އިންގްލެންޑަށް ބައެއް މެޗުތަކުގައި ރީތިކޮށް ކުޅުމަށްވުރެ މޮޅެއް މުހިއްމު ކަމަށާއި، ޓީމުން ބައެއް މެޗުތަކުގައި ކުރަނީ އެކަންތައް ކަމަށް ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.
އިންގްލެންޑުން ޔޫރޯ 2024 ގެ ކުއާޓާ ފައިނަލުގައި ރޭ ސްވިޒަލޭންޑް ބަލިކުރީ ޕެނަލްޓީގައެވެ. ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވި އިރު، މެޗު 1-1 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި އިންގްލެންޑުން ހުރިހާ ޕެނަލްޓީއެއް ވައްދާލިއެވެ. ސްވިޒަލޭންޑްގެ ނާކާމިޔާބުވީ މެނުއަލް އަކާންޖީ ޖެހި ޕެނަލްޓީއެވެ.
ރޭގެ މެޗަށްފަހު ސައުތުގޭޓް ވަނީ އޭނާއަށް ޕާސަނަލީ މީޑިއާތަކުން ކިޔާ ފާޑުގެ އަސަރު ކުރާ ކަމަށް ބުނެފައެވެ. ހާއްސަކޮށް އިންގްލެންޑް ކޯޗުކަމުގައި އެއްވެސް އުފަލެއް ނުލިބޭނެ، އޭނާއަށް ކުރެވެނީ ބޭކާރު މަސައްކަތެއް ކަމަށްވެސް ސައުތުގޭޓް ބުންޏެވެ. އޭގެ އިތުރުން އޭނާ ބުނީ ބައެއް މެޗުތަކުގައި ރީތިކޮށް ކުޅުމަށްވުރެ، މޮޅެއް މުހިއްމު ވާނެ ކަމަށެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި ސްވިޒަލޭންޑް ކައިރީ ވަރަށް ރަނގަޅަށް ކުޅުނު އިންގްލެންޑް ޓީމުން. އަހަރެމެން ރޭ ޖެހުނު ބޯޅަ ގެއްލުނީމަ ޑިސިޕްލިންނާއެކު ޑިފެންސް ކުރަންވެސް. އަހަރެމެން ކުރިއަށް ޖެހުނީވެސް ރޭވި ގޮތަށް. އަހަރެމެންނަށް އެނގޭ ސަކާގެ ފަޅިން އެޓޭކް ކުރުމަކީ އެންމެ ފައިދާ ބޮޑު ގޮތްކަން. ރީތި ކުޅުމެއް ނޫން އަބަދު މުހިއްމީ. ބައެއް ފަހަރު ޖެހޭނެ މޮޅުވާން ކޮންމެވެސް އެހެން ގޮތެއް ހޯދަން. މިސާލަކަށް ސްޕެއިން ޖަރުމަނު ކައިރިން މޮޅުވީވެސް އެހެން،" ސައުތުގޭޓް ބުންޏެވެ.
ސައުތުގޭޓް އިތުރަށް ބުނީ އިންގްލެންޑުންވެސް ކުޅެން ބޭނުންވަނީ ބޯޅަ ހިފަހައްޓައިގެން ކުޅޭ، މީހުން ބަލާ ހިތްވާ ފުޓުބޯޅައެއް ނަމަވެސް އިދިކޮޅު ޓީމަކުން އެކަން ހުއްޓުވަން އެހާ ބޮޑަށް މަސައްކަތް ކުރާއިރު އެއީ އުނދަގޫ ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް މުބާރާތް ފެށުނުއިރުންސުރެ އިންގްލެންޑް އޮތީ ވަރަށް ބޮޑަށް ޕްރެޝަރުގައި ކަމަށާއި، އެންމެފަހުން ކުޅުނު ތިން މެޗުގައި ކުޅެން ޖެހުނީ ފަސް ޑިފެންޑަރުންގެ ޓީމުތަކާ ދެކޮޅަށް ކަމަށްވެސް ސައުތުގޭޓް ބުންޏެވެ.
އިންގްލެންޑުން އެންމެފަހުން ކުޅުނު ބޮޑެތި މުބާރާތްތަކުގައި ކުޅުނު ކުއާޓާ ފައިނަލުގެ ފަސް މެޗުން، ހަތަރު މެޗުން މޮޅުވެ، ސެމީއަށް ގޮސްފައިވެއެވެ. ސައުތުގޭޓް ބުނީ މިއީ ނިންމާލަން ބޭނުންވާ ހިސާބު ނޫން ކަމަށާއި، އަލަށް ގައުމަށް ޔޫރޯއެއް ހޯދައިދޭން ބޭނުންވާ ކަމަށެވެ.
އިންގްލެންޑުން މިފަހަރުގެ ޔޫރޯގެ ސެމީ ފައިނަލުގައި ނުކުންނާނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024