މ. އަތޮޅުގެ ރަށްތަކަށާއި ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އެކުވެރި ފުޓްސަލް ޗެލެންޖުގައި މި އަހަރު އަށް ޓީމަކުން ބައިވެރިވެއްޖެއެވެ.

މިދިޔަ އަހަރުވެސް ފޯރިގަދަކޮށް ފެނިގެންދިޔަ އެކުވެރި ފުޓްސަލް ޗެލެންޖުގެ މި އަހަރު މުބާރާތް ފަށަން ތައްޔާރު ވެފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މިދިޔަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި އޮތްއިރު، މި ފަހަރު ވަނީ އަށް ޓީމަކުން ބައިވެރިވެފައެވެ. އެއީ ދިއްގަރުގެ ހަތަރު ޓީމާއި މ. މަޑުއްވަރީގެ ދެ ޓީމާއި މ. ރަތްމަންދޫން ޓީމެއް އަދި މ. ނާލާފުށިން ޓީމެކެވެ.

އެކުވެރި ފުޓްސަލް ޗެލެންޖު މި އަހަރުވެސް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، މުބާރާތުގެ މައިގަނޑު މަގުސަދަކީ މ. އަތޮޅުގައި އެކުވެރިކަމުގެ ރޫހެއް އާލާކޮށް، ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން ގާއިމުކުރުމެވެ. އޭގެ އިތުރުން އެ އަތޮޅުގައި ފުޓްސަލް އިތުރަށް ކުރިއަރުވައި، އަތޮޅާއި ގައުމީ ފެންވަރުގެ ކުޅުންތެރިން މ. އަތޮޅުގައި އުފެއްދުމަކީވެސް އެކުވެރި ފުޓްސަލް ޗެލެންޖުގެ އަމާޒެކެވެ.

މި އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ކޮންމެ ގްރޫޕެއްގެވެސް އެންމެ ކުރީގައި އޮންނަ ދެ ޓީމަށް ސެމީ ފައިނަލުން ފުރުސަތު ލިބޭނެއެވެ.

  • ޖަމިއްޔަތުލް ކޮވިގޯނި
  • ޑީސީޖޭ ސްޕޯޓްސް ކްލަބު
  • ދަ ޑީ އެސް ކޭ
  • ފޫލްސް އެސްސީ
  • މަޗް ބްލެކް
  • އެފްސީ ބާޒު
  • ރަތްމަންދޫ އެފްސީ
  • ނާލާފުށި ޔޫތު ކްލަބު

މިއީ އެކުވެރި ފުޓްސަލް ޗެލެންޖް ބާއްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު މުބާރާތުގެ ފައިނަލުގައި ނާލާފުށި ޔޫތު ކްލަބާއި އެފްސީއެން ވާދަކޮށް، ތަށި ހޯދީ އެފްސީއެންއެވެ. މި އަހަރުގެ ޗެމްޕިއަން ޓީމަށްވެސް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅައިފައެވެ.

މިއަހަރު މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭގައެވެ.