ދައުލަތުގެ ބައެއް ކޮމިޝަންތައް އެއްކޮށްލައި، ކޮމިޝަން މެންބަރުންގެ އަދަދު ވެސް ކުޑަކުރެއްވުމަށް ގާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގާނޫނުތައް އޮންނަ ގޮތުން މިނިވަން ކޮމިޝަންތަކާއި ސްޓެޓިއުޓަރީ އެކިކަހަލަ ބޮޑީތަކަށް ވެސް އާދަޔާ ހިލާފަށް ބޮޑެތި އަދަދުތަކުން މެންބަރުން ހަމަޖައްސާފައި ހުންނަ ކަމަށާއި ކޮންމެ ކޮމިޝަނެއްގައި ފަސް މެންބަރުން، ހަތް މެންބަރުން ނުވަތަ ދިހަ މެންބަރުން ތިބެން ނުޖެހޭ ކަމަށެވެ.
"އިހުލާސްތެރިކަމާއެކީގައި، ތެދުވެރިކަމާއެކީގައި ރައްޔިތުންނަށްޓަކައި ކަމެއް ކޮށްދޭކަށް ބޮޑު ޓީމެއް އޮންނާކަށް ނުޖެހޭ. އެހެންވީމާ މިއިން ކޮންމެ ކޮމިޝަނެއް، މިއިން ކޮންމެ ބޮޑީއެއްގައި މެންބަރުންގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައިވާ އަދަދު މަދުކުރާނަން އިރާދަކުރެއްވިއްޔާ. އެކަމަށް ވެސް އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ފޮނުވާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ކޮމިޝަންތަކުން ކުރާ މަސައްކަތްތައް ސްޓްރީމްލައިން ކުރެވި، ސީދާ ރައްޔިތުންނަށް ފައިދާވާ ގޮތަށް، އޭގެ އެފިޝަންސީ، އޭގެން ނުކުންނަ ނަތީޖާ ރައްޔިތުން އެދޭގޮތަށް ނެރުމުގެ ގާބިލުކަން އިތުރުކޮށްދެވޭ ގޮތަށް އެއް ޒާތެއްގެ މަސައްކަތްކުރާ ބޮޑީތައް އެއްކޮށްލުމަކީ ވެސް އެކަމުގެ ތެރެއިން ކުރެވޭނެ ކަމެއް ކަމަށާއި ނަތީޖާއަކަށްވާނީ ގިނަ ކޮމިޝަންތަކެއް ނޫނީ ބޮޑީތަކެއް އޮތުމުގެ ބަދަލުގައި ރައްޔިތުންނަށް އޭގެ ނަތީޖާ އެންމެ ރަނގަޅަށް ނެރެވޭ ފަދަ އެފިޝަންޓް ނިޒާމެއް ގާއިމުވެގެން ދިއުން ކަމަށެވެ.
"އެހެންވީމާ އިރާދަކުރެއްވިއްޔާ މި ދެންނެވިގޮތަށް ވެސް އިސްލާހުތައް ގެންނަން އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ. އެހެންވީމާ މި ދެންނެވި ހުރިހާ އިސްލާހުތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެންނާނަން. ގެނައީމާ ހަރަދުގެ ގޮތުން ބަޖެޓުން ވަރަށް ބޮޑުތަނެއް ސަލާމަތްކުރެވި، ކުރިން މި ދެންނެވިގޮތަށް އުފާފާގަތިކަން ރައްޔިތުންނަށް ލިބިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސް ވަނީ ރައްޔިތުންގެ ހިޔާލު ހޯދައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުއެކީގައި ބޭއްވުމަށް ވެސް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން މަޖިލީހުގެ މެންބަރުންގެ އަދަދު 77 އަށްވުރެ އިތުރު ނުވާނެ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވައި، ކައުންސިލުތަކުގެ ސައިޒު ކުޑަކުރުމަށް ވެސް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު