އިންގްލެންޑް އަތުން ބަލިވެ ކަޓައިގެން ދިޔުން ސްވިޒަލޭންޑަށް ހައްގު ނޫން ކަމަށާއި، ރޭގެ މެޗުގައި ޕެނަލްޓީގެ ނަސީބު ނެތީ ކަމަށް ކޯޗު މުރަތު ޔަކިން ބުނެފިއެވެ.

އިންގްލެންޑުން ޔޫރޯ 2024 ގެ ކުއާޓާ ފައިނަލުގައި ރޭ ސްވިޒަލޭންޑް ބަލިކުރީ ޕެނަލްޓީގައެވެ. ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވި އިރު، މެޗު 1-1 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި އިންގްލެންޑުން ހުރިހާ ޕެނަލްޓީއެއް ވައްދާލިއެވެ. ސްވިޒަލޭންޑްގެ ނާކާމިޔާބުވީ މެނުއަލް އަކާންޖީ ޖެހި ޕެނަލްޓީއެވެ.

ސްވިޒަލޭންޑުން ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ސެމީ ފައިނަލަށް ދާން ރޭ ނުކުތް މެޗުގައި ބްރީލް އެމްބޯލޯ ގޯލު ޖަހައި ލީޑު ނަގައިދިން ނަމަވެސް، އެޓީމަށް ސްކޯ ހިފަހައްޓައެއް ނުލެވުނެވެ. އަދި ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްވެސް، އިތުރު ގޯލެއް މެޗުގައި ޖެހޭ ގޮތެއް ނުވިއެވެ. ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު ޔަކިން ބުނީ ޓީމާ މެދު ވަރަށް ފަހުރުވެރިވާ ނަމަވެސް، ރޭ ކުރިމަތިލާން ޖެހުނީ ނުހައްގު ބައްޔަކާ ކަމަށެވެ.

"ވަރަށް ދެރަވެއްޖެ. އަހަރެމެން ވަރަށް ބޮޑަށް މަސައްކަތް ކުރިން، އެތައް ފުރުސަތެއްވެސް ތަނަވަސްކުރިން. އަހަރެން ގައުމަށްޓަކައި ދެރަވޭ. އިންގްލެންޑަށް ރޭގެ މެޗުގައި މާ ގިނަ ފުރުސަތެއްވެސް ނުލިބޭ. އަހަރެމެންނަށް ހައްގެއް ނޫން ގައުމަށް ދާކަނަށް. އެހެންނަމަވެސް ވަރަށް ފަހުރުވެރިވޭ،" ޔަކިން ބުންޏެވެ.

ޔަކިން އެހެން ބުނުމަށްފަހު ބުނީ "އެއްވެސް ބަހަނާއެއް ދައްކާ ފިލަން ބޭނުން ނޫން،" ކަމަށާއި ބަލިވީ އެވަރަށް މަސައްކަތް ނުކުރެވުނީ ކަން ގަބޫލުކުރާނެ ކަމަށެވެ. އަދި އޭގެ އިތުރުން ޕެނަލްޓީއަށް ގޮސް ސްވިޒަލޭންޑްގެ ނަސީބުވެސް ދެރަ ކަމަށް އޭނާ ބުންޏެވެ. ޔަކިން ބުނީ މިފަހަރުގެ މުބާރާތުގައި ބޮޑެތި ގިނަ ޓީމުތަކަކަށް ސްވިޒަލޭންޑްގެ ފަރާތުން އުނދަގޫތަކާ ކުރިމަތިވި ކަމަށާއި، އެކަމާ އުފާކުރާ ކަމަށެވެ.