"މިއީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް އައުން. ފަހު ކަށިގަނޑާއެކު އަހަންނަށް ކުރެވުނު އިހުސާސް ބުނެދެންވެސް ނޭނގެ،" އުމުރުން 16 އަހަރުގެ ލެމީން ޔަމާލް، ފްރާންސާ ދެކޮޅަށް ސްޕެއިން ކުޅުނު ޔޫރޯ 2024ގެ ސެމީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ ޓްރޮފީ އާއެކު ހުރެ ބުންޏެވެ.
މި ޔޫރޯގެ އެންމެ މަގުބޫލު ތަރިއަކީ ބާސެލޯނާއަށް ކުޅެމުންދާ ވިންގް ޔަމާލެވެ. އެކަމަކާ ދެބަސްވާނެ މާގިނަ ބަޔަކު ނުތިބޭނެއެވެ. ޔޫރޯގެ ތާރީހުގައި ކުޅުނު، އެސިސްޓް ކުރި އަދި ގޯލެއް ޖެހި އެންމެ ޒުވާން ކުޅުންތެރިޔަކީވެސް މިހާރު އޭނާއެވެ. ރެކޯޑުތައް ބަރިބަރިއަށް މުގުރަމުން ގޮސް، ފުޓުބޯޅައިގެ އެންމެ މަތީ ފަންތިއަށް ތައާރަފު ވެލައިފިއެވެ. ޔަމާލްގެ ނަން ހަނދާނުން ފޮހެލައިގެން ނުވާނެއެވެ. އަދި އޭނާއަށް އެންމެ 16 އަހަރެވެ. ކުރިއަށް އޮތްތަނަށް، ޔަމާލްގެ ނަން ހަނދާނުގައި ބަހައްޓަން މަޖުބޫރު ކުރުވައިފިއެވެ.
ޔަމާލްގެ ކުރިން ޔޫރޯއެއްގައި އެންމެ ހަގު އުމުރު ގޯލެއް ޖަހާފައި އޮތީ ސްވިޒަލޭންޑްގެ ޔޯހަން ވޮންލަންދެންއެވެ. އެއީ 18 އަހަރާއި 141 ދުވަހުގައެވެ. އެ ގޯލު އޭނާ ޖެހީ 2004 ވަނަ އަހަރު ޔޫރޯގައެވެ. ޔަމާލް ރޭ ރެކޯޑު މުގުރާލީ އުމުރުން 16 އަހަރާއި 362 ދުވަހުގައި ގޯލު ޖަހައިގެންނެވެ.
ސްޕެއިނުން 2012 ވަނަ އަހަރަށްފަހު ޔޫރޯގެ ފައިނަލަށް ރޭ ދަތުރުކުރީ ވަރުގަދަ ފްރާންސް 2-1 އިން ބަލިކޮށްފައެވެ. ސްޕެއިން ހާސްކަމެއްގެ ތެރޭގައި އޮއްވައި، މުޅި ސްޓޭޑިއަމް ހައިރާންކޮށްލި މޮޅު ގޯލަކާއެކު މެޗު އެއްވަރު ކުރީ ޔަމާލެވެ. އެ ގޯލުންވެސް ޔަމާލްގެ ފެންވަރު ސާބިތުކޮށްދިނެވެ. މެޗުގެ ކުރިން ދެއްކި ބައެއް ވާހަކަތަކަށް އޭނާ ރައްދު ދިނީ ދަނޑުމަތިންނެވެ. މާގިނަ ވާހަކަ ނުދައްކާ "ސައި" ކިޔާނެ ކަމަށް ބުނެ. "ސައި" ކީ ބޮނދު ބުޑަށެވެ. ފްރާންސަށް ޔަމާލް ނުހިފެހެއްޓުނެވެ.
ސްޕެއިންގެ ތައުލީމީ އޮނިގަނޑު އޮންނަ ގޮތުން، ކޮމްޕަލްސަރީ ހަތަރު އަހަރެއްގެ ތައުލީމު، ހައި ސްކޫލް ކުދިން ފުރިހަމަ ކުރަންޖެހެއެވެ. ޔަމާލް ޔޫރޯއަށް ދިޔައީ ހަތަރު ވަނަ އަހަރު (އީއެސްއޯ)ގެ ކިޔެވުން ނުނިމެނީހެވެ. ޔަމާލް މި ހޫނު މޫސުމުގައި ކްލާސްތަކަށް ދާންޖެހޭ ގޮތަށް ފުރަތަމަ އޮތް ނަމަވެސް، ތައުލީމީ އިދާރާތަކާ ވާހަކަ ދައްކާ ގައުމީ ޓީމުން ހަމަޖެއްސީ އޭނާ އޮންލައިންކޮށް ކްލާސްތައް ނެގުމަށެވެ. އަދި ޔޫރޯ ތެރެއިން ޔަމާލަށް ޓެސްޓުތަކާވެސް ކުރިމަތިލާން ޖެހުނެވެ. އެ ޓެސްޓުތަކުން އޭނާ ފާސްވެސް ވިއެވެ.
"އަހަރެން އައީ ހޯމްވޯކާއި ފޮތް ދަބަސްވެސް ހިފައިގެން. އަހަރެން މި ކިޔަވަނީ އީއެސްއޯގެ ފަހު އަހަރުގައި. އަހަރެން މިހާރު ކްލާސްތައް ނަގަނީ އޮންލައިންކޮށް، އަދި އެ ކްލާސްތަކުން ރަނގަޅު ނަތީޖާތަކެއް ނެރެން މި މަސައްކަތް ކުރަނީ،" ޔަމާލް ބުނެފައިވެއެވެ.
ޔަމާލް، ޓީމު ކޭމްޕް ތެރެއިން ކިޔަވަމުންދާ ދިއުން، ސްޕެއިންގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވެސް ވެއެވެ. އޭނާއަށް ބައެއް ސީނިއާ ކުޅުންތެރިން މަޖަލަށް ކުދިކުދި ޖޯކުވެސް ޖަހައެވެ. އެހެން ނަމަވެސް ޓީމުގެ އެ ހުރިހާ ކުޅުންތެރިންގެ ނަޒަރުގައިވެސް އެއީ މުސްތަގުބަލެއްވެސް ނޫނެވެ. މިހާރެވެ. ޓީމުގެ އެންމެ ވިދުންގަދަ އެއް ތަރިއެވެ. ސީނިއާ ކުޅުންތެރިންނަށްވެސް އުމުރުން 15 އަހަރުގައި ބާސެލޯނާ ސީނިއާ ޓީމަށް އެރި ޔަމާލް ވަރަށް މުހިންމެވެ.
ޔަމާލް ބުނެފައި ވަނީ ތަމްރީނުތައް ނިންމައި އަނެއް މެޗާ ދޭތެރޭ ލިބޭ ހުސް ދުވަސް ދުވަހުގައި އޭނާއަށް އޮންނަ ކަމަކީ ކިޔެވުމެވެ. އެކަމަށް ކޭމްޕް ތެރެއިން އެކަށީގެންވާ ވަގުތެއް ލިބޭ ކަމަށްވެސް ބުނެފައިވެއެވެ. ފޮތް ދަބަހާއެކު ޔަމާލް ދިޔައީ ސްޕެއިނަށް ތާރީހު ލިޔަމުންނެވެ.
ޔޫރޯގައި މިހާތަނަށް ތިން އެސިސްޓް ހަދައި، ރޭގެ މެޗުގައި މުހިންމު ގޯލެއްވެސް ޖެހި ޔަމާލްގެ އެކިއެކި ވާހަކަތައް މި ޔޫރޯ ތެރެއިން ވަރަށް ބޮޑަށް މަގުބޫލުވެއްޖެއެވެ. ޔަމާލްގެ އާއިލާ އާއެކު ޔަމާލްގެ ދިރިއުޅުމަށްވެސް އެތައް ބައެއްގެ ޝައުގުވެރިކަން ހުއްޓިއްޖެއެވެ. އޭނާއަކީ ސްޕެއިންގެ އާއިލާއަކަށް ނިސްބަތްވާ ކުޅުންތެރިއެއް ނޫނެވެ. ހިޖުރަކޮށް ދިރިއުޅެމުންދާ ދެ ގައުމަކަށް ނިސްބަތްވާ މަންމައަކާއި ބައްޕައެއްގެ ދަރިއެކެވެ.
ޔަމާލްގެ ބައްޕައަކީ މޮރޮކޯއަށް އުފަން މުނީރް ނަސްރޫއީއެވެ. އޭނާގެ އުމުރަކީ އަދި 32 އަހަރެވެ. މަންމައަކީ އެކުއެޓޯރިއަލް ގީނީއަށް ނިސްބަތްވާ ޝީލާ އެބާނާއެވެ. ޔަމާލް އުޅެ ބޮޑުވީ ބާސެލޯނާގެ ކަޓަލޫނިއާއަށް ނިސްބަތްވާ ރޮކާފޮންޑާގައެވެ. އޭނާގެ ފުޓްބޯޅަ ކެރިއަރު ބާސެލޯނާގެ ލަ މަސިއާއާ ގުޅޭނީ އެހެންވެގެންނެވެ. އެއީ އޭނާގެ ހޯމް، ކަޓަލޫނިއާއަށް ނިސްބަތްވާ އެންމެ ބޮޑު އެއް ކްލަބު ކަމަށްވާތީއެވެ.
ލަ މަސިއާއަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ ވަރުގަދަ ސުޕަ ސްޓާރުން އުފައްދައި އަދި މިހާރުވެސް ތަރިން ފުޓްބޯޅައަށް ނެރެދެމުންދާ އެކަޑެމީއެކެވެ. ބާސާގެ ފުޓްބޯޅަ ސިސްޓަމް ބިނާވެފައި އޮންނަނީ ލަ މަސިއާއަށެވެ. ލިއޮނަލް މެސީއާކީ ލަ މަސިއާގެ އެންމެ ވަރުގަދަ ޕްރޮޑަކްޓެވެ.
ކޮންމެއަކަސް، ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ މެސީއާއި ޔަމާލާ ކެރިއަރު ފެށުން އޮތީ ގުޅިފައެވެ. އެކަމުގެ ތެރެއިން އެންމެ ބޮޑަށް މަގުބޫލުކަން ހުއްޓުނީ މެސީ ޔަމާލް ފެންވަރުވަން ބައިދާ ނަގާފައިވާ ފޮޓޯއަކަށެވެ. އެއީ ހަގީގަތެއް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް އެއީ ހަގީގީ ފޮޓޯއެކެވެ. އެ ފޮޓޯތަކުގެ ސިއްރު ފޮޓޯ ނެގި، ޖޮއާން މޮންފޯޓް ވަނީ ކިޔައިދީފައެވެ.
ޔަމާލްގެ ބައްޕަ އިންސްޓާގްރާމް ކޮށްފައިވާ ފޮޓޯތަކުގައި ވާ ހައެއްކަ މަހުގެ ކުއްޖަކީ ޔަމާލެވެ. އޭނާ އުރައިގެން ހުރީ މެސީއެވެ. އެއީ 2007 ވަނަ އަހަރު ބާސާ އިން ޔުނިސެފާ ގުޅިގެން ހިންގި ހާއްސަ ޗެރިޓީ ޕްރޮޖެކްޓެއްގެ ތެރެއިން ކަލަންޑަރެއް ހަދަން ނަގާފައިވާ ފޮޓޯތަކެކެވެ. އެ ޕްރޮޖެކްޓްގައި ބާސާގެ ކުޅުންތެރިންނާއެކު ފޮޓޯ ނެގުމަށް ފުރުސަތު ދިން ކުދިންނަކީ ކްލަބުގެ ކޮމިއުނިޓީގައި ހިމެނޭ ކުދިންނެވެ. ޔަމާލްގެ މަންމައާއި ބައްޕައަށް ފޮޓޯ ނަގަން ފުރުސަތު ލިބުނީ ރޮކަފޮންޑާގައި ބޭއްވި ހާއްސަ އިވެންޓެއްގެ ތެރެއިން ނަސީބުން ހޮވިގެންނެވެ.
"މެސީއަށް އަސްލު ނުވެސް އެނގޭ ކުދިން ގައިގައި ރަނގަޅަށް ހިފަހައްޓަންވެސް. މެސީއަކީ ވަރަށް އިންޓްރޮވާޓް މީހެއް. އޭނާ ވަރަށް ލަދުވެސް ގަންނާނެ އާންމުކޮށް. މެސީ ޔަމާލް އުރައިގެން ހުންނަން އުނދަގޫވެގެން، އެކިއެކި ތަންތަން ހޯދައި، އަމިއްލައަށް ހޯދި ފެންވަރުވާ ތައްޓެއް އެ ފޮޓޯގައި އެއީވެސް. އެއީ އުނދަގޫވިޔަސް ވަރަށް ތާރީހީ ފޮޓޯ ޝޫޓަކަށް މިހާރު ވެއްޖެ،" ފޮޓޯ ނެގި މޮންފޯޓް ބުންޏެވެ.
އޭރު މެސީގެ އުމުރުން އެންމެ 20 އަހަރެވެ. ޔަގީނުންވެސް އެއީ ދެ ލެޖެންޑުންގެ ފެށުމަކަށް ވެދާނެއެވެ. ޔަމާލްގެ ބައްޕަގެ ނަޒަރުގައި އެއީ އެ ކަހަލަ ވަގުތުކޮޅެއް ދައްކުވައިދޭ ފޮޓޯތަކެކެވެ.
ރޭގެ މެޗު ފެށުމުގެ ކުރިން ޕްރީ މެޗު ޕްރެސްގައި ވާހަކަދައްކަމުން ފްރާންސްގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޯ ވަނީ ޔަމާލަށް އަމާޒުކޮށް ބަހުގެ ހަމަލާއެއް އެއްލައިފައެވެ.
"ޔަމާލް އަދި ތަޖުރިބާ މަދު. އޭނާއަށް ފައިނަލަށް ދާން ބޭނުންވާނަމަ ޖެހޭނެ މިހާތަނަށް ދެއްކި ކުޅުމަށްވުރެ ރަނގަޅު ކުޅުމެއް ދައްކަން. އެހެން ނޫނީ އެކަން ނުވާނެ،" ރަބިއޯ ބުންޏެވެ.
ރަބިއޯގެ އެ ވާހަކައާއެކު ޔަމާލް މެޗަށް އެރުމުގެ ކުރިން އިންސްޓާގްރާމްގެ ސްޓޯރީއަށް ޕޯސްޓެއް ކުރިއެވެ. އެ ސްޓޯރީގައި ވަނީ ރާޒުވާ ކުޅިބައެއްގެ ކުޅިއަކުން ސައި ކިޔަން ތައްޔާރުވެފައިވާ މަންޒަރެވެ. އޭގައި ލިޔެފައިވާ އިބާރާތުގައި ބުނެފައި ވަނީ "އަޑެއް ނުއިއްވާ، ކުރިއަށް ދާށެވެ. ވަގުތު ޖެހުމުން ސައި ކިޔާށެވެ،" މިހެންނެވެ.
ރޭގެ މެޗުގައި ޖެހި މޮޅު ގޯލާއެކު ޔަމާލް ކެމެރާއަށް ބުނެފައި ވަނީ "ދެން ވާހަކަ ދެއްކުމަށެވެ. ދެން ވާހަކަ ދެއްކުމަށެވެ،" އޭނާ އުމުރުން ހަގު ނަމަވެސް، ފްރާންސަށް ޖަވާބުދީ އެކަން އަންގާލީ ވަރަށް "މެޗުއާ" ކޮށެވެ. ދަނޑުމަތިން ޖަވާބުދީ ސައި ކިޔައިގެންނެވެ. ދެން އޮތީ ފައިނަލެވެ. ލެގަސީ ލިޔެލަން އެންމެ ބޮޑު ފުރުސަތެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024