ތަފާތު ވިސްނުންތަކުގެ ވިޔަފާރިއެކެވެ. ދިވެހީންގެ ދިވެހި ވަންތަކަން އަބަދުވެސް ދަމަހައްޓައިދޭ ބައިވެރިއެކެވެ. ކުޅިވަރުގެ އެކިއެކި ސާމާނަށް ދެވަނައެއް ނުވާވެސް ނަމެކެވެ. ޖާޒިއާއެވެ. ޖާޒިޔާގެ ނަން މުޅި ރާއްޖެއަށް ވާސިލްވެއްޖެކަން ޔަގީނެވެ. ކޮންމެ ކުޅިވަރު މުނާސަބަތަކަށްވެސް، ކޮންމެ ކުޅިވަރު މުބާރާތަކަށްވެސް މިހާރު ޖާޒިއާ ފުރިހަމައެވެ. އެއްވަނަ ސްޕޯޓްސް ބްރޭންޑަކީ މިހާރު އެއީއެވެ. ހާއްސަކޮށް ދިވެހީންގެ ފަހުރުވެރި ބްރޭންޑަކަށް ޖާޒިއާ ވެއްޖެއެވެ. އެއީ އެކިއެކި ޒަމާންވީ ހިޔާލާއި ފިކުރުގައި ދިވެހި ވަންތަ ކުލަ ޖައްސުވާލަ ދޭތީއެވެ. ކުޅިވަރު ސާމާނުގައި ދިވެހީން "ނެކްސް ލެވެލް" އަކަށް ގެންގޮސްދޭތީއެވެ.

މިފަހަރުގެ އުފެއްދުން ޗާލެވެ. ހިތްގައިމެވެ. ދިވެހި ވަންތައެވެ. ފުރިހަމައެވެ. ޖާޒީއިން މި ގެނެސްދިނީ ދިވެހިރާއްޖޭގެ ފުރަތަމަ ފުޓުބޯޅައެވެ. ދިވެހީންނަށް ފަހުރުވެރި އަމިއްލަ ބޯޅަ ބްރޭންޑެކެވެ. ގުޅިފައި ވަނީ ދިވެހީންގެ ފަހުރުވެރި ދިވެހި ރުކާއެވެ. ރުކުގެ ފަންވަތުގެ ތާރީހީ ހަނދާންތަކަށް ގެންގޮސްދޭ ރީތި ޑިޒައިނުންވެސް އެންމެންގެ ނަޒަރު ހުއްޓުވާލައިފިއެވެ. އެތައް ބައެއްގެ ތައުރީފް ޖާޒިއާގެ "ޕާމްއޭރޯ" ބޯޅައަށް ލިބިއްޖެއެވެ. އެންމެ ޅައިރު، ރުއްދަނޑުތަކުގެ ތެރޭގައި، ހުސްފައިގައި ފަންވަތު ބޯޅަ ވިޔެގެން ކުޅެން އުޅުނު ޒަމާނުން، މިއަދާ ހަމައަށް ދިވެހީންގެ ކުޅިވަރު މާކެޓް ހޯދި ކުރިއެރުން ސަރީހަ ކޮށްދިން ފަރުމާއަކަށް ޕާމްއޭރޯ ވެއްޖެއެވެ.

"އަހަރެމެން އެންމެ ޅައިރު، އޭރު ބޯޅަވެސް ކުޅެނީ ފަނުންނާއި ކަރުދާހުން ބޯޅަ ހަދައިގެން. އެއީ ދެން މިހާރު މި ހުންނަ ބޯޅަ ނުލިބޭއިރު. އަދި މިހާރު މިހާރު ކުޅެން މިއުޅޭ ގިނަ ބައެއްގެ ފެށުން އެއީ ފަން ބޯޅަ. ޖާޒިއާއިން ބޯޅައެއް ހެދުން އެއީ އެންމެ ކުރިންވެސް ދެކެމުން އައިހުވަފެނެއް. އެއްމެ އުފާވަނީ ފީފާ ސްޓޭންޑާޑަށް ހަދާ މި ބޯޅަ އަހަރުމެންގެ ކުޑައިރުގެ ހަނދާންތަކާ ގުޅިފައިވާތީ،" ބޯޅައިގެ ފަރުމާގެ މަސައްކަތުގައި މަސައްކަތް ކުރި އެކެއްގެ ހައިސިއްޔަތުން ޖާޒިއާގެ ކޯ ފައުންޑަރު، ހަސަން ދިލްޝާން "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.

ޖާޒިއާގެ ޕާމްއޭރޯ ބޯޅައިގެ މަސައްކަތަކީ އެތައް ދުވަހެއްގެ މަސައްކަތެކެވެ. އެތައް ބައެއްގެ ގުރުބާނީއެއްގެވެސް ރަމްޒެވެ. ދިލްޝާން ފާހަގަކުރެއްވި ގޮތުގައި ޕާމްއޭރޯގެ މަސައްކަތް ދެ އަހަރަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔައެވެ. އެހާ ދުވަހަށް، އެހާ ބުރަކޮށް މަސައްކަތް ކުރެވެމުން ދިޔަ އިރުވެސް، އަބަދުވެސް އެ ހުވަފެނުގައި ކުލަ ޖެއްސުމަށް ޖާޒިއާގެ ޓީމުން ކުރީ ބުރަ މަސައްކަތެކެވެ. އެ މަސައްކަތުގައި އެންމެންނަށް ހައްގު ޝުކުރު އަދާކުރައްވާ ކަމަށް ދިލްޝާން ފާހަގަކުރެއްވިއެވެ. ދިލްޝާން ވިދާޅުވީ އެއީ "ވަރަށް ގިނަ މީހުންގެ މަސައްކަތުން" ހާސިލް ކުރެވުނު ލަނޑުދަޑިއެއް ކަމަށެވެ.

ދިލްޝާންގެ ނަޒަރުގައި ޖާޒިއާއިން "ދިވެހި ވަންތަ ބޯޅައެއް ހެދީ ދިވެހި އެންމެންގެ ޝާމިލްވުން އޮތްކަން،" ހާމަކުރުމަށެވެ. ޖާޒިއާއިން ބޯޅައިގެ ކޮލިޓީވެސް ޔަގީން ކޮށްދެއެވެ. ފީފާ ސްޓެންޑާޑް ހިފެހެއްޓުމުގެ އިތުރުން ރާއްޖޭގެ މާކެޓްގައި ހުރި އެންމެ ރަނގަޅު ބޯޅަތަކާ އެއް ފެންވަރަކަށް ކޮލިޓީ ހިފެހައްޓާނެ ކަމަށް ޖާޒިއާއިން ޔަގީންކަން ދެއެވެ.

ޖާޒިއާގެ ދިވެހި ބޯޅަ މުޅި ރާއްޖެވެސް ބަލައިގެންފިއެވެ. ޖާޒިއާގެ ބޯޅަ މީސް މީޑިއާއަށް ދޫކޮށްލުމުން އެތައް ހާސް ބަޔަކު ވީޑިއޯ ބަލައި، ރާއްޖޭގެ އަސްދަނޑިން ބޭރަށްވެސް އެ ރީޗް ވެއްޖެއެވެ. އިންސްޓަގްރާމުން 45،000 ވިއުސްއަށްވުރެ ގިނަ މީހުން ބޯޅައިގެ ރިލީސް ވީޑިއޯ ބަލާފައިވާ އިރު، ފޭސްބުކުންވެސް އެއްލައްކައަށްވުރެ ގިނަ މީހުން ވީޑިއޯއަށް އިންޓަރެކްޓް ކޮށްފައިވެއެވެ.

"މިއީ ވަރަށް ރަނގަޅު ކަމެއް. މިއީ މިދިޔަ އަހަރުތަކުގައި އަހަންނަށް ފެނުނު އެންމެ ރަނގަޅު ކަންތައް،" ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ މަރްޒޫގް އަހުމަދު ކުރެއްވި ކޮމެންޓެއްގައިވެއެވެ.

އޭގެ އިތުރުން އެމްއެމްޕީއާރްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް ވެސް ވަނީ ޖާޒިއާގެ ބޯޅައަށް ތައުރީފް ކުރައްވައިފައެވެ. ބައްސާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒަމާންވީ ރާއްޖޭގެ ތާރީހީ "ބަށި ބޯޅަ" ގެ ޑިޒައިނުން ގެނެސްދީފައިވާ ޕާމްއޭރޯއަކީ ދިވެހި އިގުތިސާދަށްވެސް ހެޔޮ ފާލެއް ކަމަށެވެ.

ދިވެހި ވަންތަ ފަރުމާއަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްވެސް ވަނީ ޖާޒިއާއަށް ތައުރީފް ކުރައްވައިފައެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ ޖާޒިއާގެ މަސައްކަތް ވަރަށް ހިތްގައިމު ކަމަށާއި އެކަމަށްޓަކައި ތަހުނިޔާ ދަންނަވާ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ އެންމެ ކުޅަދާނަ އެއް ޑިޒައިން އެންޑް ޓެކް ކުންފުނި ލޫޕްކްރާފްޓުންވެސް ޖާޒިއާއަށް ތައުރީފު ކޮށްފައިވެއެވެ.

"ޖާޒިއާއަކީ އަބަދުވެސް ވަރަށް އީޖާދުވީ ތަފާތު ކަންތައްތައް ތަޖުރިބާކޮށް، އެހާމެ ދިވެހި ވަންތަ ކުންފުންޏެއް. މި ބޯޅަ ޖާޒިއާއިން ނެރުމުގައިވެސް ފެންނަނީ މިކަން. މިއީ ޖާޒިއާ ކަހަލަ ކުންފުންޏަކަށް ނޫނީ ކުރަން އުނދަގޫކަމެއް. ފުރިހަމަ މަސައްކަތެއް،" ލޫޕްކްރާފްޓުން ޖާޒިއާއަށް ދިން މެސެޖުގައިވެއެވެ.

އުފެއްދުންތެރި، ޗާލު ފަރުމާގެ ބޯޅައަކާ އެކު ޖާޒިއާއިން މުޅި ދިވެހި ރާއްޖެ ފަހުރުވެރިކޮށްދީފިއެވެ. ދިވެހީންގެ ބޯޅަ، ޕާމްއޭރޯގެ އިންތިޒާރަށް ކެތްމަދުވެއްޖެއެވެ. ޖާޒިއާގެ ވިސްނުމަކީ އާންމުނަށް ގަންނަން ލިބޭނެހެން ވީ އެންމެ އަވަހަކަށް މާކެޓަށް ނެރުމެވެ. އިންތިޒާރުކުރަމާ ހިނގާށެވެ.