އެސެޓް ރިކަވަރީއަށް ހާއްސަ ގާނޫނެއް ހަދައި، އެމްއެމްޕީއާރުސީ ވައްކަމުގައި ބައިވެރިވި މީހުންނަށް ހައްގު އަދަބުދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޮރަޕްޝަންގެ އެކި ކަހަލަ ނުބައި އަމަލުތައް ހިންގައިގެން ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ ވައްކަންތައް ހަގީގީ އިހުލާސްތެރި ގޮތެއްގައި ބަލައި، އެ ވައްކަން ކުރި ފަރާތްތަކަށް ދޭން ޖެހޭ އަދަބުދީ، އެ އެސެޓުތައް ރިކަވާކުރެވެން ޖެހޭ ކަމަށާއި އެއީ އަބަދާއި އަބަދު ދައްކާ ވާހަކައަކަށް، ނޫނީ ދަޅައެއްގެ ގޮތުގައިވާ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ.

"މިގޮތުން އެސެޓް ރިކަވަރީއަށް ހާއްސަ ގާނޫނެއް އިރާދަކުރެއްވިއްޔާ، ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ފެށިފައިވަނީ. އެސެޓް ރިކަވަރީގެ ގާނޫނެއް އިރާދަކުރެއްވިއްޔާ ފާސްކުރަން މަޖިލީހަށް ހުށަހަޅާނަން. މިހާރު ހުރި ގާނޫނުތަކުން އެކަން ނުކުރެވޭ ބޭނުންވާ ގޮތަކަށް، އެފިޝަންޓްކޮށެއް. އެހެންވީމާ ދައުލަތުގެ މުދާ ނަހަމަގޮތުގައި ވިއްކައި، ކުޑަ އަގުގައި ވިއްކައިގެން ފައިދާ ހޯދައި، މިފަދަ ކަންކަން ކޮށްފައިވާ ފަރާތްތަކުގެ ކިބައިން އެ މުދާތައް ރިކަވާކޮށް، އެ ފައިސާ ރިކަވާކޮށް ރައްޔިތުންނަށް އެ ފައިސާއިން ފައިދާވާ ގޮތަށް ފައިސާ ހޯދާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުގައި ރައްކާކޮށްފައި ހުރި ރައްޔިތުންގެ ފައިސާ ހޯދުމުގައި މިހާރަށްވުރެ ކާމިޔާބު ހޯދޭނެ ފަދަ ގޮތަކަށް އިންޓަނޭޝަނަލް މިންގަނޑުތަކަށް ފެތޭ، އެހެން ގައުމުތަކުގެ އިންޓަނޭޝަނަލް ބޮޑީތަކުގެ ރިކޮމެންޑޭޝަންތައް ބަލައި އެއާ އެއްގޮތަށް އެ ބިލު ތައްޔާރުކުރެވޭނެ ކަމަށާއި އޭރުން ހަމައެކަނި ރާއްޖެއިން ބޭރަށް ގެންގޮސްފައި ހުރިއްޔާ އެ އެއްޗެއް ވެސް ހޯދުމުގައި މިހާރަށްވުރެ ފަސޭހަވެގެންދާނެ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ވައްކަން ކުރި މީހުންނަށް ވެސް އަދަބު ދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މީގެ ތެރެއިން ބަލާއިރު އެމްއެމްޕީއާރުސީގެ މައްސަލަ އެންމެ ބޮޑު މައްސަލައަކީ. އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ، އެއީ ކޮންމެ މީހެއް ކަމުގައިވިޔަސް، އެމީހަކަށް ދޭންޖެހޭ ހައްގު އަދަބު މި ސަރުކާރުން ދީ، އެ ފައިސާ ރައްޔިތުންނަށްޓަކައި ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން. އެކަމުގައި ބައިވެރިވި މީހެއް ކަމުގައި ސާބިތުކުރެވެން ޖެހޭނީ އިންސާފުވެރިކަމާއެކީގައި. އެ ވައްކަމުގައި ބައިވެރިވި ކޮންމެ މީހެއް ކަމުގައިވިޔަސް، އިންސާފުވެރިކަމާއެކީގައި ބަލައި އެކަމުގައި އެ ނިޔަތުގައި އެކަމުގައި ބައިވެރިވި މީހެއް ކަމުގައިވާ ނަމަ، އެމީހަކަށް ފިޔަވަޅު އެޅެން ޖެހޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެސެޓް ރިކަވަރީ ގާނޫނު ތައާރަފުކޮށް، އެކިއެކި ވައްކަންތަކުގައި ރައްޔިތުން އަތުން ގެންގޮސްފައިވާ އެކި ކަހަލަ މުދާތައް އަނބުރާ ހޯދުމަކީ ކުރައްވާނެ ކަމެއް ކަމަށާއި ކޮރަޕްޝަނަކީ އަބަދު ސަރުކާރު ތެރޭގައި ހިނގަހިނގައި އޮންނަ ކަމެއްގެ ގޮތުގައި ފުރުސަތުދީގެން ތިބޭ ތިބުމަށް ބަދަލު ގެންނަވާނެ ކަމަށެވެ.