންމީދުތަކުގެ އަސަރު ފުރަތަމަ ކުރި ނަމަވެސް، މިހާރު އަނެއްކާވެސް ޓީމު އޮތީ ހަމައަކަށް އެޅި ބިރު ނުގަންނަ ހާލަތެއްގައި ކަމަށް ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.

އިންގްލެންޑުން ޖެހިޖެހިގެން ދެވަނަ ޔޫރޯ ފައިނަލެއްގެ ފުރުސަތު ހޯދަން މިރޭ ނުކުންނާނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ. މިފަހަރު މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިންގްލެންޑަށް އެކަށީގެންވާ ނަތީޖާއެއް ނެރެވިފައި ނުވާ އިރު، އެޓީމުން ގަދަ 16 ގައި ސްލޮވޭކިއާ ކައިރިން ސަލާމަތްވީ 2-1 އިންނެވެ. އެއީ ފަހު ވަގުތު ގޯލު ޖަހައިގެންނެވެ. މިރޭގެ ސެމީ ފައިނަލަށް އިންގްލެންޑް ނުކުންނަނީ ކުއާޓާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ސްވިޒަލޭންޑް ބަލިކޮށްފައި އޮވެގެންނެވެ.

މިރޭ މެޗުގެ ކުރިން ޕްރި މެޗު ޕްރެސްގައި ކޯޗު ސައުތުގޭޓް ބުނީ މިދިޔަ އަށް ވަރަކަށް އަހަރުގައި އިންގްލެންޑުން ބޮޑެތި މުބާރާތްތަކުގައި ކުރިއަށް ދިޔަ ދިޔުން ބަރޯސާ ވެފައި އޮތީ ޕްރެޝަރު ކުޑަކުރުމުގެ އިތުރުން ބިރު ކަނޑާލުމުގެ މައްޗަށް ކަމަށެވެ. އެހެން ނަމަވެސް، މިފަހަރު މިހާތަނަށް އައި އިރު ބޭރު ތެރޭގައި ދެކެވުނު ވާހަކަ ގިނަ، ޓީމު ވަރަށް ބޮޑަށް ފަހަތަށް ޖެހިފައި އޮތް ކަމަށްވެސް ސައުތުގޭޓް ފާހަގަކުރިއެވެ.

"އަހަރެން އަބަދުވެސް ކުރާ ކަމެއް އެއީ ފަހަތަށް ވިސްނާލުން. އަހަރެން އެހެން ވިސްނާލި އިރު، މި އިންގްލެންޑް ޓީމުގެ އެންމެ ވަރުގަދަ ހަތިޔާރަކީ ޖެހިލުން ކުޑަކަން. އަދި އުންމީދުތައް ކުޑަކުރުން. އެހެން ބަލައިގެން މިދިޔަ އަހަރު ތަކުގައި ކުރިއަށް ދިޔައީ. އެހެންވިޔަސް މިފަހަރު މުބާރާތުގެ ކުރިންވެސް އަހަރެމެންނަށް އޮތީ ބޮޑު ޕްރެޝަރަކާ ކުރިމަތިވެފައި. އަހަރެމެންގެ ވާހަކަ ބޭރު ތެރެއިން ވަރަށް ގަދަޔަށް ދެއްކި. އެހެންވެ ޓީމު އޮތީ ޖެހިލުންވެފައި،" ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީއަށް ގޮސް، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާގައި ކުޅުނެވެ. އަދި ޔޫރޯ 2020 ގެ ފައިނަލުގައި އިޓަލީ ކައިރިން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

ސައުތުގޭޓް ބުނީ ފުރަތަމަ ފެށިއިރު ބޭރު ތެރޭގެ ވާހަކައިން ޓީމަށް އުނދަގޫތައް ކުރިމަތިވެފައި އޮތް ނަމަވެސް، މިހާރު އެކަމުން ސަލާމަތްވެ ޓީމަށް ހަމަޖެހުމެއް ލިބިއްޖެ ކަމަށެވެ. ހާއްސަކޮށް ސްވިޒަލޭންޑް މެޗު ފަހުން ޓީމުގެ ވިސްނުން ތަފާތު ވެއްޖެ ކަމަށް ކޯޗު ބުންޏެވެ.

"އަހަންނަކަށް ސީދާ ބުނާކަށް ނޭނގެ ކިހިނެތް ކަމެއް ބަދަލުވީކީ. އަހަންނަށް އިހުސާސް ކުރެވުނީ މި ޓީމުގެ ރޫހު ބަދަލުވެއްޖެކަން. މިހާރު މި އޮތް ހާލަތުގައި ދައްކަން ޖެހޭނެ ވާހަކައަކީ ކަމެއް ގޯސްކޮށް ގޮސްދާނެ ގޮތެއްގެ ވާހަކައެއް ނޫން. ކަންކަން ރަނގަޅުވެއްޖެ ނަމަ ދެން ވާނެ ގޮތުގެ ވާހަކަ. އެ ވާހަކަތަކުން އެތުލީޓުންނަށް ތަފާތު އަންނާނެ. އަހަރެމެން ބޭނުންވޭ އިންގްލެންޑުން ބޭރުގައި ފުރަތަމަ ފަހަރަށް ފައިނަލެއް ކުޅެން. އެ ތާރީހު ލިޔެލަން ބޭނުންވޭ،" ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑާއި ނެދަލޭންޑްސް ވާދަކުރާ ސެމީ ފައިނަލް މެޗު އޮންނާނީ މިރޭ 12:00 ގައެވެ.