ދެކުނު އެމެރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލުގައި ރޭ ބްރެޒިލް ބަލިކޮށް، އުރުގުއާއީން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

އެމެރިކާގެ ލަސް ވެގަސްގެ އަލެޖަޔަންޓް ސްޓޭޑިއަމްގެ ރޭ ކުޅުނު ވާދަވެރި މެޗު، މާސެލޯ ބިއެލްސްގާ އުރުގުއާއީން ކާމިޔާބުކުރީ ޕެނަލްޓީގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 0-0 ގެ ނަތީޖާއަކުން މެޗު އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި އުރުގުއާއީ މޮޅުވީ 4-2ގެ ނަތީޖާއަކުންނެވެ.

ދެ ޓީމަށްވެސް ފުރިހަމަ ވަގުތުގައި ހަމަލާތައް އުފައްދަން އުދަނގޫވި އިރު، އުރުގުއާއީން ފުރިހަމަ ވަގުތު ނިންމާލީ ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ 74 ވަނަ މިނެޓުގައި ނަހިޓަން ނާންޑޭޒްއަށް ދެއްކި ރަތް ކާޑާ އެކުގައެވެ.

އުރުގުއާއީއަށް މެޗު ތެރެއިން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޑާވިން ނުނޭޒަށެވެ. މި ވަގުތު ފޯމުގައި ހުރި ފޯވަޑް އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ އިރުކޮޅެއް ފަހުން ކައުންޓާ އެޓޭކެއްގައި ބްރެޒިލްގެ ރަފީނިއާ ފޮނުވާލި ހަމަލާ މަތަކުރީ އުރުގުއާއީގެ ކީޕަރު ސާޖިއޯ ރޮޗެޓެވެ.

ޕެނަލްޓީގައި ބްރެޒިލްގެ އެޑާ މިލިޓާއޯ އަދި ޑަގްލަސް ލުއިޒް އަތުން ޕެނަލްޓީ ނާކާމިޔާބުވި އިރު، އުރުގުއާއީން މޮޅުވި ޕެނަލްޓީ ޖެހީ މެނިއަލް އުގާޓޭއެވެ.

އުރުގުއާއީން ސެމީގައި ނުކުންނާނީ ރޭ 5-0 އިން ޕެނަމާ ކައިރިން މޮޅުވި، ކޮލަމްބިއާއާ ދެކޮޅަށެވެ.