އާސަންދައިގެ ދަށުން 19 އަހަރާއި 39 އަހަރާ ދެމެދުގެ ދިވެހިންނަށް މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އާސަންދައިން މިއަދު ބުނީ ސަރުކާރުގެ "ހަފުތާ14" މަގުޗާޓުގައި ހިމަނައިފައިވާ، ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތާ އެއްގޮތަށް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން 19 އަހަރާއި 39 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށް ސަރުކާރުގެ ހޮސްޕިޓަލްތަކުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

އާސަންދައިގެ ދަށުން 19 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާ އިރު، މިދިޔަ އެޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ. އަދި 18 އަހަރުން ދަށުގެ ކުދިންނަށް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިދީފައެވެ.

އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކަޕް ހެދުމުގެ އުސޫލު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުގައެވެ.

އާސަންދަ ސްކީމުގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ އިތުރުން ޕީސީއޯއެސް އާއި އެންޑޮމެޓްރިއޯސިސް ފަރުވާ ދިނުމަށް ވެސް ރައީސް މުއިއްޒު ވަނީ ނިންމަވައިފައެވެ.