ރޭ ސްޕެއިނުން ޖަރުމަނާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗުގައި އަނިޔާވި ޕެޑްރީ ގޮންޒާލެސްއަށް ޔޫރޯ 2024 ގެ ބާކީ އޮތް މެޗުތަކުގައި ނުކުޅެވޭނެ ކަމަށް ނޫސްތަކުން ބުނެފިއެވެ.

ޕެޑްރީއަށް އަނިޔާވީ ރޭ ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގެ، ހަތަރުވަނަ މިނެޓުގައެވެ. ސްޓަޓްގާޓްގައި ރޭ ކުޅުނު މެޗުގައި ޕެޑްރީއަށް އަނިޔާވީ ޓޯނީ ކްރޫސްގެ ޗެލެންޖަކުންނެވެ. މެޗުގައި ފަހުން ކުޅެވޭތޯ މަސައްކަތް ކުރި ނަމަވެސް ޕެޑްރީ އަނިޔާ ބޮޑުވަރުވެ، އޭނާ ޖެހުނީ ބަދަލުކުރާށެވެ. ޕެޑްރީގެ ބަދަލުގައި ކުޅެން ނުކުތީ ޑެނީ އޮލްމޯއެވެ.

ޕެޑްރީގެ އަނިޔާއާ ގުޅިގެން ސްޕެއިނުން މިއަދު ބުނެފައި ވަނީ ޕެޑްރީ ވާތު ކަކުލުގެ ލަޓެރަލްއަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެއީ ގްރޭޑް ދޭއްގެ އަނިޔާއެއް ކަމަށެވެ. ޕެޑްރީއަށް ގެއްލޭނީ ކިތައް މެޗު ކަމެއް ސްޕެއިން ފެޑަރޭޝަނުން ޔަގީންކޮށްދީފައި ނުވި ނަމަވެސް، މީޑިއާތަކުން ބުނީ އަނިޔާގެ ގޮތުން ޔަގީނުންވެސް ޕެޑްރީއަށް މަހެއް ދުވަސް ގެއްލޭނެ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނީ ޕެޑްރީއަށް އަނިޔާވި ނަމަވެސް، ސްޕެއިނަށް ޔޫރޯ ނިމެންދެން އޭނާ ކޭމްޕްގައި މަޑުކުރާނެ ކަމަށެވެ.

މިހާތަނަށް ޔޫރޯގައި އެންމެ މޮޅަށް ކުޅެމުން އަންނަ އެއް ޓީމަކީ ސްޕެއިނެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗުންވެސް އެޓީމު މޮޅުވެފައިވާ އިރު، ގަދަ 16 ގައި ސްޕެއިން ވަނީ ފަސޭހަކަމާ އެކު ޖޯޖިއާ ބަލިކޮށްފައެވެ. އަދި އެޓީމުން ކުއާޓާ ފައިނަލްގައި ރޭ ވަނީ ޖަރުމަނު ބަލިކޮށްފައެވެ.

ޕެޑްރީގެ އަނިޔާގެ ސަބަބުން ރޭގެ މެޗަށްފަހު ކްރޫސް ވަނީ މައާފަށް އެދިފައެވެ. އަދި ޕެޑްރީއަށް އަނިޔާވީ ނޭނގި ކުރެވުނު ޗެލެންޖެއްގެ ސަބަބުން ކަމަށްވެސް ކްރޫސް ބުންޏެވެ.