ނެދަލޭންޑްސް މިފަހަރުގެ ޔޫރޯގެ ސެމީ ފައިނަލާ ހަމައަށް ދާނެކަމަށް މީގެ ކުރިން އެއްވެސް މީހަކު ގަބޫލުނުކުރާ ކަމަށާއި އެއީ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމެއް ކަމަށް ކޯޗު ރޮނަލްޑް ކޫމަން ބުނެފިއެވެ.
ނެދަލޭންޑްސް އިން ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ފަހަތުން އަރައި ތުރިކީ ބަލިކުރީ 2-1ގެ ނަތީޖާ އަކުންނެވެ. އެއީ 2004 ވަނަ އަހަރަށްފަހު އެ ޓީމުން ޔޫރޯ ސެމީއަށް ދިޔަ ފުރަތަމަ ފަހަރެވެ. އެހެންކަމުން އެ ޓީމުން މިފަހަރު މި ނިންމާލީ 20 އަހަރުގެ އިންތިޒާރެކެވެ. އެ އިންތިޒާރުގައި ސެމީ ފައިނަލުގައި ނެދަލޭންޑްސް އިން ކުރިމަތިލާން އޮތީ އިންގްލެންޑާ ދެކޮޅަށެވެ.
އެންމެފަހުން ތުރުކީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ކޫމަން ވަނީ އިންގްލެންޑް މެޗަށްވެސް ކޮންމެވެސް ވަރަކަށް ވާހަކަދައްކައިފައެވެ. އޭނާ ބުނީ ސެމީއަކީ ހަނގުރާމައެއް ކަމަށާއި ޔޫރަޕްގެ ބޮޑު ދެ ގައުމަކުން ކުރަމިތިލާން ޖެހޭތީ އެކަމަށް އިންތިޒާރު ކުރެވޭ ކަމަށެވެ.
"އަހަރެމެން ޖެހޭނީ ހަނގުރާމައެއް ކުރަން. އެހެންވިޔަސް އަހަރެމެންނަށް އެ މެޗަށް ވަރަށް ބޮޑަށް އިންތިޒާރު ކުރެވޭ އެބަ. ވަރުގަދަ ދެ ގައުމަކުން މި ކުރިމަތިލަނީ. އިންގްލެންޑަކީވެސް ފުޓުބޯޅައިގައި ނަން ހިނގާ ވަރުގަދަ ގައުމެއް. އަހަރެމެންގެވެސް އެބަ އޮތް ތާރީހު،" ކޫމަން ބުންޏެވެ.
އޭނާ އިތުރަށް ބުނީ "އިންގްލެންޑްގައި މި ވަގުތު ތަފާތު ގިނަ މޮޅެތި ކުޅުންތެރިންތަކެއް އެބަ ތިބި" ކަމަށާއި އެ ކުޅުންތެރިންނާ ދެކޮޅަށް ކުޅެން ނެދަލޭންޑްސްގައި ތިބި ކުޅުންތެރިންވެސް ދަށް ނުވާނެ ކަމަށެވެ. އޭގެ އިތުރުން ކޫމަން ވަނީ ޑޯޓްމުންޑްގައި ކުޅެން ޖެހުމުން އެކަމަށް ހިތްހަމަޖެހުން ފާޅުކޮށްފައެވެ.
ކޫމަން ބުނީ "ނެދަލޭންޑްސް އޮތީ ސެމީ ފައިނަލުގައިކަން ގަބޫލުކުރަން ބަޔަކަށް އުނދަގޫ" ވާނެ ކަމަށާއި ނެދަލޭންޑްސް މިހާރު އޮތް ހިސާބުގައި އޮންނަން އެއްވެސް މީހަކު އުންމީދު ނުކުރާ ކަމަށެވެ.
ނެދަލޭންޑްސްއިން އިންގްލެންޑާ ދެކޮޅަށް ކުޅޭ ސެމީގެ މެޗު އޮންނާނީ ބުދަ ދުވަހުގެ ރޭގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024